ވާހަކަ

ކުރު ވާހަކަ: ހިމާޔަތެއް ނެތިފައި

ފުރަމެންދަމުގެ ވަގުތެވެ. މާލޭގެ އުތުރު ފަރާތު ބަނދަރުމަތީގައި ދުވާލު ގަޑީގައި އެހުންނަ ހަލަބޮލިކަން ކެނޑި، ދޭތެރެއަކުން ވޫސްލާފައި ދުއްވާފައި ދާ ސައިކަލެއްގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. މުޅި މާހައުލުވަނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ. ބަނދަރުގައި އަޅާފައިވާ ދޯނިތަކުގެ ފަޅުވެރިންވެސް ގަދަ ގުގުރީގައި ނިދާފައިތިއްބެވެ. ބަނދަރުމަތީގައި ތަރުތީބުން އަތުރާލާފައިވާ ބޮކި ދަނޑިތަކުގައި ރަސްކަން ކުރަމުން ދިޔައީ ޕަރުވާނާ ބައިގަނޑެކެވެ.

ބަނދަރުގެ މަގާވީ ދިމާއަށް އޮތް ތޮށިގަނޑުގައި އުމުރުން 17 އަހަރުގެ ޝާލިނީ އިނެވެ. ކައިރީގައި ހުރި ފޮށި ކިހިލިފައްޗާ ކައިރިކޮށްލައިގެން ފޮށީގައި އެއްއަރިއަކަށް ލެނގިލައިގެންނެވެ. ނިދިޖެހެން ފެށުމާއެކު އޭނާ ދެލޯ ބޮޑުކޮށް މަގުގެ ދެކޮޅު ހޯދާ ބަލާލައެވެ. ކޮންމެވެސް މީހަކަށް ފިލަން މަސައްކަތް ކުރާ މީހަކު ފަދައިންނެވެ.

ނިދިޖެހި ތާލި ޖެހެމުން ދިޔަ ޝާލިނީ ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތްބާވާލުމުންނެވެ. ކުރިމަތީ ނުބައި ވައްތަރަކަށް ހެވިފައި ހުރީ ފަންސާހަކަށް އަހަރުގެ ފިރިހެނެކެވެ. ބަލާބެލުމަށް ވައްތަރީ ބިދޭސީއަކާއެވެ. ޖީބުން 500 ރުފިޔާނަގާ ދައްކާލަމުން ކުރިއަށް ހިނގައި ގަންނަމުން ލޮލުގެ އިޝާރާތުން އެމީހާގެ ފަހަތުން އައުމަށް އެދުނެވެ. ޝާލިނީ ނުތެދުވުމުން އެމީހާ ހުއްޓި އަނެއްކާވެސް އަންނަން ފެށީ އޭނާއާ ދިމާލަށެވެ. މަޑުމަޑުން، އަރައިގެން އިން ފައިވާން ކިބަ ނަގައި ޝާލިނީ ގައިގައިހުރި ބާރެއްލައި އޭމީހާއާ ދިމާއަށް ހޫރާލައިފިއެވެ. ފައިވާން ކިބަ ގޮސްޖެހުނީ އެމީހާގެ މޫނުމަތީގައެވެ. ދެން ވެސް އެމީހާ ނުދިއުމުން އަނެއްފައިވާންކިބަވެސް ނަގާ ހޫރާލައިފިއެވެ. 

" އޭތް ކަލޭ މޮޔަ ވައްތަރު ހުންނަނީ ތަ؟" ދުއްވައިގަންނަމުން އޭނާ ބުނެލިއެވެ.

އެ މީހާ ދިއުމުން ޝާލިނީ ދެ ފައިވާން ކިބަ ނަގައިގެން އައިސް އަނެއްކާވެސް އެއިން ތަނުގައި އިށީންދެއްޖެއެވެ. އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އެފަދަ އެތައް ގޯނާއަކާ ޝާލިނީ ކުރިމަތިލާން ޖެހިފައިވާ ދުވަހެކެވެ. އަމިއްލަ ޤައުމުގައި ހިމާޔަތެއް ނެތި ތިބީ ޝާލިނީ ފަދަ ކިތައް އަންހެންކުދިން ހެއްޔެވެ؟ އެ ގޯނާތަކާ ފުރައްސާރަތައް ކުރުމުގައި ބިދޭސީއެއް ދޭސީއެއް އިސްތިސްނާއެއް ނުވެއެވެ. 

