ގިނަ ފަހަރަށް މެންދުރު ކެއުމުގެ ވަގުތު އާންމުކޮށް މި ދިމާވަނީ މަސައްކަތުގައި އެންމެ އަވަދިނެތި އުޅެންޖެހޭ ވަގުތާ އެވެ. މެންދުރު ކެއުމަށް އާންމުކޮށް ލިބެނީ ގަޑި އިރެއްހާއިރުގެ ބްރޭކަކަށް ވުމުން ގެއަށް ގޮސް ރަނގަޅަށް ކާލައިގެން އަލުން އޮފީހަށް އައުން ވަނީ ދަތި ކަމަކަށެވެ.
ދެންޖެހޭނީ ފިހާރައަކުން ލުއި ކާނާއެއް ގަނެލައިގެން ކާލަން ނޫނީ ރެސްޓޯރަންޓަކަށް ގޮސް ކުޑަ ގޮތެއް ހަދާލާށެވެ. މާލެ ކަހަކަ ސިޓީއެއްގައި މިއީ ބޮޑު ހަރަދެއް ވެސް ދާ ކަމެކެވެ. ލިބޭ ކުޑަ މުސާރަކޮޅުން ގޭގެ ކުލި ދައްކާފައި ކޮންމެ ދުވަހަކު އޮފީސް ލަންޗު ބްރޭކްގައި އެއްޗެއް ގަނެގެން ކާންވެއްޖެނަމަ މަހުގެ މެދަށް ނުގޮސް އުޅެނިކޮށް މީހާ ހުސްވާނެ އެވެ.
މިއީ މާލޭގެ ހާލަތެވެ. "ބީބީސީ ކަލްޗާއިން" ވަނީ ދުނިޔޭގެ ބޮޑެތި ބައެއް ސިޓީ ތަކުގައި މަސައްކަތްކުރާ މީހުން އެ މީހުންގެ މަސައްކަތް އޮންނަ ދުވަސްތަކުގައި މެންދުރުގެ ނާސްތާ އޮންނަނީ ކިހިނެއްތޯ ބަލަން ތަފާތު ހަތް ސިޓީއެއްގެ ހަތް މީހަކާއި ސުވާލުކޮށްފަ އެވެ. އެގޮތުން ހަތަރު ސިޓީއެއްގެ ހަތަރު މީހުން ޖަވާބުތައް ހިމަނާލާނަަމެވެ.
މުކުލް ޕަރޭކް / މުމްބާއި، އިންޑިއާ
މުމްބާއި އަކީ އިންޑިއާގެ އެންމެ ބިޒީ ސިޓީ އެވެ. މުމްބާއި ގެ އެކައުންޓިން އޮފީހެއްގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޕަރޭކް ބުނީ އޭނާ ގިނަ ފަހަރަށް މެންދުރު ކަނީ އޮފީހުގައި އިނދެގެން ކަމަށެވެ. އޭނާ ބުނީ މުމްބާއީގެ ބާރުބޮޑު ޓްރެފިކާ، ކުރަންޖެހޭ މަސައްކަތް ބުރަވުމުން ބޭރަށް ގޮސް ރަނގަޅަށް ކާން ވަގުތު ނުލިބޭ ކަމަށެވެ.
ޕަރޭކް ކޮންމެ ދުވަހަކު އޮފީހަށް ދަނީ ގެއިން މެންދުރުގެ ނާސްތާ ހިފައިގެންނެވެ. މިއީ މުމްބާއިގައި މަސައްކަތް ކުރާ ގިނަ މީހުން މެންދުރުގެ ނާސްތާ ކުރާ ގޮތެވެ. ގެއިން ނާސްތާ ނުގެނެވޭ ދުވަސްތަކުގައި އޭނާއަށް ޖެހެނީ އިންޑިއާގައި ކާއެއްޗެހީގެ ޑެލިވާރީ ކުރާ "ޑާބާވާލާ" އަކަށް ގުޅައިގެން މެންދުރުގެ ކެއުން ގެންނާށެވެ.
"ޑާބާވާލާ" ގެ ވިޔަފާރީ އަކީ މުމްބައީގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެކެވެ. ކޮންމެ ދުވަހަކު ލައްކައަކަށް ވުރެ ގިނަ މީހުންނަށް މި މީހުން ކާތަކެތި ޑެލިވަރީކޮށްދެ އެވެ.
ސާރާ ގިމޮނޯ / އެމްބްލޭ، އުގަންޑާ
އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގެ އެމްބްލޭ ސިޓީގައި މަސައްކަތް ކުރާ މީހުނަށް ވެސް މެންދުރުގެ ކެއުމަށް ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. ނޮން ޕްރޮފިޓްކޮށް ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ގިމޮނޯ ބުނީ މަސައްކަތުގައި އުޅެމުން މެންދުރު ކާން ކުޑަ ވަގުތު ކޮޅެއް ލިބުނަސް އެންމެ ދުވަހަކު ވެސް ނުކައި ނުހުންނަ ކަމަށެވެ. އަވަސް އަވަހަށް ކޮންމެސް ގޮތެއް ހަދާލައިގެން ބަނޑަށް ކާއެއްޗެއް ލެވޭތޯ އޭނާ ބަލަ އެވެ.
