- ބަންދުން ދޫކޮށްލިތާ ދެ ދުވަސް
- ގެ ފާސްކޮށް އެއްވެސް ހެއްކެއް ނުލިބޭ
- ހައްޔަރުކުރުން ތަންފީޒުކުރީ ރައީސް އަންގަވައިގެން
ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން ރޭވި ކަމުގެ ތުހުމަތަށް ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހައްޔަރު ކޮށްފިއެވެ.
ފާރިސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސް ކުރުމަށް ފަހުގަަ އެވެ. އޭނާ ގެންގޮސްފައި ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެނެވެ. ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ޝަހީދު ސޮއިކޮށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތުކުރެވޭތީއާއި މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަސް ތުހުމަތުކުރެވޭ މައްސަލާގައި ފާރިސްގެ ގެ ބަލައި ފާސްކުރަން ހުއްދަ ދޭ ކަމަށެވެ.
ހަ މަސް ވަންދެން ޖަލު ބަންދެއްގައި ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު މިނިވަން ކޮށްފައިވަނިކޮށް، އަލުން ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފާރިސް ވިދާޅުވީ، ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ހުދު ރައީސް ޔާމީން ވެސް ގުޅުއްވާފައި ވިދާޅުވި ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.
ފާރިސް އެހެން ވިދާޅުވުމުގެ ކުރިން މިއަދު ހެނދުނު އަރީފް ކޮމިޝަނާ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ހަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.
ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ފާރިސްގެގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.
އެކަމުގައި ލިބިފައިވާ ހެއްކެއް ކަމަށް ބުނެފައި ވަނީ ސިއްރު ހެއްކެއްގެ ބަޔާނެވެ. ބަލައި ފާސްކުރަން ދީފައި ވަނީ 12 ގަޑި އިރެވެ.
ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ކުރާ މަސައްކަތްތަކަކީ ނުފޫޒުގެ ބޭނުން ކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކުރިއަށްގެންދާ ކަންކަން ކަމަށެވެ. ގާނޫނުތަކާ ދެކޮޅަށް ހިނގާ އެފަދަ ކަންކަން ހިނގަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