ވާހަކަ

ބުނެދޭށޭރުހެމޭ

ކަޅުފޮއެ ރޭގެ އަނދިރިކަން ފަނޑުކޮށް ފުޅާ މަގަށް އަލިކުރަމުން ދިޔައީ މަގުގައި ޖަހާފައި ހުރި ހޮޅިބުރި ތަކުންނެވެ. ގެއެއްގެ ފާރަށްވުރެ އުހަށް ހެދިފައި ހުރި ބޯގަންވިލާ ގަހާއި އެހެން ދިމާއަކުން ފެންނަން ހުރި ޖަނބުރޯލު ގަހުގެ އޮފިތައް ހެލިގަންނައިރު ޖެހެމުންދާ ވައިރޯޅިތައް ބާރުވަމުން ދާކަމުގެ އިންޒާރު ދެމުންދެއެވެ. މަގުތަކަށް ވެރިވެފައި އޮތް އަލިކަން ފަނޑުކޮށް އުޑުމަތީގައިވާ އޮރެންޖުކުލަ ގަދަވަމުންދިޔައެވެ. ފުސް ވިލާތަކުން ޖައްވު ބައްދަމުން ދިޔައެވެ.

ސިޓިންރޫމުގައި ހުރި ސޯފާތަކުން ދިގު ސޯފާގެ ފުރަގަހަށް ވަދެ ކުޑަދޮރެއް ކައިރީ މަޑުކޮށްލައިގެން ހުރި އަންހެން ކުއްޖާ އެ ތަނަށް އައިސް އުޑު މަތި އެ ބަލާލީ ތިންވަނަ ފަހަރަށެވެ. އަތުގައި އަޅާފައި އޮތް މޫނުބޮޑު ގަޑިއަށް އަވަސް ނަޒަރެއް ދިން އިރު ތިރީތުންފަތުގެ ކަނުގައި ދަތްއަޅާ ހިފަހައްޓާލިއެވެ. އިރުކޮޅެއްފަހުން ފުންނޭވާއެއް ދޫކޮށްލަމުން ދެ ލޯ މަރާ ބާރުކޮށްލާފައި ދެތުންފަތް ޖައްސާ ފިއްތާލިއެވެ. މަޑުމަޑުން އަމިއްލަ ނަފްސަށް ކަމެއް ނިންމާލި ފަދައަކުން ބޯޖަހާލާފައި އެނބުރިލިއެވެ. އަދި އަތުގައި އޮތް ތަޅުދަނޑިއަށް ބަލާލާ މުށުތެރޭ ބާރުކޮށްލައިގެން ހުރެ ސިޓިންރޫމު ދޮރާ ދިމާއަށް ހިނގައިގަތެވެ.

"ނިމްރާ!.... ކޮންތާކަށް މި ރޭގަނޑު" ސިޓިންރޫމަށް ނުކުމެވުނު ރަޒިއްޔާއަށް ދޮރުން ނުކުންނަން ދިޔަ ނިމްރާ ފެނުމާއެކު އަވަސް އަވަހަށް ގޮވާލައި ސުވާލުކުރިއެވެ.

"އެބަ އަންނަން މާމާ" ފަސް އެނބުރި ރަޒިއްޔާއަށް ބަލާލަމުން ނިމްރާ ބުންޏެވެ.

"ނުވައެއް ޖަހަނީ އެހެރަ... މޫސުން ވެސް މިރޭ ރަނގަޅެއްނޫން. ދެން ކޮންތާކަށް ތިހާ އަވަސް އަރާފާލާފައި ދާން ތި އުޅެނީ" ރަޒިއްޔާ ވެސް އައިސް ކުޑަދޮރުތަކުން ދޮރެއްގެ ކައިރީ މަޑުކޮށްލާ ބޭރަށް ބޯދިއްކޮށް އުޑުމަތި ބަލާލިއެވެ.

"މާމާ! ވަރަށް އިމްޕޯޓެންޓު ކަމަކުއޭ... ގިނައިރެއް ނުވާނެ. ޕްލީޒް މާމާ" ރަޒިއްޔާގެ ނުރުހުމުގައި ނިމްރާ ދާން ބޭނުންނުވާ ކަހަލައެވެ. މާމަ ދަރިފުޅުގެ އާދޭހާއެކު އެ މޫނަށް ނިކަން ރަނގަޅަށް ރަޒިއްޔާ ބަލާލިއެވެ.

