އޭނާގެ އުސޫލުތަކުން ޓީމުގެ ހާލަތު ރަނގަޅު ނުކުރެވޭ ނަމަ، މާދާމާވެސް ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ދުރައްދާން ތައްޔާރަށް ހުރި ކަމަށް، އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ސްޕެނިޝް ކަޕުން ރެއާލް ވަނީ ކަޓާފަ އެވެ. އަދި، އެ ޓީމު އޮތީ ސްޕެނިޝް ލީގްގެ ތާވަލުގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާއަށްވުރެ 19 ޕޮއިންޓް ފަހަތުގަ އެވެ. މި ސިޒަންގައި ރެއާލް އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އޭނާގެ ބަދަލުގައި ރެއާލްގެ ކޯޗު ކަމަށް، ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ ގެންނަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ.
ނަމަވެސް، ޒިދާން ބުނީ އޭނާ އަށް، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ކުލަބުގެ އެގްޒެކެޓިވް ބޯޑުން ފުރިހަމަ އިތުބާރު ކުރާށެވެ.
"އަހަރެންގެ މެސެޖް މަސައްކަތް ނުކުރާނަމަ އަހަރެން މާދަމާ ވެސް މާގާމު ދޫކޮށްލާނަން،" ލީގްގައި މިރޭ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުންޏެވެ. "ފުޓްބޯޅައިގައި އުނދަގޫ ހާލަތްތަކާއި ފަސޭހަ ވަގުތުތައް ވެސް އަންނާނެ، ހާލަތު ބަދަލު ކުރުމުގެ އެދުން އަހަރެންގެ އެބައޮތް، އަހަރެން ހުރީ މި ގޮތަށް ގަބޫލު ކޮށްގެން އެގޮތަށް ނުވިސްނާނަނަމަ އެއީ މައްސަލައެއް."
ޒިދާން ބުނީ ހޫނު މޫސުމުގެ ޓްރާންސްފާގައި، ރެއާލްއަށް ސޮއި ކުރުވި ކުޅުންތެރިންނާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭރު ރެއާލްގެ ޓީމުގެ އޮތީ ފޯމުގައި ކަމަށެވެ.
"ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑަށް އަލުން ދާން ޖެހުނު ނަމަވެސް، އަހަރެން ދެން ވެސް ސޮއި ކުރާނީ މި ކުޅުންތެރިން،" ޒިދާން ބުންޏެވެ. "ޓީމުގެ ޕްލޭންއާ މެދު އަހަންނަށް ގެނެވުނު އެއްވެސް ބަދަލަކާ މެދު އަހަރެން ކަންބޮޑެއް ނުވޭ، އަހަންނަށް މި ޓީމުން ޕޮޒެޓިވް ކަންކަން ފެނޭ، މިއީ ޒުވާން ކުޅުންތެރިން ތިބި ހުނަރު އޮތް ސްކޮޑެއް."