ހަގީގަތުން އެއްކިބާވެ ތިބެ ގިނަފަހަރަށް ބޭރުފުށުން ފެންނަ ފެނުމަށް އެކުއްޖަކީ "ނުބައި" ކުއްޖަކަށްވެ އަޚުލާޤީ އިމުން ބޭރުވެފައިވާ ކުއްޖަކަށް ހަދައި އެބައެއްގެ ނަޒަރުން އެކުދިން އެކަހެރި ކުރެއެވެ. އަމިއްލަ ނަފުސުގެ ނުޠާހިރުކަމާމެދު ވިސްނުމުގެ ބަދަލުގައި އެހެން މީހުންގެ ސާފުކަމާ މެދު ސުވާލު އުފައްދަނީ ކިތައް މީހުންހެއްޔެވެ؟ އެފަދަ ވިސްނުންތަކުގެ ފިކުރުގައި އަޅުވެތިވެ މަގުން ކަސިޔާރުވެގެން ދަނީ ޝާލިނީ ފަދަ ކިތައް ކުދިންހެއްޔެވެ؟ ހިތަށް އަރައި ފައިބަން ފެށި ސުވާލުތަކާއެކު އަމިއްލަ ހަށިގަނޑަށް ޝާލިނީއަށް ނަޒަރު ހިންގާލެވުނެވެ.

ލައިގެން އިނދެވުނީ ޝާލިނީވަރުގެ ދެމީހުނަށް އެރެވޭވަރުގެ ބޮޑު އަޅިކުލައިގެ ޓީޝާޓަކަށެވެ. ފައިގެ ކަށިމައްޗާ ހަމައަށް އަރާ މިލަވެފައިވާ ހުދުކުލައިގެ ފުޅާ ހަރުވާޅުގެ ކޮޅުން ތަންގަނޑެއް ވީދިފައިވެއެވެ. ބުޅި އިސްތަށިގަނޑުވަނީ ހޭވި ހާވިޔާވެފައެވެ. 

މީގެ 10 އަހަރު ކުރިން ޝާލިނީވެސް މާލެއައީ ކިޔެވުމަށެވެ. އުމުރުން އެންމެ ހަތް އަހަރުގެ ތަންދޮރުވަކިނުވާ ކުޑަކުއްޖެއްގެ ގޮތުގައިހުރެއެވެ. އޭނާ އަމިއްލަ އިޚްތިޔާރާއި އެދުމާ ދެކޮޅަށެވެ. ކާސިމަކީ ޝާލިނީގެ ރަށަށް އައި މެހެމާނެކެވެ. ބައްޕަ ރިސޯޓު ވަޒީފާ ގައި އުޅުނު އިރުގެ ގާތް ރައްޓެއްސެކެވެ. މާލޭގެ ގެދޮރުވެރިއެކެވެ. އެދަތުރުގައި ކާސިމާއި ކާސިމްގެ ހަތް މެންބަރުންގެ މައްޗަށް ހިމެނޭ ބޮޑު އާއިލާ ބޯހިޔާވަހިކަން ހޯދީ ޝާލިނީމެންގެ ގޭގެ ފުރާޅު ދަށުންނެވެ. ފޫހިކަމެއްނެތި އެމީހުންނަށް ޝަލިނީގެ މަންމަ މެހެމާންދާރީ އަދާކުރިއެވެ. ކާންދިނީ މަންމަމެންގެ ނެތް ފެންވަރުންނެވެ. ރަސްކަލަކަށްވެސް ނާރުވާ ވަރުގެ ޢިއްޒަތާއި ޝަރަފު އެމީހުނަށް އެރުވިއެވެ.