"އިމްޕޯޓެންޓޭ ކިޔަސް އުޑުމަތި ބަލާލަބަލަ... ދެންމެދެންމެ ވެހިގެންފާނޭ ހީވަނީ" ރަޒިއްޔާގެ ވިސްނުން، މިރޭ އެ ދަރިފުޅު ބޭރަށް ނުކުންނާކަށް ހުއްދައެއްނުދެއެވެ.

"މިރޭ އަޅުގަނޑު އޭނާއާ ބައްދަލުނުކޮށްފިއްޔާ ދެން ނޭނގެ އުމުރުގައި ވެސް އެ ފުރުޞަތު ލިބޭނޭކަމެއް. ޕްލީޒް މާމާ. އަޅުގަނޑު ކުއްޖަކާ ބައްދަލުކޮށްފައި ވަރަށް އަވަހަށް އަންނާނަން" ނިމްރާގެ ސިކުނޑީގައިވާ ހާސްކަން މޫނުމަތިން ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ކިތަންމެ ހިތް އަވަސްވެފައި ހުއްޓެއްކަމަކު ރަޒިއްޔާއާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އެއީ ކޮންކުއްޖެއްތަ؟ މާމަ ގާތުގައި ބުނެބާ... ދަރިފުޅުގެ އެވަރުގެ ރައްޓެހިކުއްޖަކު ހުރިކަމެއް މާމަ ނުދެނަހުރިން" ރަޒިއްޔާ ވާހަކަދައްކަމުން އައިސް ނިމްރާ ހުރި ފަރާތް ނޫން އަނެއްފަރާތުން ދޮރުކަނީގައި ހިފަހައްޓާލިއެވެ.

"އެއީ ފޭސްބުކްއިން ދިމާވި ކުއްޖެއް. ދެ ފަހަރަކު މީޓު ވެސް ކޮށްފީމޭ... އެމީހުން ރާއްޖޭން ބޭރަށް ބަދަލުވާން އުޅޭތީ މިރޭ ކޮންމެހެން ވެސް މީޓުކޮށްލަން އަންނާށޭ ބުނީމަ. މާމާ! އަޅުގަނޑު ލަހެއްނުވެ އަންނާނަމޭ... އިރުއޮއްސުނީއްސުރެން އުޑުމަތި އެ އޮންނަނީ އެހެން. ހިޔެއްނުވޭ އަވަހަކަށް ވެހޭނެހެނެއް. ރޭގަ ވެސް ދަންވަރު އެއްނު ވާރޭ އޮއްސާލީ... މާމާ! ޕްލީޒް... މިހާރު ނުކުމެގެން ކިރިޔާ ދިމާވާނީ އޭނާއާ" ތަޅުދަނޑީގައި އަޅުވާފައި އޮތް ކެހެރިބޯޅައާ ދެއަތުން ކުޅެމުން އެއަށް ނަޒަރު ހުއްޓާލައިގެން ހުރެ ނިމްރާ ވާހަކަދެއްކިއެވެ. މާމައާ ހަތަރުކަޅި ހަމަކުރާން ނުކެރި އިސްޖެހިފައި ހުރެ ހިތާއި ސިކުނޑީގައި އެތައްކަމެއް ފޮރުވަމުންނެވެ.

"މައްސަލައެއްނެތް... ދަރިފުޅުގެ ތިހާ ގާތް އެކުވެރިއަކު ހުރިކަން އެނގުނީމަ މާމަ ހިތްހަމަޖެހިއްޖެ. އެއްވެސް އެއްޗެއް ބޭނުންތަ އޭނާއަށް ގެންދަން، ގެއަށް އައިސް ވާނެ މާމައަށް ތި ފްރެންޑުގެ ވާހަކަތައް ކިޔައިދޭން އިނގޭ" ނިމްރާގެ ބުރަކަށީގައި ފިރުމާލާފައި ރަޒިއްޔާ ހިނިތުންވެލިއެވެ. ގަދަކަމުން ހިނިތުންވުމެއް ބަދަލުކޮށްލާފައި ނިމްރާ އަވަސްއަވަހަށް އައިސް ދޮރޯށްޓާއި ސިޓިންރޫމާ ދޭތެރޭ އޮތް ހުސްތަންކޮޅުގައި ބަހައްޓާފައި ހުރި ފިނޯ ސައިކަލު އިސްޓާޓު ކުރިއެވެ. ދޮރޯށްޓާ ހަމައަށް ސައިކަލު ގެނެސް ހަރު ޖައްސާލާފައި ފައިބައިގެން އައިސް ދޮރޯށި ހުޅުވާލިއެވެ. އެހިނދު ސިޓިންގރޫމު ދޮރުމަތީ ހުރި ރަޒިއްޔާ އައިސް ސައިކަލު ކައިރީ މަޑުކޮށްލިއެވެ.

