ސްޓްރޯކް ޖެހުމުގެ ސަބަބުން މަރުވާ މިހުންގެ އަދަދު ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ސްޓްރޯކް ޖެހުމުގެ ތެރޭގައި މީހާ މަރުވުމުގެ ކުރިން މީހުން ސަލާމަތް ކުރެވިދާނެ ކަމަށް އެމެރިކާގެ ސައިންސްވެރިން ކުރި ދިރާސާއާކުން ދައްކައިފި އެވެ.
މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި ސްޓްރޯކް ޖެހުމުން މީހުން މަރުވާން ދިމާވަނީ ސިކުނޑީގެ ތެރޭގައި ލޭ ގަނޑުވުމުގެ ސަބަބުންނެވެ. މިކަން ހައްލު ކުރެވޭން އޮތީ ސިކުނޑީގައި އުފެދޭ ގަނޑު ލޭ ނެގުމުން ކަމަށް ވެސް މި ދިރާސާއިން ވަނީ ދައްކާފަ އެވެ.
ކުރީގައި ކުރި ދިރާސާތަކުން ދައްކާގޮތުގައި ސްޓްރޯކް ޖެހުމާއެކު މީހާ މަރުވާ ކަމަށްވެ އެވެ. އެހެން ނަމަވެސް އާ ދިރާސާއިން ދައްކާގޮތުގައި ސްޓްރޯކް ޖެހުމަށްފަހުގައި ވެސް ސިކުނޑީގައި އުފެދޭ މި ގަނޑު ލޭކޮޅު ނަގާލެވޭ ވަރުގެ ވަގުތުކޮޅެއް ލިބެ އެވެ. އެއީ ސްޓްރޯކްގެ އަލާމާތްތައް ފެންނަން ފަށާތާ ގާތްގަޑަކަށް ހަ ގަޑިއިރެވެ. އޭގެ ފަހުގައި އެމީހަކު ސަލާމަތް ކުރުމަކީ ނާދިރުކަމެއް ކަމަށް މި ދިރާސާގައި ބައިވެރިވި ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
މިގޮތަށް ދިރާސާތަކުން ދެއްކި ކަމުގައިވިޔަސް މިއީ ހުރިހާ ވައްތަރެއްގެ ސްޓްރޯކް ޖެހޭ މީހުންނަށް އޮތް ހައްލެއް ނޫނެވެ. މިއީ ހަމައެކަނި ސްޓްރޯކް ޖެހުމަށްފަހުގައި ވެސް ސިކުނޑިގެ ސެލްތައް ދިރި ހުންނަ މީހުންނަށް އޮތް ހައްލެކެވެ.
ސްޓޭން ފޯޑް ޔުނިވާސިޓީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ނިއުރޮލޮޖިކަލް ޑިސްއޯޑާސް އެންޑް ސްޓްރޯކް ގެ ޑޮކްޓަރުން ކުރި މި ދިރާސާގައި އެމެރިކާގެ 38 ހޮސްޕިޓަލެއްގެ 182 ބަލިމީހުން ވަނީ ސްޓަޑީ ކޮށްފަ އެވެ.
މި ދިރާސާގައި ޓްެސްޓްކުރި ބަލި މީހުންގެ ތެރެއިން 45 ޕަސެންޓް މީހުން ވަނީ 90 ދުވަސްތެރޭގައި މުޅިން ރަނގަޅުވެފަ އެވެ.
މިދިޔަ ބުދަ ދުވަހު ޑޮކްޓަރުން ވަނީ މި ދިރާސާ ނިންމުމަށްފަހު ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން ހުރިހާ މަޢުލޫމާތެއް ޝާއިއުކޮށްފަ އެވެ.
ސްޓްރޯކް ޖެހުމުގެ ކުރިން ފެންނާނެ އަލާމާތްތައް ކަމަަށް ޑޮކްޓަރުން ފާހަގަ ކޮށްފައިވާ ބައެއް އަލާމާތްތަކުގެތެރޭގައި ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ދިމާވުން، އަތުން ވާގި ދޫވުމާއި މޫނުމަތިން ވާގިދޫވުން ހިމެނެ އެވެ.