ފުލުސް ކޮމިޝަނާ އަހުމަދު އަރީފާއި ފާރިސް މައުމޫން ބައްދަލުވެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ފާރިސް ވިދާޅުވި ވާހަކައަކީ ދޮގެއް ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.
ފާރިސް މައުމޫން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރާ ކަމުގެ މައުލޫމާތު މީޑިއާއަށް ހާމަކުރަން މިއަދު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ ކޮމިޝަނާ އަރީފާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވެ، ފާރިސް ހައްޔަރު ކުރުމަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުންނާއި ސީދާ ރައީސް ޔާމީން ވެސް ތަކުރާރުކޮށް ގުޅުއްވާ އަންގަވާފައިވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.
އެކަމާގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ސީޕީ އަރީފާ އެމްޕީ ފާރިޝް ބައްދަލުވި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެ ދެބޭފުޅުން މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ބުނެ ދެކެވެނީ ވެސް ދޮގެއް ކަމަށެވެ. ސީޕީ އަރީފް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް ބުނެ ފެތުރޭ އަޑުތައް ވެސް އެ އިދާރާއިން ވަނީ ދޮގުކޮށްފަ އެވެ.
"ސީޕީ އަރީފް ގޭގައި މަޑުކުރަން އެއްވެސް ފަރާތަކުން ނާންގާ. ސީޕީ އަރީފް ހުންނެވީ މަގާމުގައި ސާބިތުކަމާއެކު ހިދުމަތުގައި. އަދި އެމްޕީ ފާރިސް އާއި ސީޕީ އަހުމަދު އަރީފް ބައްދަލުކޮށް މައުލޫމާތު ހިއްސާކުރެއްވިކަމަށް ދެކެވޭ ވާހަކައަކީ ދޮގު މައުލޫމާތެއް،" ޝިފާން ވިދާޅުވި އެވެ.
ފުލުހުންނާއި ފުލުހުންގެ މުއައްސަސާއާ މެދު ދޮގު ހަބަރު ނުފަތުރަން އެ މުއައްސަސާއިން ވަނީ އަންގާފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފާރިސްގެ ގެ ބަލައި ފާސް ކުރަން ފުލުހުން މިހާރު ފަށާފައިވާއިރު ފާރިސް ހައްޔަރު ކުރަން ކޯޓް އަމުރެއް ނެރެފައިވާތީ އެކަން ތަންފީޒުކުރަން ރައީސް ޔާމީން ފުލުހުންގެ އިދާރާޢަށް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ފާރިސް ދިރިއުޅުއްވާ ގެ ފާސްކުރުމަށް އެގެ ހުންނަ މަގު ވެސް ފުލުހުން ބަންދު ކޮށްފައެވެ.