"ބަލައިގެން ދުއްވާތި"ނިމްރާގެ ފަހަތުން ރަޒިއްޔާ ނުކުމެ ދޮރޯށި ދޮށުގައި މަޑުކޮށްލިއެވެ. އޭރު މަގުމައްޗަށް ނެރުނު ސައިކަލުގައި ނިމްރާ އިނެވެ. އޭނާ ބޯޖަހާލަމުން ސައިކަލު ދުއްވާލީއެވެ. ނިމްރާ ގޮސް ކަނާއަތް ފަރާތުން ޖެހިގެން އޮތް މަގަށް އެޅުމުން ރަޒިއްޔާގެ ލޮލަށް މާމަ ދަރިފުޅު ގެއްލިއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ގޭތެރެއަށް ރަޒިއްޔާ ވަދެ ދެފަރާތަށް ހުޅުވާލެވިފައި ހުރި ދޮރޯށި ލައްޕާ ތަންޑު އަޅުވާ ތަޅުލިއެވެ.

ހުޅުމާލޭ ފެރީ ގިމަތަ ކައިރިއަށް ސައިކަލުގައި އައިސް މަޑުކޮށްލި ނިމްރާ ލައިގެން ހުރި ދޫ ޖީންސުގެ ޖީބުން ވަންޕްލަސް ފޯނު ނަގާ އެންމެ ފަހުން އައިސްފައި އިން މެސެޖު ބަލާލިއެވެ. އަދި އެ ނަންބަރަށް ޑަޔަލްކޮށްލިއެވެ.

"އެއީ ކޮންފާމް މެސެޖެއް ދޯ" ކަންފަތުގައި ފޯނު ޖައްސާލައިގެން އިނދެ ނިމްރާ އަހާލީ ނިކަން އަވަހަށެވެ.

"އާން! ތީ ކޮންފާމް އެއްޗެކޭ... އޭތް! އަހަރެން މި އިނީ ފެރީގަ" ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ފިރިހެން އަޑުން ދިން ޖަވާބު އިވުމާއެކު އިތުރު އެއްޗެއް ނިމްރާ ނުބުނެ ފޯނުކޯލު ކަނޑާލީއެވެ. ޖީބަށް ފޯނުކޮއްޕާލާފައި ސައިކަލުގައި ހުޅުމާލެއަށް ދާ ފެރީއަށް އެރުމަށް ދުއްވާލިއެވެ.

