ބޭރު ކުޅިވަރު

ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކަށް ކަވާނީ

ފްރެންޗް ލީގުގައި މޮންޓެލިއޭ 0-4 ބަލިކުރި މެޗުގައި އެޑިންސަން ކަވާނީ ކާމިޔާބުކުރި ލަނޑާއެކު ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދައިފި އެވެ.

ލީގުގައި ޑިޖޯން 0-8 ބަލިކުރި މެޗުގައި ކަވާނީ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ޒްލަޓާން އިބްރަހިންއޮވިޗް ޖަހާފައިވާ 156 ލަނޑާ އެއްވަރުކޮށްލާފަ އެވެ. އެމެޗަށްފަހު ޕީއެސްޖީ ގުންގަމްޕް އާއި ބައްދަލުކުރި މެޗުގައި ވެސް ލަނޑު ލިސްޓުގެ އެއް ވަނައަށް ޖެހިލަން ލިބުނު ގިނަ ފުރުސަތުތަކެއް ކަވާނީ ވަނީ ބޭކާރު ކޮށްލާފަ އެވެ.

މޮންޓެލީއޭ އާއި ވާދަކުރި މެޗުގައި ކަވާނީ އޭނާގެ 157 ވަނަ ލަނޑު ކާމިޔާބުކޮށް ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމަށް ޖެހިލަން މާގިނަ ވަގުތެއް ބޭނުމެއް ނުވި އެވެ. މެޗުގެ 11 ވަނަ މިނިޓުގައި އޭރިޔާ ތެރެއަށް އެޑްރިއަން ރަބިއޯ ތިރި ތިރިން ނަގައިދިން ހުރަސް ކަވާނީ ވަނީ އެއްފަހަރުން ފަސޭހަ ކަމާއެކު ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

މެޗުގައި ޕީއެސްޖީ ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކުރީ ނޭމާ އެވެ. ޕީއެސްޖީގެ އަނެއް ލަނޑު ކާމިޔާބުކުރީ އެންހަލް ޑިމަރިއާ އެވެ. މިމެޗުގެ ނަތީޖާ އާއެކު ޕީއެސްޖީ ފްރާންސް ލީގުގެ އެއް ވަނަ މަގާމުގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެވަނަ މަގާމުގައި އޮތް ލިއޯންއަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.

2013 ވަނަ އަހަރު އިޓަލީގެ ނަޕޮލީއިން 64 މިލިއަން ޔޫރޯގެ އަގަކަށް ޕީއެސްޖީއަށް ބަދަލުވި ކަވަނީ ވަނީ ޕެރިސްގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ކަވާނީ އަކީ އުރުގުއޭ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 40 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމު ހޯދުމަށްފަހު ކަވާނީ ބުނެފައިވަނީ މިއީ ހާއްސަ ވަގުތެއް ކަމަށާއި ކެރިއަރުގައިވެސް އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.