 

ބަދަލުގައި އެމީހުން އެދުނީ ޝާލިނީއަށް ކިޔަވައިދިނުމަށް މާލެ ގެންދިއުމަށެވެ. އެ އެދުމަށް އާންބަސް ބުނަން ފުރަތަމަ ޝާލިނީގެ މަންމަ ފަސްޖެހުނެވެ. ކިޔަވައިދޭން ބޭނުން ނުވާތީއެއް ނޫނެވެ. އެ މަންމަގެ ދެލޮލުގެ ނޫރުއާ ވަކިވުމަކީ މީގެ ކުރިން ތަޖުރިބާކޮށްފައިވާ ކަމެއްކަމުގައި ނުވާތީއެވެ. މާލޭގެ ތަހުޒީބު މީހުންގެ ތެރޭގައި ޝާލިނީފަދަ ރަށްފުށުގެ ކުއްޖަކު ގޮސް ފައިތިލަ ސާބިތުކުރާނެ ގޮތަކާމެދު ވިސްނުނީތީއެވެ. އެމީހުންގެ ހުރިހަމައެކަނި ދަރިފުޅު ޝާލިނީ ކަރަ ކަރައަށް ގޮސް ކިޔަވައިގެން މޮޅު މީހަކަށް ވުމުގެ ހުވަފެން އޭނާވެސް ދެކެއެވެ. ޝާލިނީގެ މަންމަ ވިސްނުމަކަށް ގެއްލިފައި އިންދައި، ޝާލިނީގެ ބައްޕަ ނިކަން ފަސޭހައިން އެކަމަށް ރުހިއްޖެއެވެ. އަމިއްލަ ދަރިއަށްވުރެ ބޮޑަށް އޭނާއަށް ވިސްނުނީ ރަހުމަތްތެރިޔާ އާމެދުގައެވެ. ކުޑަ ކުޑަ ޝާލިނީގެ ރުއިމާއި، މަންމަ ކައިރިން ދުރަށް ނުގެންދިއުމަށް ކުރި އާދޭސްތައް ވީ ބޭކާރެވެ.

މޫސުން ރީތި ދުވަހެއްގައި ދީފައިވާ އަތްވާއެކު ވެހެމުންދިޔަ ހިމަފޮދުވާރޭ ހުރަސްކޮށް ކާސިމްގެ ޢާއިލާއާ އެކު ޝާލިނީ ރަށުން ފުރިއެވެ. ފެންކަޅިވެފައިވާ މަންމަ އާ ބައްޕަގެ މޫނަށް ބަލަން އިނދެ ޝާލިނީ ރުޔެވެ. ބޯޓު ރަށުން ފުރައިގެން ، ރަށާ ދުރަށް ދިޔަ ވަރަކަށް ޝާލިނީއާއެކު މަޖާކުރި ކާސިމްގެ ދަރިންނާއި އާއިލާއަށް ޝާލިނީ ބީރައްޓެހި ވަމުން ދިޔައެވެ. އެއްޗެއް މިލްކުނުވާއިރު އެއެއްޗެއް ލިބުމަށް އެދި، އެއެއްޗެއް ލިބުމުން ފޫހިވާ އުސޫލުންނެވެ. ޝާލިނީއަށް މާލެފޭބުމާއެކު އުޑާ ވާހަކަ ގޮވާ ހަމައަށް އުފުލާ ކޮޅަށް ނަގާފައިވާ ޢިމާރާތްތަކާއި، ހިމަ މަގުތަކުގައި ބާރު ބާރަށް ދުއްވަމުންދިޔަ ދުއްވާ އެއްޗެހި ފެނި ޝާލިނީ ބިރުގަތެވެ. ގެއަށް ދިއުމަށްޓަކައި ކާރަށް އަރަން ގޮސް ދުއްވާ އެއްޗެއް އަންނަ އަޑު އިވުމާއެކު ހުއްޓެވެއެވެ. ޝާލިނީގެ މި "ނާތަހުޒީބު" ކަން ފެނި ކާސިމްގެ ދަރިންނާއި އަނބިމީހާވެސް ނިކަން ހިނިއައެވެ.