* * * *

"އަހަރެން ދެން ކިހިނެއް ހަދާނީ؟ ކިހާ ބޮޑު އޮޅުވާލުމެއް... ކާފަގެ ކުންފިނު... އަހަރެންގެ މުޅި ދިރިއުޅުން... ދުނިޔެއާ އަހަރެން ކުރިމަތިލާނީ ކިހިނެއް؟... ހީލަތުގެ ދަލުގައި ޖެހި ކަރަށް މަޅިވެއްޓި ވާންވިފަހުން މި އެނގުނީ. އިންސާނަކު އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާފާނޭ ހީކުރާނީ ކާކު... ކާންދިން އަތުގައި ދަތްއަޅައިފާނޭ ކުރީން ވެސް މާމަ އައީ ބުނަމުން. ކަނުމީހަކު ފަދައިން އިތުބާރު ނުކުރާން މާމަ އަބަދުވެސް ނަޞޭޙަތް ދެމުން އައީ... މި ޒަމާނުގައި އެކަކަށް ވެސް ހެޔޮބޮޑު ވެގެން ކަމެއް ކޮށްދޭން ނުވާނޭކަން މިހާރު އެނގިއްޖެ. މާމައަށް ހުރިހާ ކަމެއް އެނގުނީމާ އެ ފަކީރުގެ ހިތަށް ކުރާނޭ އަސަރު ވިސްނާލަން ވެސް ނޭނގޭ... އައި އޭމް ސޯ ސޮރީ މާމާ... އަހަންނަށް ނުވިސްނުނީ. އައި ވޯޒް ސޯ ބްލައިންޑެޑް ޓު ހިޒް އެކްޝަން... ބައި ހިޒް އެފެކްޝަން" އެންއާރް ކުންފުނީގެ ހުޅުމާލޭ ބްރާންޗުގެ އޮފީހުގެ ދޮރު ފެންނާނޭ ގޮތަށް ދުރުގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ނިމްރާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ދެ ލޮލަށް ކަރުނަ ޖަމާވި ނަމަވެސް އެ ހިތި ކަރުނަތައް ހިންދާލުމަށް ހިތްވަރާއެކު މަސައްކަތް ކުރިއެވެ. ލިބިފައިވާ ހާސްކަމާއެކު ދެ ތުންފަތް ޖައްސާ ބާރުކޮށްލައެވެ. އިންޖީނު ނިއްވާލާފައިވާ ސައިކަލުގެ މުއްގަނޑުގައި ހިފަހައްޓާލައިގެން އިން އިރު އެ މުއްގަނޑަށް ބާރުކޮށްލައެވެ. ދޭތެރެއަކުން އިސްއުފުލާލާ އުޑުމައްޗަށް ބަލާލައެވެ. އަންނާން އުޅޭ ކޮޅިގަނޑުގެ އިންޒާރުތަކަށްވުރެ ނަފްސުގެ ހައިޖާނު ބޮޑުވެފައި އިން ކަހަލައެވެ. ޖެހޭ ބާރު ވައިރޯޅިތަކުން ވެސް ނިތްކުރީން ފާޅުވަމުންދިޔަ ދާތިކިތައް ހިންދާނުލެވުނެވެ. އެގޮތުގައި އިންނަތާ ގިނައިރެއްނުވެ އެއްފަރާތުގައި ހުރި އޮފީހުގެ ބިއްލޫރި މައިދޮރު ހުޅުވާލާފައި ޒުވާނަކު ނުކުމެއްޖެއެވެ. އޭނާއާއެކު ނިކަން ހެވިލާފައި ހުރި އަންހެންކުއްޖަކު ވެސް ހުއްޓެވެ. އެ ޒުވާނާގެ އަތުގައި ހިފައިގަނެގެން ހުރިއިރު އެ އަންހެންކުއްޖާގެ މުޅި ހަށިގަނޑު ވެސް އެ ޒުވާނާގެ އަތުގައި ތަތްކޮށްލަން އުޅޭ ކަހަލައެވެ. އެ މަންޒަރު ފެނި އިތުރަށް ނިމްރާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ސައިކަލު ސްޓާޓުކޮށްލުމާއެކު އެ މީހުނާ ދިމާއަށް ދުއްވާލައިފިއެވެ.

"މާނު!..." ނިމްރާ ކުއްލިއަކަށް އައިސް އެ ޒުވާނާގެ ކުރިމައްޗަށް ސައިކަލު މަޑުކުރިއެވެ.

"ނީމް!... މިތާ ކީއްކުރަނީ؟" ލިބުނު ކުއްލި ހައިރާންކަމާއެކު މިޢުވާނަށް ގާތުގައި ހުރި އަންހެން ކުއްޖާގެ އަތް އޭނާގެ އަތާ ވަކިކޮށްލާ ދުރަށް ލެވުނީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. އަދި އަވަހަށް ސައިކަލުގައި އިން ނިމްރާއާ ކުރިމަތިލިއެވެ.

"އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ. ކީއްވެތަ ފޯނު ނުނަގަނީ. އަހަންނަށް ހުޅުމާލެ އަންނާން މިޖެހުނީ މާނުއާ ހެދި" ނިމްރާގެ ވާހަކަ އިވި މިޢުވާނުގެ ވައަތުގައި އޮތް ފޯނު އޭނާގެ އަތްތިލައިގެ ތެރޭ ފޮރުވާލަން އުޅުނު ތަން ނިމްރާއަށް ފެނުނެވެ. އޮފީސް ދޮރުމަތީ ސައިކަލު ބެހެއްޓުމަށްފަހު ނިމްރާ އައިސް މިޢުވާނުގެ ކުރިމަތީ ހުއްޓެމުން އޭނާގެ އަތުގައި ހިފިއެވެ.

"ފޯނު ރަނގަޅު ދޯ؟ ނަންބަރު ބަދަލުކުރީ... އެހެންނު؟ އަހަރެން ގުޅާވަރުން... އެހެންނު؟" ނުރުހުމަށްވުރެ ނިމްރާގެ އަޑުގައިވީ ހިތްދަތިކަމެވެ. ދެ ލޮލުން ރޯންނުރޯން އުޅޭ ކަހަލަ އަސަރެއް ފާޅުވޭވޭ ހުއްޓެވެ.

