ކުޅިވަރު

ރެއާލްއަށް އެންމެ މުހިންމީ ޗެމްޕިއަންސްލީގް: ރޮނާލްޑޯ

ރެއާލް މެޑްރިޑަށް އެންމެ މުހިންމު ތައްޓަކީ، ޔޫއެފްއާ ޗެމްޕިއަންސް ލީގް ކަމަށް، އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ ބުނީ، މި އަހަރުގެ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިއްޖެނަމަ، ވެގެންދާނީ ރެއާލްއަށް އާދަޔާ ހިލާފު ސީޒަނަކަށް ކަމަށެވެ. މިދިޔަ ދެ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރީވެސް ރެއާލް މެޑްރިޑުންނެވެ.

"ސްޕެނިޝް ލީގްގައި އަހަރެމެންނަށް ފެށުނީ ރަނގަޅަކަށް ނޫން، އަހަރެމެން މި ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި،" ރޮނާލްޑޯ ބުންޏެވެ. "އެކަމަކު މިހާރު އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ، ސަބަބަކީ އެއީ [ޗެމްޕިއަންސް ލީގަކީ] އަހަރެމެންނަށް އެންމެ މުހިންމު މުބާރާތް."

މި ސީޒަންގައި ވެސް ޗެމްޕިއަންސް ލީގްގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ ރޮނާލްޑޯގެ ނަމަވެ. އޭނާ ވަނީ ގުރޫޕް ސްޓޭޖު ނިމުނު އިރު ނުވަ ލަނޑު ޖަހާފަ އެވެ. ރޮނާލްޑޯ ބުނީ ރެއާލްއަށް، މިހާރު ލަލީގާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"ނަމަވެސް އަދި އަހަރެމެން ލީގް ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން، އަހަރެމެން އަތުން ކިތަންމެ ޕޮއިންޓްތަކެއް ގެއްލިފައިވީ ކަމުގައި ވީނަމަވެސް، އަހަރެމެން ޖެހޭނެ އެކަމަށް މަސައްކަތް ކުރަން."

އޭނާ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ލިބުމަކީ އޭނާ ހީކުރި ކަމެއް ނޫން ކަމަށެވެ. އަދި މިދިޔަ 10 އަހަރު މެސީ އާއި އޭނާ ބެލަންޑޯ އެވޯޑަށް ވާދަ ކުރުމަކީ ވަރަށް ބުރަ ކޮށް ކުރި މަސައްކަތް ކަމަށެވެ.

"އެއީ ވަރަށް ރަނގަޅު ވާދަވެރި ކަމެއް، އަހަންނާ އާއި މެސީ، މިދިޔަ ދެ އަހަރު ބެލަންޑޯ ހިއްސާ ކުރީ އަހަރެމެން ދެ މީހުން."