ޝާލިނީ، އެގެއަށް ދިޔަ ފުރަތަމަ ދުވަހުވެސް އެމީހުން އޭނާ އަށް މަރުހަބާ ކީ ބަދިގެއިންނެވެ.

ޝލިނީ ރަށުންގެނައި ތަންމަތި ބޮނޑި ބަދިގެ ތެރެއަށް އެއްލަމުން އޭނާ ނިދަން އޮތް ތަނަކީ މިއީ ކަމުގައި ބުނެދިނެވެ. ޢުމުރުން 7 އަހަރުގައި ޝާލިނީގެ ދިރިއުޅުމުގައި ދެން ފެށިގެން ދިޔައީ ދުވަހަކު ހުވަފެނުންވެސް ނުދެކޭ ފަދަ ބާބެކެވެ.

މިހެން މިވަނީ ކީއްވެކަން ނޭނގި ބިރާ ސިހުމުގައި ޝާލިނީ ދުވަސްތައް ހޭދަކުރަންފެށިއެވެ. ސުކޫލަށް ވައްދަން ގެނައި ކުއްޖެއް ނަމަވެސް، އޭނާ ދަސްކުރަން ޖެހުނު ފިލާވަޅަކީ ބަދިގޭގައި ކެއްކުމެވެ. ގޭ އެންމެން ގެ އެއްޗެހި ދޮވެ އިސްތިރި ކުރުމެވެ. މުޅި ގެ ސާފުކޮށް ފެންފޮތި ލުމެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ހައްޓަށް ނުކަތާވަރަށް ބުރަމަސައްކަތްކުރަން ފެށުމުން ޝާލިނީގެ ޅަހަށިގަނޑުގައި ވޭންއަޅައި ބަލިކަށިވާން ފަށައިފިއެވެ. ރަށުގައި އުޅުން އިރާ ޚިލާފަށް އެވޭންތަކުގެ ވާހަކަ ދައްކާނެ އެކަކުވެސް މިތަނަކުނެތެވެ. މަންމަ އާއި ބައްޕަވެސް ޝާލިނީއަށް ގުޅަނީ ހާލަކުން ފަހަރަކުއެވެ. ފޯނުކާޑު ގަނެގެން އިރު އިރުކޮޅުން ގުޅާނެހާ ތަނަވަސް ކަމެއް އެމީހުންގެ ނެތެވެ.

ގުޅާފަހަރަކުވެސް ކުޑަކުޑަ ޝާލިނީ ވެއްޓިފައި މިވާ އަނދަވަޅުގެ އަނދިރިކަން ބަޔާން ކޮށްދެވޭ ވަރެއް ނުވެއެވެ. ކާސިމްގެ އަންހެނުން ފުސްމޫނާއެކު ކައިރީގައި ޖައްސާފައިހުންނާތީއެވެ. އެއަންހެންމީހާ މަންމަ އާ ވާހަކަ ދައްކާލެއް އޯގާތެރިކަމުން ޝާލިނީ ފަކީރު އުޅޭ ޙާލެއް މަންމަމެންނަށް ރޭކާވެސް ނުލައެވެ. ދޭތެރެއަކުން ޝަލިނީގެ ބައްޕައާއި މަންމަ މާލެ އަށް އަންނަ ދަތުރު ތަކުގައި އެމީހުނަށް ފެންނަނީ ޝާލިނީގެ ދެވަނަ މަންމަ ފަދަ އޯގާތެރި އަންހެނެކެވެ. އެ ހީލަތްތެރިކަމާއި މަކަރުވެރިކަމުގެ ފުރަގަހުގައި ފޮރުވިފައިވާ ޝައިޠާނީ އަންހެނާ އެމީހުންނަށް ފެންނަ ނަމަ، ޝާލިނީގެ މޫނު މަތީގައި ތާ އަބަދު ފެތުރިފައިވާ އުދާސްކަން އެމީހުންނަށް ވަޒަންކުރެވުނީހެވެ. ޝާލިނީމަންމަމެން އެހެން ކުރި ދަތުރުތަކުގައި ސުކޫލުގެ ވާހަކަ ދައްކަން ފެށުމުން ޖާގަ ނުލިބިގެން ކަމަށްބުނެ ބަހައްޓަ ބަހައްޓާފައި، އެންމެ ފަހުން މާލޭގެ ވަރަށް އާދައިގެ ސުކޫލަކަށް ވައްދައިފިއެވެ. ކިޔަވަން ދިޔަޔަސް ޝާލިނީއަށް ކިޔަވާނެ ވަގުތެއް ނުވެއެވެ.

