ވެލެންސިއާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މަގާމާ މެދު ސުވާލު އުފެދިފައިވާ ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާންގެ ވަޒީފާއާމެދު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުންމީދެއް ދީފި އެވެ.
ސްޕެނިޝް ކަޕުން ރެއާލް ކެޓުމުން، ޒިދާންގެ ވަޒީފާއާމެދު ސުވާލު އުފެދިފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރި އެވެ. އަދި ޒިދާންގެ ބަދަލުގައި، ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ރެއާލްގެ ކޯޗަކަށް ގެންނަން އުޅޭ ކަމުގެ ވާހަކަތައް ވެސް މީޑިއާއިން ރިޕޯޓް ކުރި އެވެ. ރޭ ގެ މެޗަށް ޔޫރަޕްގެ އެކި މީޑއާތަކުން ދިޔައީ ކައރިން ބަލަމުންނެވެ.
ލީގް ތާވަލުގެ ހަތަރު ވަނައިގައި ރެއާލް އޮތުމުން، ރޭ ގެ މެޗު އެއްވަރުވި ނަމަވެސް ޒިދާންއަށް ބޮޑު ޕްރެޝަރަކަށް ވާނެ އެވެ. ރޭގެ މެޗަކީ، ގިނަ ދުވަސްތަކަކަށް ފަހު، ރެއާލްގެ ފުރަތަމަ 11 ހިމެނޭ ކުޅުންތެރިން އެއްކޮށް ކުޅުނު މެޗެވެ. ކެޕްޓަން ސާޖިއޯ ރާމޯސް ފިޔަވައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ދެ ޕެނަލްޓީން، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް އަށް ލީޑް ނަގައިދީފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގެ ކުރީ ކޮޅު ޑެނީ ޕަރޭހޯ ނެގި ކޯނަރުން ސެންޓި މިނާ ބޮލުން ގޯލް ތެރެއަށް ވައްދާލައިގެން، ވެލެންސިއާ އަށް އުންމީދެއް ހޯދައިދިނެވެ. ދެ ވަނަ ހާފުގައި ވެލެންސިއާ އިން ވަނީ ރެއާލްގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ. ނަމަވެސް ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ރެއާލް ސަލާމަތް ކޮށްދިނެވެ.
މި ސީޒަންގައި ރެއާލްގެ ޓީމުން މަދު ވެފައިވާ އެއް ސްޓްރެޓެޖީ ރޭ ގެ މެޗުގައި ފެނިގެން ދިޔަ އެވެ. އެއީ މެޗުގެ ފަހު ވަގުތުގައި ގޯލް ޖެހުމެވެ. މިދިޔަ ސީޒަންގައި ރެއާލް ގިނަ މެޗުތަކުން މޮޅުވެފައި ހުރީ މެޗުގެ ފަހު ކޮޅުގައި ކާމިޔާބު ކުރި ގޯލްތަކުންނެވެ. ރޭ ގެ މެޗުގައި ފަހު ކޮޅު ރެއާލުން ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ތިން ވަނަ ލަނޑު މާސެލޯ ކާމިޔާބު ކުރީ، މާކޯ އެސެންސިއޯ އާއި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ބޮޑަށް ބޭނުން ކޮށްގެން މެޗުގެ 84 ވަނަ މިނެޓްގަ އެވެ. ހަތަރު ވަނަ ލަނޑު 89 ވަނަ މިނެޓްގައި ޓޯނީ ކްރޫޒް ފޮނުވާލީ މަޓާއޯ ކޮވަސިޗް އާއި ދެކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ، އޭނާގެ މަގާމާ މެދު ސުވާލު އުފެއްދިޔަސް އޭނާ ފިލޯސަފީ ބަދަލެއް ނުގެންނާނެ ކަމަށެވެ. ދެން ވެސް މަސައްކަތް ކުރާނީ ކުރިން ވެސް މަސައްކަތް ކުރާ ފިލޯސަފީގައި ކަމަށް ޒިދާން ބުންޏެވެ.
ރެއާލްގެ ފަހަތުން ފަސް ވަނައިގައި އޮތް ވިޔަރެއާލްވެސް ވަނީ ރެއާލް ސޮސިއަދާދުއާ ދެކޮޅަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދާފަ އެވެ. ވިޔަރެއާލް އާ ރެއާލްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.