ބޮލީވުޑް

ސަލްމާނަށް ހުކުމްކުރުމާއެކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި

May 7, 2015
1

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ދުއްވި ކާރަކުން ޖެހި މީހެއް މަރުވުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަލުމަށް ހުކުމްކުރުމާއެކު އޭނާ އަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކެއްގެ ހިތްވަނީ ކުދިކުދިވެފަ އެވެ. އެތައް ބައެއްގެ ލޯ ކަރުނުން ތެއްމާލި އިރު ގިނަ ބަޔަކު އަންނަނީ އަދިވެސް އޭނާ އަށް ލިބުނު އަދަބު ކުޑަ ވޭތޯ ދުއާ ކުރަމުންނެވެ.

މިހާރު ކަފާލާތުގެ ދަށުން ދެދުވަހަށް މިނިވަންކޮށްފައިވާ ސަލްމާންއަށް މަރުދޭ އެތައް ލައްކަ ފޭނުންނެއް، އޭނާގެ މައްޗަށް ކުރި ހުކުމާ ދެކޮޅަށް އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.

މީގެއިތުރުން، އިންޑިއާގެ ބިހާރު ސްޓޭޓަށް ނިސްބަތްވާ ގުޅިފައިވާ އެއްމާބަނޑު ދެބެއިން އަންނަނީ ސަލްމާންއަށް ހުކުމް އިއްވީއްސުރެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ.

ސަބާ އަދި ފަރާ ނަަމަކަށް ކިޔާ އުމުރުން 18 އަހަރުގެ ދެ އަންހެންކުދިން ވަނީ ސަލްމާންގެ މައްޗަށް ކުށް ސާބިތުވެ، ފަސްއަހަރަށް ޖަލަށްލުމަށް ހުކުމްކުރުމާއި އެކު ސަލްމާންއާއި އެކު އެދެމީހުން ތިބިކަން އަންގައިދިނުމުގެ ގޮތުން ކެއުން ބުއިން ހުއްޓާލާފަ އެވެ.

މިދެކުދިންގެ ބައްޕަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ސަބާ އާއި ފަރާގެ އެންމެ ގަޔާވާ ބޮލީވުޑްގެ ތަރި ސަލްމާން ޖަލަށް ލުމަމަށް ހުކުމް ކުރިކަން އެނގުމުން ވަރަށް ދެރަވިކަމަށާއި މެންދުރުގެ ކެއުންވެސް ކާން އިންކާރު ކުރިކަށެވެ.

“އެމީހުން އަދިވެސް ތިބީ ޝޮކެއްގައި" ސަބާ އާއި ފަރާގެ ބައްޕަ ޝަކީލް އަހްމަދު ބުންޏެވެ.

މީގެ ތިން އަހަރު ކުރިން ސަލްމާން ވަނީ ސަބާ އާއި ފަރާ އޭނާއާއި ބައްދަލުކުރަން އެދޭތީވެ، މުމްބާއި އަށް ގެންގޮސްފަ އެވެ. އެދަތުރުގައި މިދެބެއިން ވަނީ ސަލްމާންގެ އަތުގައި ރާކީ ބަނދެ، އެމީހުންގެ ބޭބެއެއްގެ ގޮތުގައި ސަލްމާން ބަަލައިގެންފަ އެވެ.އެހެންކަމުން ސަލްމާންއާއި މެދެބެއިންގެ ދެމެދު ވަނީ ވަރަށް ގާތްގުޅުމެއް އުފެދިފަ އެވެ.

"މިހާރުވެސް މިދެބެއިން އަންނަނީ ސަލްމާންއަށްޓަކައި ދުއާކުރަމުން" ޝަކީލް އިތުރަށް ބުންޏެވެ.

ދެ ދުވަހަށް ސަލްމާން މިނިވަންކުރަން ހައި ކޯޓުން ނިންމީ އެ މައްސަލައިގެ ލިޔުންތައް ދަށު ކޯޓުން ހައި ކޯޓަށް ފޮނުވުމުގައި ލަސްވުމުގެ ސަބަބުންނެވެ. އެހެންވެ އިތުރު އެހެން އަމުރެއް ނާންނަހާ ހިނދަކު ސަލްމާން ދެން ޖަލަށް ގެންދާނީ ހުކުރު ދުވަހު އެވެ.