އޭނާގެ މަސައްކަތުގެ ގޮތުން ގިނަ ވަގުތު ބޭރުގައި އުޅެންޖެހޭތީ ގިމޮނޯ މެންދުރުގެ ކަނީ މަގުމަތީގައި ހުންނަ ގާޑިޔާތަކުންނެވެ. އޭނާ ބުނީ ގާޑިޔާތަކުން ލިބެން ހުންނަ ކާނާ އަގު ހެޔޮވެފައި މީރު ކަމަށެވެ. އޭނާ އެންމެ ގިނައިން ކަނީ ޗަޕާތީ ރޯލް ކިޔާ އެއްޗެކެވެ. މިއީ ކުކުޅު ބިހާ، ފިޔާ އަދި ޓޮމާޓޯ އެއްކޮށްގެން ހަދާ އެއްޗެކެވެ. ތިނެތި އެއްކޮށްގެން ކެއްކުމަށްފަހު ރޮޓެއްގެ ތެރެއަށް ލާފައި އޮޅާލުމުން މި ކައުން ހުންނަނީ ތައްޔާރުވެފަ އެވެ.
ވެނީސާ މޮންރޯއި / ނިއު ޔޯކް ސިޓީ، އެމެރިކާ
ޕްރޮފެޝަނަލް ޑޯގް ވޯކާއެއްގެ ގޮތައް މަސައްކަތްކުރާ ވެނީސާ މޮންރޯއި 40، ބުނީ މަސައްކަތުގެ ވަގުތު މެންދުރުގެ ކެއުމަށް ނިއު ޔޯކުގައި ގިނަ މީހުންނަށް ޖެހެނީ ސޭންޑްވިޗެއެއް ނޫނީ ސެލެޑެއް ހޯދަން ފާސްޓް ފުޓް އެއްޗެހި ވިއްކާ ތަނެއްގައި ބޮޑެތި ކިއުތަކުގައި ޖެހެން ކަމަށެވެ.
ނަމަވެސް މޮންރޯއި ބުނީ އޭނާ އޮފީހަށް ދަނީ ހެނދުނުގެ ނާސްތާކޮށްގެން އޮފީހުގައި އުޅޭ ވަގުތު ކާނެ އެއްޗެއް ގެއިން ޕެކްކޮށްގެން ކަމަށެވެ. އެގޮތަށް އޭނާ ގެންދަނީ ބިސްކޯދު ނުވަތަ އެކަހަލަ ލުއި ކާނާ އެކެވެ. ރެސްޓޯރެންޓްތަކުން ލިބެން ހުންނަ ފާސްޓް ފުޑް އާންމުކޮށް ކެއުމަކީ އޭނާ ދެކޭގޮތުގައި ރަނގަޅުކަމެއް ނޫނެވެ.
އެހެން ގައުމުތަކާއި އަޅާބަލާއިރު އެމެރިކާގައި މަސައްކަތުގެ ވަގުތު މެންދުރު ކެއުމަށް މީހުން ހޭދަކުރަނީ ކުޑަ ވަގުތުކޮޅެކެވެ. އެގޮތުން 2016 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގައި މަސައްކަތުގެ ވަގުތު މެންދުރު ކެއުމަށް 51 ޕަސެންޓް މީހުން ހޭދަކުރަނީ 15 މިނެޓާއި 30 މިނެޓުގެ ވަގުތުކޮޅެކެވެ. އެންމެ ގިނަވެގެން 45 މިނެޓަށްވުރެ ގިނަ ވަގުތު ހޭދަކުރަނީ ތިން ޕަސެންޓް މީހުނެވެ.
ފްރާންކޮއިސް ޕެލަން / ޕެރިސް، ޕްރާންސް
މެންދުރުގެ ކެއުމަށް މަސައްކަތް މެދުކަނޑާލުމަކީ ފްރާންސްގައި ސަގާފަތެއްހެން މީހުން ކުރަމުން އަންނަ ކަމެކެވެ. ކޯފަރޭޓީވް ސާވިސް ފާމަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި ފްރާންސްގައި 43 ޕަސެންޓަށްވުރެ ގިނަ މީހުން 45 މިނެޓަށްވުރެ ގިނަ ވަގުތު ކެއުމުގައި ހޭދަކުރެ އެވެ. އަދި 72 ޕަސެންޓް މީހުން ކޮންމެ ހަފްތާއަކު މަދުވެގެން އެއްދުވަހު މެންދުރުގެ ނާސްތާ ކުރަނީ ރެސްޓޯރަންޓަކުންނެވެ.
ޕާޝިއަން ޕްރޮޑަކްޓު ޑިޒައިނަރެއްކަމަށްވާ ޕްރާންކޮއިސް ޕެލަން އާންމުކޮށް މެންދުރުގެ ނާސްތާއަށް ހަދާގޮތަކީ އޭނާގެ މަސައްކަތްކުރާ ސްޓޫޓިއޯއާއި ކައިރީގައި ހުންނަ ސުޕްމާކެޓަކުން ކާއެއްޗެހި ގަނެގެން އޭނާ އާއެކު މަސައްކަތް ކުރާ މީހުނާ އެއްކޮށް ސްޓޫޓިއޯގެ ބަދިގޭގައި ކައްކައިގެން ކެއުމެވެ. ނަމަވެސް ހަފްތާއަކު އެއްދުވަހު އެންމެ އެއްކޮށް ރެސްޓޯރެންޓަކަށް މެންދުރުގެ ކެއުމަށް ދާކަމަށް އޭނާ ބުންޏެވެ.
ޕްރާންސްގެ އެމްޕްލޯއީ ގާނޫނުގައި މަސައްކަތް ކުރާ މީހުނަށް މެންދުރު ކެއުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށްވެސް ބުނެފައި އޮވެ އެވެ.