ކުޅިވަރު

ލިވަޕޫލް ކަޓައިފި، މެޗު އަޅައިގަތީ ވީއޭއާރްގައި

ވެސްޓްބްރޯމް އަތުން 3-2 ބަލިވެ، އެފްއޭއެކަޕުން ލިވަޕޫލް ކަޓައިފި އެވެ. މެޗު އަޅައިގަތީ ވީއޭއާރް ޓެކްނޮލަޖީގަ އެވެ. ވެސްޓްބްރޯމް ޖެހި އެއް ގޯލްވެސް ވީއޭއާރުން ވަނީ ރިޖެކްޓް ކޮށްފަ އެވެ.

މެޗުގެ ރެފްރީ ކްރައިގް ޕައުސޮން ވަނީ، ވެސްޓްބްރޯމް ޖެހި ގޯލް ވީއޭއާރް ބެލުމަށް ފަހު ގޯލެއް ނޫން ކަމަށް ނިންމި އެވެ. ވެސްޓްބްރޯމް ޖެހި ތިން ވަނަ ގޯލް ލަނޑެއް ކަަމަށް ނިންމުމަށް ވަގުތު ތަކެއް ހޭދަ ކުރި އެވެ.

މެޗުގެ ފުރަތަމަ ލީޑް ނެގީ، އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ރޮބާޓޯ ފާމިނޯ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗު ފެށިގެން ފަސް ވަނަ މިނެޓްގަ އެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ޖޭ ރޮޑްރިގޭޒް ވަނީ ވެސްޓްބްރޯމް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި 11 ވަނަ މިނެޓްގައި އޭނާ ވެސްޓްބްރޯމް އަށް ލީޑް ނަގައިދިނެވެ.

މެޗުގެ 27 ވަނަ މިނެޓްގައި ލިވަޕޫލަށް ޕެނަލްޓީ އެއް ލިބުނެވެ. އެއީ ވެސްޓްބްރޯމްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ލިވަޕޫލްގެ މުހައްމަދު ސޮލާހް އަށް ފައުލު ކުރުމުންނެވެ. އެއީ ފައުލެއްތޯ ކަނޑައަޅަންވެސް ޕައުސޮން އަށް ވަގުތު ކޮޅެއް ހޭދަ ކުރަން ޖެހުނެވެ. ޕެނަލްޓީ ފޮނުވާލީ ރޮބާޓޯ ފާމިނޯ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ވެސްޓްބްރޯމްގެ ތިން ވަނަ ލަނޑަކީ އެ ޓީމުން އުފެއްދި ހަމަލާއެއް، ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މާޓިޕް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ސޮލާހް އެވެ.