ޑެންގީ ހުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި ބަލި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީހުން ގިނައިން ފެންނަ ދުވަސްވަރެކެވެ.
ޑެންގީހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު މިދިޔަ އަހަރުގެ މިދުވަސްކޮޅާ އަޅާ ބަލާއިރު އިތުރު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއާއެކު ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ މިމަހުގެ ކުރީކޮޅު މަދިރިއަށް ހޭލުންތެރި ކުރުމާބެހޭ ކެމްޕޭނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފަ އެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގައި 2000 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައިވެ އެވެ.
އެޗްޕީއޭއިން ބުނީ، މިއަހަރު ފާއިތުވި ދުވަސްތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު ނިސްބަތުން އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން ބަލި ރިޕޯޓްކުރަމުންދާ މިންވަރު އިތުރުވެފައިވާއިރު މާލެ ސަރަހައްދުން ވެސް ޑެންގީގެ ކޭސްތައް ފެންނަމުންދާ ކަމަށެވެ.
މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ ޑެންގީހުން ރިޕޯޓްކުރާ އަދަދު ނިސްބަތުން ގިނަވިޔަސް އެއީ މުޅި ރާއްޖޭގައި ބަލި އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ. ޑެންގީ ގަދައަށް ފެތުރެމުން ދަނީ ވަކި ރަށްތަކެއްގައި ކަމަށެވެ.
ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާއިރު މިހާތަނަށް ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް މަދިރިން ރައްކާތެރިވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"ޑެންގީ ޖެހިގެން ރިޕޯޓްކުރަމުންދާ މިންވަރު މަދެއް ނުވޭ. އަދިވެސް އިތުރުވަމުން ދަނީ. މިދުވަސްވަރަކީ ބަލި އިތުރުވާ ދުވަސްވަރެއް ކޮންމެ އަހަރަކުވެސް. އަޅުގަނޑުމެން ވަރަށް އަވަހަށް ތަފްސީލުތައް ހާމަކުރާނަން،" އެޗްޕީއޭ އިން ބުންޏެވެ.