ހަބަރު

ފާރިސްގެ ބަންދު އަމުރު އިސްތިއުނާފަށް ހުށަހަޅަނީ

ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން ރޭވި ކަމުގެ ތުހުމަތަށް ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހައްޔަރު ކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ހައްޔަރުކޮށް ބަންދުކުރަން ނެރުނު އަމުރުގެ މައްސަލަ ވަރަށް އަވަހަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.

ފާރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ފާރިސް 15 ދުވަހަށް ބަންދުކުރަން އަމުރު ނެރުނީ އޭނާ ހައްޔަރުކުރުމަށް ވެސް ފަތިހު ގަޑީގައި އަމުރު ނެރުއްވި ގާޒީ ހުސައިން ޝަހީދެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.