ޝާލިނީއަށް އެއްކަމަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއްކަންތައް އައިސް ބޯމަތިވާންފެށިއެވެ. ކާސިމްގެ އަނބިމީހާގެ ބޮޑުބޭބެ ރިޔާޒު އެގެއަށް އައެވެ. އޭނާއަކީ ބޯޓުދަތުރުކުރާ މީހެކެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ބަލިކަށިކަމާއެކު ގޮތް ހުސްވެފައިވާ ޝާލިނީއެވެ.

އެދުވަހަށްފަހު ސިއްރިއްޔާތުގައި ޝާލިނީއަށް ރިޔާޒުދޭންފެށި ޖިސްމާނީ އަނިޔާތަކުގެ ސިލްސިލާ ފެށިގެން ދިޔައެވެ. ތަދާއި ވޭނުގައި، އެއަނިޔާއިން ރެކިގަތުމަށް ޝާލިނީ ތެޅި ފޮޅުނެވެ. އެހުރިހާ ކަމެއް އެނގުނުހިސާބުންވެސް ކާސިމާއި ކާސިމްގެ އަނބިމީހާ ވެސް އަންހެނަކަށްވެ ހުރެވެސް އެކަންތައް ހެދީ ނުފެންނަކަމަކަށެވެ. މީހެއްގެ ދަރިއަކަށް ކިތަންމެ ބޮޑު އަނިޔާއެއް ލިބެމުން ދިޔަޔަސް އެމީހުންނަށް ކީއްހެއްޔެވެ؟ އެމީހުންގެ ހުރިހާ ދަރިން ވީ އަވައްޓެރި ޤައުމަކަށް ކިޔަވަންގޮސް ވިއްޔާއެވެ. ޝާލިނީގެ ޢުމުރު ޒުވާންކަމާ ދިމާއަށް މިސްރާބު ޖަހަމުން ދިޔައިރު، އެ އަނިޔާ، ލިބެމުންދިޔަ އަންހެންކުއްޖާގެ މިޒާޖު ބަދަލުވަމުންދިޔައެވެ. ރުޅިއާއި ނަފުރަތުން ފުރިފައިވާ ކުއްޖަކަށް ބަދަލުވަމުން ދިޔައެވެ. ހުރިހާ ކަމެއް ތަޙައްމަލް ކުރަމުންގޮސް އެންމެ ފަހުން މިހިމޭންކަން ފޫވައްޓާލުމަށްފަހު އޭނާގެ މަންމަމެންނަށް ހަގީގަތް ބުނެދިނުމަށް ނެގި ފިޔަވަޅާއެކު ދިމާވީ އަނެއްކަންތަކެވެ. އޭނާއަށް ސިއްރުން ރިޔާޒު ނަގާފައި ހުރި ފޮޓޯތައް ބޭޒާރުކޮށްލާނެކަމުގެ ބިރު ދައްކަން ފެށީއެވެ. އެހިސާބުން އެމީހުންރޭވި ކުޅިގަނޑު މާ ނުބައެވެ. ޝާލިނީގެ މަންމަމެންނަށް ގުޅައިގެން ޝާލިނީ އުޅެނީ ވަރަށް ވިޔާ ނުދާކޮށް ކަމުގައި ބުނެ އެމީހުންގެ ހިތުން ޝާލިނީއަށް އޮތް އިތުބާރު ނަގާލިއެވެ. މަންމަ އެމީހުންގެ ވާހަކަ ޤަބޫލު ނުކުރިއަސް ބައްޕަގެ ރުޅި އަމާޒުވީ ސީދާ ޝާލިނީއަށެވެ. އައި ރުޅިން ބައްޕަ ޝާލިނީ ރަށަށް ގެންދަން އުޅުނެވެ. ބައްޕަގެ އެ ނިންމުމާމެދު ހިތުގެ އަޑިން އުފާކުރަމުން ދަނިކޮށް، އެ ކުޑަހިނދުކޮޅުގެ އުފާތައްވެސް ފޭރިގަތީ ރިޔާޒެވެ. އިސްލާޙު ކުރުމުގެ ނަމުގައި މާލޭގައި ބެހެއްޓުމަށް އެދުނު އެދުމަށް ޝަލިނީގެ ބައްޕަ އަނެއްކާވެސް ބުނީ އާންބަހެވެ.

