ރައީސް މައުމޫން އަބްދުލްގައްޔޫމް

އެންދެރިމާގެ ފާސް ކުރަނީ އަމުރާ ހިލާފަށް: މަައުމޫނު

ކުރީގެ ރައީސް މައުމޫނު ދިރިއުޅުއްވާ އެންދެރިމާގެ ފުލުހުން ބަލައި ފާސް ކުރަނީ ކޯޓް އަމުރުގައިވާ ގޮތާ ހިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ކުޑަ އިރުކޮޅެއް ކުރިން މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޯޓް އަމުރުގައި އޮތީ އޭނާގެ ދަރިކަލުން ފާރިސް މައުމޫނާ ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރަން ކަަމަށާއި ނަމަވެސް އެންދެރިމާގޭގައި އެފަދަ ތަނެއް ނުހުންނާނެ ކަމަށެވެ.

އެންދެރިމާގޭ ބަލައި ފާސްކުރުމަށް ކްރިމިނަލްކޯޓުގެ ގާޒީ ހުސައިން ޝާހިދު ސޮއިކުރައްވައި ނެރެފައިވާ އަމުރުގައި އެގެ ފާސްކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ، އަހުމަދު ފާރިޝް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފު މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ހެކި ހޯދުމެވެ.

"އެންދެރިމާގެއަކު ފާރިސް މައުމޫނުގެ ކޮޓަރިއެއް އޮފީހެއް ނުހުންނާނެ. މިހެން ބުނި ނަމަވެސް ވަދެ ގަތީ އަދި ތަންތަނާއި ތަކެތި ބަލަނީ،" މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އެންދެރިމާގެ ބަލައި ފާސް ކުރަމުން ދާއިރު ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބުރާހީމް ވަޑައިގެން ތިއްބެވީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯސްގަ އެވެ. މައުމޫނުގެ އަރިސް ބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ ދާދި ދެންމެ ވިދާޅުވީ އެންދެރިމާގޭގެ ވެރިން ނެތީސް އެގެ ބަލައި ފާސް ކުރަމުން ދިއުމަކީ ރައީސް މައުމޫނު ފްރޭމް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ފަދަ ކަމެއް ކަަމަށެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ފާރިސްގެގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ. އެ އަމުރަށް ފަހު އޭނާ ހައްޔަރުކޮށްގެން މިހާރު ވަނީ ގެންގޮސްފަ އެވެ.