"ކާކު ބުނީ އަހަރެން ހުޅުމާލޭގައޭ ހުރީ" ހައިރާންކަމާއެކު މިޢުވާން ވެސް ކުރީ ސުވާލެކެވެ.

"ބުނި މީހަކު ބަލާނެކަމެއްނެތެއްނު. ބަރާބަރު ހަތަރު ހަފްތާ މިވަނީ މިޢުވާނާ ބައްދަލުކުރާން ބޭނުންވެ ނުވެގެން އުޅޭތާ... ފޯނުގެ ނަންބަރު ވެސް ބަދަލުކުރީއެއްނު. ތިހާ ބޮޑު ބަދަލެއް މިޢުވާނަށް އަންނާންޖެހުނީ ކީއްވެތަ؟ އަހަރެން ކިހާ ވަރަކަށް މާނުއަށް ގުޅަނީ..." އެންމެފަހު ޖުމްލަ ނިންމާލި އިރު ނިމްރާގެ އަޑު ކުރެހިގެން ދިޔައެވެ. ކުއްލިއަކަށް ދެ ތުންފަތް ލައްޕާލާ ފިއްތާލީ ރޮވިދާނޭތީ ކަހަލައެވެ.

"ނީމް!... މަގޭ ފޯނު ހަލާކުވެގެން އާ ފޯނެއް ގަތީއޭ" ހާސްވެފައި ހުރެ މިޢުވާނު ބުނެލިއެވެ.

"އަހަރެން މާނު ގާތުގައި ވާހަކައެއް ނުބުނަންތަ؟ އެކަމާ އެއްވެސް އެއްޗެއް ނުބުނީ ކީއްވެތަ؟ އަހަރުމެން ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ކަނޑާލަން މާނު ބޭނުންނުވަނީތަ؟ އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް މި ކޮންޕެނީއަކީ މާނުގެ އެއްޗެއް ނޫން. މީ އަހަރެންގެ ކާފަގެ ބުރަ މަސައްކަތް... މާނުއަކަށް އެޔެއް ނުގެންދެވޭނެ"

"އޭތް! ކަލޭ ކިހިނެއްވެގެންތަ ތި އުޅެނީ. މާނުގެ އަތުން ދޫކޮށްލާ... އެންއާރަކީ މާނުގެ ކޮންޕެނީއެއް. މުދާގަނޑު ފެނިގެން ދޯ ތިއުޅެނީ... މިހެން އުޅޭނެ އަންހެނުން... ހިނގާ ދާން މާނު" މިޢުވާނުގެ ގާތުގައި ހުރި އަންހެންކުއްޖާ އަޑުގަދަކޮށްލިއެވެ. ކުރިއަށްޖެހިލާ ނިމްރާގެ އަތް މިޢުވާނުގެ އަތުން ފޮޅުވާލިއެވެ.

"މުދާގަނޑު ފެނިގެން އުޅެނީ މަށެއްނޫން. މާނު ގާތު އަހާބަލަ އަހަންނަކީ ކާކުތޯ؟ ވޭތުވެދިޔަ ހަމަސްދުވަހު އަހަންނާ އޮތީ ކޮންގުޅުމެއްތޯ؟ ކައިވެނި ކުރާން ވަޢުދުނުވަންތޯ؟ މި މުދަލާ މާނުއަށް ލިބުނު ކޮންމެ ތަނަވަސްކަމަކީ ކާކުގެ ފަރާތުން ލިބިގެން އުޅޭ އެއްޗެއްތޯ؟... އެންއާރުގެ ވެރިފަރާތަކީ ގ.ރަންދޯދި، އިބްރާޙީމް ނަފީޒު. އަހަރެންގެ ކާފަ... އެއީ ހަޤީޤަތަކީ" ހިތްވަރާއެކު ނިމްރާ ހިފަހައްޓަމުން އައި ކަރުނަތައް އަމިއްލަ ބާރުން ވީއްލިގެން ހިނގައްޖެއެވެ. ނިމްރާ އަވަސްއަވަހަށް ދެ ލޯ ފުހެން ފެށިއެވެ. މިޢުވާނު ވިސްނާލިއެވެ. އެވަގުތު އެ ހިސާބުން ބަޔަކު އަންނަ ކަމުގެ ހިލަމެއް ވެސް ވެއްޖެއެވެ. އެހެންވެ އޭނާގެ ގާތުގައި ހުރި އަންހެންކުއްޖާއަށް ލޮލުން އިޝާރާތެއް ކޮށްލުމާއެކު ނިމްރާގެ އަތުގައި ހިފިއެވެ.

