ގިނަ ދިވެހި އައިލާތަކަށް ވެސް ބޮޑު ކަމެއް ދިމާވާ ވަގުތު ގިނަ ފަހަރަށް އެއްވެސް ކަހަަލަ ލައިފް އިންޝުއަރެންސްއެއް ކޮށްފައި ނެތުމުން އެ ކަމަކުން އަރައިގަތުމަށް އެތައް ދަތިތަކާއި ކުރިމަތިލާންޖެހެ އެވެ. ލައިފް އިންޝުއަރެންސް އެއް އޮތުމުގެ މުހިންމުކަން ދަނެގަނެވެނީ ވެސް އެހާ ހިސާބުންނެވެ.
ދިރިއުޅުމުގައި ބޮޑު ކަމެއް ދިމާވާނީ ކޮން ވަގުތަކުކަން ނޭނގޭއިރު މެދުވެރިވެދާނެ ކޮންމެ ހާލަތަކަށް ވެސް ތިބެންޖެހޭނީ ދުރާލާ ތައްޔާރުވެގެންނެވެ. ބައެއް ފަހަރު ދިރިއުޅުމުގައި ބޮޑެތި ކަންތައްތަކަށް ފިޔަވަޅު އަޅާއިރު އެ ފިޔަވަޅު އެޅުމުން ފަހަރުގައި ލިބިދާނެ ގެެއްލުމަކަށް ވެސް ހިމާޔަތް ހޯދާނެ ގޮތެއް ރޭވިފައި އޮތުން މުހިންމެވެ.
އެތައް މިތަނަށް ދަތުރުތައް ކުރާއިރު ޓްރެވަލް އިންޝުއަރެންސްއެއް އޮންނަނީ ކިތައް މީހުންގެ ހެއްޔެވެ. ދަތުރުތައް ގޮސް އުޅޭއިރު ލަގެޖާއި އެނޫން ވެސް އެއްޗެއް ގެއްލިއްޖެ ނަމަ އޭގެ ބަދަލު ހޯދާނެ ގޮތެއް ވިސްނާފައި އެބައޮތްތޯ އެވެ. ކާރެއް ނުވަތަ ސައިކަލެއް ގެންގުޅޭނާމަ އެ ތަކެތި ހުރީ އިންޝުއަރެންސް ކުރެވިފައިތޯ އެވެ.
އަމިއްލަ ގެދޮރު ހުރީ އިންޝުއަރެން ކުރެވިފައިތޯ އެވެ. އަލިފާނުގެ ހާދިސާއެއް ނުވަތަ އެ ނޫންވެސް ހިތާމަވެރި ހާދިސާއެއް ހިނގާ އެފަދަ އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އޭގެ ބަދަލު ހޯދަން ދެން ހަދާނީ ކިހިނެއް ހެއްޔެވެ. މިފަދަ ދަނޑިވަޅުތަކުގައި ލައިފް އިންޝުއަރެންސެއް އޮވެއްޖެނަމަ ތިމާގެ ހައްޓަށް ވެސް ލުއިކަމެއް ލިބޭނެ އެވެ.
ބޮޑު ބައްޔަކަށް ބޭސް ކުރަންޖެހޭ ވަގުތު އަތުގައި ފައިސާ ނެތުމަކީ ދިވެހިންނަށް މިހާރު ދިމާވާ އާންމު ކަމެކެވެ. މިހެން ވާން މެދުވެރިވަނީ ވެސް ދުރާލާއި މުސްތަގުބަލާއިމެދު ވިސްނާނުލެވި އޮތުމުންނެވެ. މުސްތަގުބަލަށް ވިސްނާ މިއަދު ރައްކާތެރިވާނެ ފާރެއް ރާނަން އެބަޖެހެ އެވެ.
ފަހަރުގައި މިހެން ވަނީ އިންޝުއަރެންސްއަށް އަހަރެމެން ދިވެހިންގެ މެދުގައި އޮތް ހޭލުންތެރިކަން ކުޑަވުމުން ކަމަށްވެސް ވެދާނެ އެވެ. އިންޝުއަރެންސްއަކީ ކޯއްޗެއްތޯ ދިވެހިން ކައިރި އެހުމުން ޖަވާބަކަށް ވެސް ލިބެނީ އެއީ ބޮޑެތި ކުންފުނިތަކާއި ވިޔާފާރީވެރިން އެމީހުނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ކުރާ ކަމެއް ކަމަށެވެ.
އިންޝުއަރެންސް ކުންފުނިތައް ވެސް މިހާރު ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މި ވިސްނުން ދޫކޮށްލައި ތިމާ އާއި ތިމާ ލޯބިވާ އަނބި ދަރިންގެ މުސްތަގުބަލަށްޓަކައި މިފަދަ ފަރާތެއްގެ އެހީތެރިކަން ހޯދާ މުސްތަބަލަށް ރައްކާތެރި ދަތުރެއް ރާވާށެވެ. ތިމާ ނެއްދުވަހަކުންވެސް އެ މީހުނަށް ފާގަތި ދިރިއުޅުމެއް ހޯދާ ދިނުމަށްޓަކަ އެވެ.