ފިލްމީ ތަރި ޒިޔާ އަދި ކޮޕީ އިއްސެ ގުޅިގެން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދާ ލަވަ އާއި ފިލްމު އަދި ޑްރާމާ އުފެއްދުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވުމުންނެވެ.
އަވަސް އަށް މައުލޫމާތު ދެމުން ޒިޔާ ބުނީ މި ޕްރޮޑަކްޝަން ހައުސްގެ ދަށުން ނުކުންނާނެ ފުރަތަމަ ފިލްމުގެ މަސައްކަތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި ކުޑަކުދިންގެ އެ ފިލްމުގެ ޝޫޓް ކުރާނީ ހދ. ކުޅުދުއްފުށީގަ އެވެ.
މި މަހު ޝޫޓިން ފަށާ އެ ފިލްމަކީ ކުޑަކުދިން ހިތްހަމަޖެހޭނެ ގޮތަށް އެ ކުދިންނަށް އިބްރަތްތެރި މެސެޖުތަކެއް ލިބޭނެ ގޮތަށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގައި ޒިޔާ ވެސް ފެނިގެންދާނެ އެވެ. މީގެ ކުރިން ވެސް ކުޑަކުދިންގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ "ޝޭހު" ކެރެކްޓާ އިންނެވެ.
ޒިޔާ ބުނީ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ތަކެތި މިހާރު ހަމަވެފައިވާ ކަމަށާއި ބެލުންތެރިނާ ހަމައަށް ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ގެނެސްދޭނެ ކަމަށެވެ.
ޒިޔާ އަދި ކޮޕީ އިއްސެ ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރިފްއަތު ކިޔާފައިވާ އާ ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.
ރިފްއަތު އެކްޓުކޮށް އަދި ކިޔާފައިވާ "މިރޭ ހާދަ ޗާލޭ" ލަވައިގެ ވީޑިއޯގައި އޭނާ ފެނިގެންދާނީ އަރަމުން އަންނަ ތަރިއެއް ކަމަށްވާ މަލް އާއެކު އެވެ.
ކޮޕީ އިއްސެ ޑައިރެކްޓުކޮށްފައިވާ މި ލަވަ އަންނަ ހަފްތާގެ ތެރޭގައި ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ. ޕޯސްޓް ޕްރޮޑަކްޝަން އަދި އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ އަހްމަދު ޒިޔާ އެވެ. ކެމެރާ ކޮށްފައިވަނީ ދަބަ އާއި އުންމީދު ޒާހިރު އެވެ.
މި ލަވައިގެ އިތުރުން ރިޕްއަތުގެ އެހެން ވީޑިއޯ ލަވައެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެ ލަވާގައި ރިޕްއަތު ފެނިގެންދާނީ ރިޝްފާ އާއެކު އެވެ. ޝޫޓިން މިހާރު ނިމިފައިވާ އެ ލަވަވެސް ބެލުންތެރިންނާ ހަމައަށް އަވަހަށް ގެނެސްދޭނެ ކަމަށް ޒިޔާ ބުންޏެވެ.