ހަބަރު

ދުންޔާގެ ގޮވާލުމާއެކު ޝައިނީގެ ރައްދެއް

Feb 12, 2018
11

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޖަލުން ދޫކޮށް ގެއަށް ބަދަލު ކުރެއްވުމަށް ދަރިކަނބަލުން ދުންޔާ މައުމޫން ދިވެހި ސަރުކާރަށް ގޮވާލި ގޮވާލުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުށްވެރި ކުރައްވައިފި އެވެ.

ދުންޔާ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ، ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ ކޮރަޕްޝަނުގެ އަމަލު ހިންގުމާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ކަމަށާއި އެ ތުހުމަތުގައި ހައްޔަރު ކުރި އެހެން ބޭފުޅުންނާއި ތަފާތުކޮށް މައުމޫނަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ.

ޝައިނީ ވިދާޅުވީ، މައުމޫނާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ތަހުގީގަށް މައުމޫން އެއްބާރުލުން ނުދެއްވާ ކަމަށެވެ. އަދި ވިދާޅުވީ، ލޯޔަރުން މައުމޫނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ދޭ ކަމަށާއި ސިއްހީ ހިދުމަތްވެސް ބޭނުންފުޅުވި ކޮންމެ ވަގުތަކު ފޯރުކޮށްދޭ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުގެ ބައްޕަ، ގައުމުގެ ބައްޕަ، މައުމޫން އަބްދުލް ގައްޔޫމް މިނިވަންކޮށް ގެއަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" ކަމަށެވެ.

ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީންގެ ފަހަތްފުޅުގައި މިހާރުވެސް ހުންނެވި ދުންޔާ ބައްޕާފުޅު ޖަލުން ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ގޮވާލައްވާފައިވާއިރު، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މައުމޫން ހައްޔަރު ކުރުމުން ދުންޔާ ވަނީ އެކަމުގެ ޒިންމާ ކުރީގެ ރައީސް ނަޝީދު ނަގަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ވެސް ސަރުކާރުން ނެގި ވިސްނުންތެރި ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ރައީސް މައުމޫނަށް އާއިލާއާއި ބައްދަލުކުރެވޭގޮތަށް ވަކީލުންނާއި ސިއްހީ ފަރުވާ ލިބޭނެހެން ޖަލުން ދޫކޮށް ގެއަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލެއްވި ޓުވީޓްގައި ދުންޔާ ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ޑޮނަލްޑް ޓްރަމްޕް ފަދަ ބޭފުޅުން ވެސް ޓެގް ކުރައްވާފަ އެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާއި އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ވެރިޔާ ޕްރިންސް ޒައިދު ރާދް އަލް ހުސައިންއާ، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑެރިކާ މޮގަރިނީ ވެސް ޓެގްކުރައްވާފައިވެއެވެ.

ފުލުހުން ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. ނަމަވެސް އެ ތުހުމަތު ތަކަށް ރައީސް މައުމޫން ވަނީ އިންކާރުކުރައްވާފަ އެވެ.