އިމްރާން އަބްދުﷲ

މިހުރީ 1000 ދުވަސް ކުރިން ވެސް ހުރި ގޮތުގައި: އިމްރާން

ޖަލުގައި ހުންނެވި ނަމަވެސް އަދިވެސް ދެމި ހުންނެވީ އިސްލާހަށް ފެށި މަސައްކަތުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވެއްޖެެ އެވެ.

އިމްރާން ޖަލަށް ލީތާ 1000 ދުވަސް ފުރުމުގެ ހިތާމަ ފާޅުކޮށް، އެކަމާ ދެކޮޅަށް އަޑު އުފުލަން އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާއަށް ފޮނުއްވި ހިތާބެއްގައި އިމްރާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ.

"... ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް އަރުވަން ބޭނުންވާ ކަމަކީ މީގެ 1000 ދުވަސް ކުރިން ، މާތްވެެގެންވާ އިސްލާމްދީނާ އަޅުގަނޑުމެން ހިތުގެ އެންމެ ފުންމިނުން ލޯބި ކުރާ މި ދިވެހި ގައުމާ ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ ހައްގުގަައި އަޅުގަނޑު ދައްކަމުން ގެންދިޔަ ވާހަކަތަކާ ފާޅުކުރަމުން ގެންދިޔަ ޝުއޫރުތަކުގެ މަތީގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހި އަޅުގަނޑު ސާބިތުވެ ހުރިކަން،" މިރޭގެ ޖަލްސާއަށް އިމްރާން ފޮނުއްވި ހިތާބުގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ ހައްގުގައި ޕާޓީތަކުންނާއި ރައްޔިތުން އަޑު އުފުލާތީ ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.