ބޮލީވުޑް

ނަވާޒުއްދީނަށް ކޭންސް އަށް ދެވޭގޮތެއް ނުވި

May 7, 2015

އެކްޓަރު ނަވާޒުއްދީން ސިއްދީގީއަށް ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދާ "ބަޖްރަންގީ ބައިޖާން"ގެ ޝޫޓިންގައި ކަޝްމީރުގައި ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފްލާ ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވެވޭ ގޮތެއްނުވި އެވެ.

ނަވާޒުއްދީ އެންމެ ފުރަތަމަ ޕްރޮޑިއުސްކުރި ޑްރާމާ "މިޔަން ކަލް އާނާ" ވަނީ މިފިލްމު ފެސްޓިވަލްގެ ޝޯޓް ޑްރާމާ ކެޓަލޮގް ބައިން ދައްކާލުމަށް ހަމަޖެހިފަ އެވެ.

މި ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ ނަވާޒުއްދީންގެ ބޭބެ ޝަމާސް ސިއްދީގީ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވަނީ ނަވާޒުއްދީން މިހާރު ކަޝްމީރުގައި ޝޫޓްކުރަމުން އަންނަ ފިލްމު "ބަޖްރަންގީ ބައިޖާން" މީގެކުރިން ދެފަހަރެއްގައި މޫސުން ގޯސްވުމުގެ ސަބަބުންނާއި، އެފިލްމުގެ ލީޑްރޯލުން ފެނިގެންދާ ސަލްމާން ޚާންގެ ޖޯދްޕޫރު ކޯޓުގައި ހިނގަމުން އަންނަ މައްސަލައަށް ކޯޓަށް ހާޒިރުވާންޖެހުމުން ލަސްކޮށްފައިވާތީ ކުރިއަށް އޮތް 25 ވަރަކަށް ދުވަހު މިފިލްމުގެ ޝޫޓިން ފުލް ސްޕީޑްގައި ކުރިއަށް ގެންދަން ނިންމާފައިވާތީ ކޭންސްއަށް ދެވެން ނެތީ ކަމަށެވެ.

މިކަމާ ގުޅިގެން މީޑިއާއި ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނީ އޭނާއަށް މިފިލްމު ފެސްޓިވަލްއަށް ނުދެވޭތީ ދެރަވާކަމަށާއި ނަމަވެސް އޭނާގެ ފިލްމު މިފެސްޓިވަލްގައި ދައްކާލާތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ.އަދި މިއީ އޭނާ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމަށް ވެފައި ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ބޭބެ ކޮށްްފައިވާ މަސައްކަތްވެސް ވަރަށް ފުރިހަމަ ކަމަށެވެ.

“އަހަންނަށް ނުދެވުނަސް ފިލްމު ދައްކާލާތީ ވަރަށް އުފާވޭ" ނަވާޒުއްދީން ބުނެފައިވެ އެވެ.

“މިޔަން ކަލް އާނާ" އަކީ 17 މިނިޓް 50 ސިކުންތުގެ ކުރު ޑްރާމާއެކެެވެ. އަދި މިއީ އިސްލާމްދީނުގައި ވާ ހަލާލް ގާނޫނުތަކުގެ މައްޗަށް ބިނާކޮށްފައިވާ ޑްރާމާ އެކެވެ.

މިޑްރާމާގެ އިތުރުންވެސް މިމަހުގެ 13އިން 24ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިފިލްމު ފެސްޓިވަލްގައި ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ "ބޮމްބޭ ވެލްވެޓް" އާއި އައިޝްވާރިޔާ ރާއީ ލީޑްރޯލުން ފެނިގެންދާ "ޖަޒްބާ" ވެސް ދައްކާލުމަށްވަނީ ހަމަޖެހިފަ އެވެ.