އެފްއޭ ކަޕްގެ ހަތަރު ވަނަ ރައުންޑްގައި ޔޮލްވިލް ޓައުންއާ ދެކޮޅަށް ކުޅުނު މެޗަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ، އެ ޓީމާ އަލަށް ގުޅުނު ޗިލީގެ އެލެކްސިސް ސަންޗޭޒްއަށް ފުރުސަތު ދީފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ސަންޗޭޒް އަކީ ޔުނައިޓަޑްގެ ޓީމަށް އިތުރުވި އާދަޔާ ހިލާފު ކުޅުންތެރިންއެއް ކަމަށެވެ.
ރޭ ގެ މެޗުން ޔުނައިޓަޑް މޮޅުވީ 4-0 ންނެވެ. ޔުނައިޓަޑްގެ ފުރަތަމަ ދެ ލަނޑު ޖެހުމަށް، ސަންޗޭޒް ވަނީ ހިއްސާވެފަ އެވެ. ޔުނައިޓަޑްގެ ފުރަތަމަ ލަނޑު މާކޮސް ރަޝްފާޑް ކާމިޔާބު ކުރީ ސަންޗޭޒް ދިން ބޯޅައިން ތަނަވަސްވީ ފުރުސަތަކުން ނެވެ. ދެ ވަނަ ލަނޑު އަނޑާ ހެރޭރާ ކާމިޔާބު ކުރީ ސަންޗޭޒް ދިން ޕާހަކުންނެވެ.
"އަހަރެން ވަރަށް ހިތްހަމަ ޖެހޭ [ސަންޗޭޒް ދެއްކި ކުޅުމާ މެދު]، ތިން އަހަރު ޕްރިމިއާ ލީގްގައި ހޭދަ ކޮށްފައި، ކޮންމެ ހަފުތާ އަކު ކުޅެފައި، އެންމެންނަށް ވެސް އެނގޭ އެލެކްސިސް އެއީ ކޮންކަހަލަ ކުޅުންތެރިޔެއްކަން،" މޮރީނިއޯ ބުންޏެވެ. "އިނގިރޭސި ފުޓްބޯޅައިގައި އުޅެފައި ޓީމަށް ރަނގަޅަށް ހޭނުމަކީ އުނދަގޫ ކަމެއް ނޫން، އެހެންވީމަ އެއީ އަހަރެމެން ހައިރާންވާންވީ ކަމެއް ވެސް ނޫން، އޭނާ އަކީ މޮޅު ކުޅުންތެރިޔެއް އޭނާ ވަނީ މެޗުގައި އެކަން ސާބިތު ކޮށްދީފައި، އެއީ އަހަރެމެން ޓީމަށް އިތުރުވި ތަފާތު ކުޅުންތެރިޔެއް."
ޔޮލްވިލް ޓީމުގެ ކުޅުންތެރިން ވަނީ ސަންޗޭޒް އަށް ގިނަ ޓެކްލްތަކެއް ކޮށްފަ އެވެ. މޮރީނިއޯ ބުނީ އިދިކޮޅުން ޓެކްލް ކުރި ނަމަވެސް ސަންޗޭޒް އެކަމާ ޑީލް ކުރި ގޮތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރެން ކުޅުންތެރިންނަށް ރަނގަޅަށް ކިޔާ ދިނިން، އަހަރެން ބުނިން ކުޅުންތެރިން ގާތު ފިޒިކަލް ޗެލެންޖަށް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށް، އަދި އެ ކަން ވެއްޖެނަމަ، ހިތްހަމަ ނުޖެހިގެން ގޯސް ފިޔަވަޅެއް ނޭޅުމަށް އަހަރެން ބުނިން، ބައެއް ފަހަރު ޓޮޕް ކުޅުންތެރިން ކޮންޓްރޯލުން ނެއްޓި އަމަލު ކުރެވޭ ގޮތުން މިކަހަލަ މެޗުގައި އެ ކުޅުންތެރިންނަށް ރެފްރީގެ އަދަބެއް އަންނަ ގޮތްވޭ،" މޮރީނިއޯ ބުންޏެވެ. "އަހަރެން ވަރަށް ހިތްހަމަ ޖެހޭ ސަންޗޭޒް އަމަލު ކުރި ގޮތާ މެދު."
ސަންޗޭޒް އަކީ ޗިލީއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޔުނައިޓަޑްގެ ފުރަތަމަ 11 ގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. މޮރީނިއޯ ބުނީ ޔުނައިޓެޑްގައި އޭނާ އަށް ކުޅުމުގެ ވަގުތު ބޭނުންވާ ކަމަށެވެ. ރޭގެ މެޗުގައި ޔުނައިޓަޑްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޖެސީ ލިންގާޑް އާއި ރޮމެޔޫ ލުކާކޫ އެވެ.