ކުޅިވަރު

2020 އަށް މޮރީނިއޯ މެންޗެސްޓާގައި

މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ، އެ ކުލަބާއެކު އޮތް ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ލުއިސް ވެންހާލް ދޫކޮށްލުމަށް ފަހު، އެ ޓީމުގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ. އޭރު ހެދި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ނިޔަލަށެވެ. މިހާރު ހެދި ކޮންޓްރެކްޓްގެ މުއްދަތު 2020 ގެ ނިޔަލަށް އޮތް ނަމަވެސް، އިތު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރުމުގެ އިހްތިޔާރު ކުލަބަށް ލިބެ އެވެ.

މޮރީނިއޯ ބުނީ، ޔުނައިޓަޑުން އޭނާއާ އެކު ކޮންޓްރެކްޓް އާ ކުރުމަކީ، އެ ކުލަބުން އޭނާ އަށް އިތުބާރު ކުރާ ކަމުގެ ހެއްކެއް ކަމަށާއި އެ ކުލަބަށް އެންމެ ކަމުދާ މެނޭޖަރަކީ އޭނާ ކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް، މި ޓީމުގެ މިތިބަ ހުނަރުވެރި ކުޅުންތެރިންނާއެކު މަސައްކަތް ކުރުން،" މޮރީނިއޯ ބުންޏެވެ. "އަހަރެންގެ އެންމެ ފުރަތަމަ ކޮންޓްރެކްޓް ހެދީ ތިން އަހަރަށް، އަހަރެމެން މިއަދު މި ނިންމީ ތިން އަހަރަށް ނޫން ކަން، ހަތަރު ނުވަތަ ފަސް އަހަރަށް ކަން، ކާކަށް އެނގޭނީ މިއަށްވުރެ މުއްދަތު އިތުރު ނުވާނެ ކަމެއްވެސް."

މޮރީނިއޯ ވަނީ އޭނާގެ ފުރަތަމަ ސީޒަންގައި ޔޫރޮޕާ ލީގާއި އީއެފްއެލް ކަޕް އެ ޓީމަށް ހޯދައިދީފަ އެވެ. މި ސީޒަންގައި އެ ޓީމު ވާދަ ކުރަމުންދަނީ، ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ވާދަވެރި މެންޗެސްޓާ ސިޓީ އެވެ.

މި ސީޒަންގައި، ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ޔުނައިޓަޑަށް އެބައޮތެވެ. މޮރީނިއޯ ބުނީ އޭނާގެ ޓާގަޓެކީ ސީޒަންގައި ތިން މުބާރާތް ހޯދުން ކަމަށެވެ.

ޔުނައިޓަޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވީ މޮރީނިއޯއެކު އެކުލަބު ކުރިއަށް ދަނީ، ކުލަބުން އުންމިދު ކުރި ގޮތަށް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެ ކުޅުންތެރިން ތަރައްގީ ކުރުމަށް ކުލަބު ބޭނުންވާ ގޮތަށް މޮރީނިއޯ މަސައްކަތް ކުރަމުން ދާކަމަށް ވުޑްވާޑް ވިދާޅުވި އެވެ.