ފާރިސް މައުމޫން

ފާރިސް އުޅުއްވާ ގެއަށް ފުލުހުން ވަދެއްޖެ

Jan 27, 2018
3

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަން ފަށައިފި އެވެ. ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯސް އަށް ފުލުހުން ވަނީ ފާރިސް ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ފާރިސް ދިރިއުޅުއްވާ ގޭގެ ކައިރީގައި ތިބި އަވަސްގެ ނޫސްވެެރިން ބުނީ އެގެ ހުންނަ މަގު ވެސް ފުލުހުން ބަންދު ކޮށްފައިވާ ކަމަށެވެ. ސްނޯރޯސް ފާސް ކުރާއިރު އެގޭގައި ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެބަ ހުންނެވި އެވެ.

އަމުރަކާއެކު ބަލައި ފާސް ކުރުމުގެ ހަރަކާތެއް ކުރިޔަށްދާއިރު ފާރިސް މިއަދު ވިދާޅުވީ އަލުން އޭނާ ހައްޔަރު ކުރަން އުޅެނީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ޕޮލިސް ކަމިޝަނާ އަހުމަދު އަރީފް މިއަދު ވިދާޅުވި ކަމަށެވެ.

ހަ މަސް ވަންދެން ޖަލު ބަންދެއްގައި ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު މިނިވަން ކޮށްފައިވަނިކޮށް، އަލުން ހައްޔަރުކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފާރިސް ވިދާޅުވީ، ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ހުދު ރައީސް ޔާމީން ވެސް ގުޅުއްވާފައި ވިދާޅުވި ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.

ފާރިސް އެހެން ވިދާޅުވުމުގެ ކުރިން މިއަދު ހެނދުނު އަރީފް ކޮމިޝަނާ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ހަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ފާރިސްގެގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.

އެކަމުގައި ލިބިފައިވާ ހެއްކެއް ކަމަށް ބުނެފައި ވަނީ ސިއްރު ހެއްކެއްގެ ބަޔާނެވެ. ބަލައި ފާސްކުރަން ދީފައި ވަނީ 12 ގަޑި އިރެވެ.

ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ކުރާ މަސައްކަތްތަކަކީ ނުފޫޒުގެ ބޭނުން ކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކުރިއަށްގެންދާ ކަންކަން ކަމަށެވެ. ގާނޫނުތަކާ ދެކޮޅަށް ހިނގާ އެފަދަ ކަންކަން ހިނގަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ފާރިސްގެ ގެއަށް އަމުރާއެކު ފުލުހުން ގޮސްފައިވާއިރު އަދި ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. (ތަފުސީލް އަންނަނީ)