ހަބަރު

ދެ ޒުވާނަކު މަރާލުމުން ޝައިނީގެ ތުހުމަތުގެ އިނގިލި މައުމޫނަށް

ވަޅި ޖަހައި ދެ ޒުވާނެއްގެ ފުރާނަ ގެއްލި، ގައުމުގައި ނުތަނަވަސްކަން ވެރިވެފައިވަނިކޮށް ސަރުކާރުގެ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެކަމުގެ ތުހުމަތު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރައްވައިފި އެވެ.

ވަޅި ޖަހައި މަރާމާރީތައް ގިނަވެފައިވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މިނިސްޓަރު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލި ކުރުމަށް ޒުވާނުންގެ ފުރާނަ ދުއްވާލައި ތަންތަން ރޯ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ޓްވީޓް ޝައިނީ ކުރެއްވީ ރައީސް މައުމޫން ޓެގް ކުރައްވާފަ އެވެ.

ޝައިނީގެ ތުހުމަތު ރައީސް މައުމޫނަށް އަމާޒުކޮށްފައިވީ ނަމަވެސް އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. ރ.މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް އާއި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް ފުލުފުލުގައި ކަތިލައި މަރާލުމުން މާލޭގެ ރައްކާތެރިކަމާއި މުޖުތަމައު އޮތް ހާލަތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކަމާ ގުޅޭ މުއައްސަސާތަކުން މިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދޭތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

މިކަމުގައި ޒިންމާ ނަގަންޖެހޭ މުއައްސަސާތަކުން ޒިންމާ ނަގަމުންދޭތޯ ވަނީ ސުވާލު އުފައްދާފަ އެވެ. މިކަމުގައި ހޯމް މިނިސްޓަރު އަޒްލީން މިހާތަނަށް އެއްޗެއް ވިދާޅުވުނުވެ، އަޅުއްވަވާ ފިޔަވަޅުތަކެއް އަންގާފައިނުވާތީ ވެސް ދަނީ ފާޑުކިޔަމުންނެވެ. އެކަންކަމުގެ ޒިންމާ މުއައްސަސާތަކުން ނަގަންޖެހޭނެ ކަމަށާއި އެއީ އަމާން މުޖުތަމައުއެއް ގާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޓްވީޓާގައި އާންމުން ޝައިނީއަށް ފާޑު ކިޔަމުން ބުނެފައިވެ އެވެ.