ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ރޭ ކުރެއްވި ޓްވީޓަކަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރައްދު ދެއްވައިފި އެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި އެ ބޭފުޅުންގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފްއިން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.
"ވީމާ ކީއްވެބާ ފުލުހުން ބޭނުންވާ ވަގުތަކު އަޅުގަނޑުގެ ގެއަށް ވަދެ އަޅުގަނޑާ އާއިލާގެ ސަލާމަތަށް ނުރައްކާ ވިޔަ ދެނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓަށް މިނިސްޓަރު ޝައިނީ ރައްދު ދެއްވައި ވިދާޅުވީ، ކުރީގެ ރައީސަކަށްވެސް ގާނޫނަށް ފިއްލަވައިގެން ނޫޅެވޭނެ ކަމަށެވެ. އަދި ގާނޫނުން ވެރިކަން ވައްޓާލަން ގޮވާލުމަށް ވެސް ހުއްދަ ނުދޭ ކަމަށެވެ. އެއްވެސް މީހަކު ގާނޫނަށްވުރެ މަތި ނޫން ކަމަށާއި އެކަން ރައީސް މައުމޫން ވެސް ގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މިނިސްޓަރު ޝައިނީ މިގޮތަށް ވިދާޅުވި އިރު، އިއްޔެ ކޯޓް އަމުރެއްގެ ދަށުން ރައީސް މައުމޫން ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ ވަނީ ބަލާ ފާސްކޮށްފަ އެވެ. ނަމަވެސް އެންދެރިމާގެ ބަލާ ފާސްކޮށްގެން އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން މިހެން ބުނީ، އެ ގެ ބަލާ ފާސްކުރުމަށްފަހު ދިން ލިޔުމުގަ އެވެ.
އެ ގެއަށް ފުރަތަމަ ފުލުހުން ވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު އެވެ. ފުލުހުން ވަނީ އެންދެރިމާގެ ބައެއް ބަލާ ފާސްކޮށް ރައީސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެކަމަށް ރައީސް މައުމޫން ހުރަސް އެޅުއްވި އެވެ. އެއީ އެ އެޕާޓްމެންޓް ބަލާ ފާސް ކުރުމަށް އަމުރުކޮށްފައި ނުވާތީ އެވެ.
އެންދެރިމާގޭ ބަލައި ފާސް ކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ޝާހިދު ސޮއި ކުރައްވައި އަމުރެއް ނެރެފައިވަނީ އެއީ ފާރިސްއާ ގުޅުން ހުރި ތަނެއް ކަމަށް ބުނެ އެވެ. އެ އަމުރުގައި ފާރިސްއަށް ކޮށްފައިވާ ތުހުމަތަކީ ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފު މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ހެކި ހޯދުމެވެ. ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ. ފާރިސް ބަންދަށް ރޭ ވަނީ 15 ދުވަސް ޖަހާފަ އެވެ.