ހަބަރު

ޖެންޑާ މިނިސްޓާ ލާއޯސްއަށް ރަސްމީ ދަތުރެއް ކުރައްވައިފި

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ލާއޯސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި މަހު 22 އިން 26 އަށް އެކަމަނާ ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ލޭބާ އެންޑް ޝޯޝަލް އެންޑް ވެލްފެއާ މިނިސްޓަރު ސޮމްފެންގް ޒޭސްމްފެންއާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓާ ވަނީ ޖެންޑާ އިން ކުރަމުންގެންދާ މަސައްކަތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނާއި އަންހެނުންގެ ހައްގުތަކަށް ދެ ގައުމު ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ދަތުރުފުޅުގައި މިނިސްޓާ ވަނީ ލާއޯސްގެ އަންހެނުންގެ ހައްގުތަކާއިބެހޭ ރަސްމީ އިދާރާ ކަމުގައިވާ "ލައޯސް ވިމެންސް ޔޫނިއަން" ގެ ރައީސްއާއިވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ހޯދާދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގުރާމްތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާފަ އެވެ.

މީގެ އިތުރުންވެސް އެ ގައުމުގައި ހުރި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވާ އެ މަސައްކަތްތައް ހިނގާގޮތައި ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވި އެވެ. ދެ ޔަތީމު ހާނާއަކަށް ޒިޔާރަތް އެ ތަނުގެ މެނޭޖުމަންޓާއި ބައްދަލުކުރައްވާ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުންދާ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ހިޔާލު ބަދަލުކުރައްވާ މަޝްވަރާކުރައްވާފައިވެސްވެ އެވެ.

މި ދަތުރުފުޅުގައި މިނިސްޓާ ވަނީ ލާއޯސްގެ ފޮރިން މިނިސްޓަރު ސަލުމްޒޭ ކޮމަސިތްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ކުދި ގައުމުތަކުގެ ތަރައްގީއަށް ހުރި ގޮންޖެހުތަކާއިބެހޭ ގޮތުން ހިޔާލު ބަދަލުކުރައްވާ ރާއްޖެއާއި ލާއޯސްގެ ދެމެދުގައި އޮންނަ ގުޅުން އިތުުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.