އެންމެ ފަހުން ވާންހުރި ކަމެއް ވާން ދޫކޮށްލުމަށްފަހު، ޝާލިނީ އޭނާގެ މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ތިމާގެ ދަރިއަކު އެފަދަ މަރުހަލާއެއް ކަޑައްތު ކުރަމުންދާކަން އެނގޭ ހިނދު ކެތްވާނީ ކޮން މައެއްގެ ލަގޮނޑިއަށް ހެއްޔެވެ؟ މަންމަ ޝާލިނީގެ ވާހަކަ ޤަބޫލު ކުރިއެވެ. ރިޔާޒު ގެ މަކަރުވެރި ވާހަކައަށް ހެއްލި ބައްޕަ ހުރީ ގަބޫލުކުރަންވީ ކާކުގެ ވާހަކައެއްކަން ނޭނގިފައެވެ. އެދުވަހު އައި ރުޅިން ރިޔާޒު ޝާލިނީގެ ފޮޓޯތައް އިންޓަނެޓަށް ލިއެވެ. ރާޅުތަކުގެ ވަރު އެނގޭނީ ކަނޑުވީމައޭ ބުނާ ބީދައިން، ކުރިމަތިލާންޖެހުނު ބޮޑު ބަދުނާމާއެކު ޝާލިނީވެސް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު އެޅިއެވެ. ފުލުހުންނަށް ގުޅައި އޭނާއަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ ބުނެދިނެވެ. އެއާއެކު ރިޔާޒުއާއި ކާސިމް އަދި އޭނާގެ އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ޝާލިނީ ފޮށިތަންމަތި ހިފައިގެން މިރޭގެ އެދަންވަރު އެ ގެއިން ނުކުތީ އެގޭގައި އުޅެން ބޭނުން ނުވާތީއެވެ. ރަށަށް ދާ ބޯޓަކުން ރަށަށް ދިއުމަށްޓަކައެވެ. މާދަމާގެ އިރާއެކު އެންމެން ކުރިމަތީ ޝާލިނީގެ ޖިސްމު ނީލަން ކިޔުނަސް އޭނާގެ ފަރުވާލެއްނެތެވެ. މަލާމާތުގެ ކަނޑަކަށް ގަންބާލިޔަސް އޭނާއަށް ވަރިހަމައެވެ. ލަދުގަނެ އިސްޖަހަން ޖެހޭނީ އެހެން ބައެކެވެ. އޭނާ ކުށެއްނުކުރެއެވެ. ކުށްކުރީ އެހެން ބައެކެވެ. މަލާމާތް ލިބެންޖެހޭނީ އޭނާއަކަށް ނޫނެވެ. އެހެންބަޔަކު ކުރިކުށެއްގެ ސަބަބުން ހިމާޔަތެއް ނެތިފައި އިންނަންވީ ކީއްކުރަންހެއްޔެވެ؟ (ނިމުނީ)