"މަގުމަތީގައޭ މިތިބެވެނީ... އާދޭ އެތެރެއަށް..." މިޢުވާނު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ނަމަވެސް އޭނާގެ ދެ ލޮލުން ފާޅުވަނީ ހިތްހަމަނުޖެހުމެވެ.

"ކީއްކުރަން އޮފީހަށް ވަންނާންވީ؟ ގެނޭ އޮފީހުގެ ތަޅުދަނޑިފަތި... މާނު އުޅޭނެ ގޮތަކަށް އުޅޭންދެން އަހަރެން ބަލާން ހުންނާނެކަމަށްތަ ހީކުރަނީ؟ މާނު ބޭނުން ނޫންއިރު އަހަރެން ވެސް މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއްނޫން" ނިމްރާގެ ނުރުހުންތެރިކަން ރުއިމުގެ ތެރެއިން ފާޅުކޮށްލިއެވެ.

"ޕްލީޒް ނިމް! ޓްރައި ޓު އަންޑަސްޓޭންޑް... ހިނގާބަލަ އެތެރެއަށް. ހަމަޖެހިގެން ވާހަކަދެއްކި ދާނެ" މިޢުވާނުމެން ތިބި ދިމާއަށް ބަޔަކު އަންނަކަން އެނގި އޭނާ ހުރީ ކަންބޮޑުވެފައެވެ. ކުޑަކުޑަ ސަމާލުކަމެއް ވެސް ބައެއްގެ ފަރާތުން މިޢުވާނަށް ހުއްޓޭކަށް ޚުދު އޭނާ ބޭނުމެއްނުވެއެވެ. އެހެންވެ ކޮންމެގޮތަކުން ވިޔަސް އޮފީހުގެ ތެރެއަށް ނިމްރާ ވައްދާން އޭނާ ބޭނުމެވެ. މިޢުވާނުގެ މޫނަށް ބަލާލުމާއެކު ނިމްރާގެ ހިތަށް ކުރި އަސަރުން އޭނާ އިސްޖަހާލިއެވެ. އެވަގުތު އޭނާގެ އަތުގައި ހިފައިގެން ހުރެ މިޢުވާނު ކުރިއަށް ޖެހިލިއެވެ. އެހިނދު ހަދާނޭގޮތެއް ނޭނގިފައި ހުރި މީހަކު ފަދައިން މިޢުވާނުގެ އިޝާރާތާއެކު ނިމްރާ ކުރިއަށް ހިނގައިގަތީއެވެ. އެމީހުންގެ ފަހަތުން ދެން ހުރި އަންހެންކުއްޖާ ވެސް އެތެރެއަށް ވަނެވެ.

"އަހަރެން ބުނަން ބޭނުންވެފައި އޮތް ވާހަކައެއް އެބައޮތް. އާދޭ އެތެރެއަށް... މިވަގުތު އޮފީހުގައި އަބްދުލް ނޫން މީހަކު ނޫޅޭ. އޭނާ މިހާރު ނުކުންނާނެ ގެއަށް ދާން" މިޢުވާނު ބުންޏެވެ. އަދި އޮފީހުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެކިކަން ކަމުގައި އަންނަ މީހުން މަޑުކޮށްލުމަށް ބަހައްޓާފައި ހުރި ސޯފާތަކާ ދިމާއަށް ނިމްރާ ގޮވައިގެން މިޢުވާނު އައިސް ހުއްޓުނެވެ.

"ސުދާ! އަހަރެން ނިމްރާއާ ވާހަކަދައްކަންދެން ބޭރުގައި މަޑުކޮށްލަދީ" މިޢުވާނު ބުނި އެއްޗެއް އަޑު އިވިފައި އިރުކޮޅަކު ނިމްރާއަށް ބަލަހައްޓައިގެން ސުދާ ހުއްޓެވެ. އަދި ނިމްރާއަށް ލޯ އަޅާލުމާއެކު ތުންއަނބުރާލާފައި ނުކުންނާން ސުދާ ހިނގައިގަތީ ހިތްހަމަނުޖެހުނު ކަމުގެ އަޑެއް ލައްވާލާފައެވެ. (ނުނިމޭ)