މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ތެރޭ ނުތަނަވަސް ކަމެއް ނެތް: ތަރުޖަމާނު

ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެއްވެސް ނުތަނަވެސް ކަމެއް ނެތް ކަމަށާއި މުޅި މުއައްސަސާ ހިނގަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުގެ ކޮމާންޑުގެ ދަށުން ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޝިފާން މިހެން ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްސަލައިން ސީޕީ އަރީފް ބާކީކޮށް، އެ ތަހުގީގު ކުރަން ޑީސީޕީގެ ދަށުން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ޝިފާން މިއަދު ވިދާޅުވީ ސީޕީ އަރީފް އެ މަގާމުގައި ހުންނެވީ ފުރިހަމަ އިހުތިޔާރާއެކުގައި ކަމަށާއި ފުލުހުންގެ ހުރިހާ ކަމެއް ވެސް ހިނގަނީ އޭނާގެ ކޮމާންޑުގެ ދަށުން ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރާ ބޮޑެތި މައްސަލަތަކުގައި އަބަދުވެސް ހާއްސަ ޓީމުތަކެއް ނަގައިގެން މަސައްކަތް ކުރާ ކަމަށާއި އެފަދައިން ފާރިސްގެ މައްސަލަ ވެސް ތަހުގީގު ކުރަނީ ހާއްސަ ޓީމެއް ނަގައިގެން ޑީސީޕީ ސައުދީ އާއި އޭސީޕީ އަހުމަދު މުހައްމަދުގެ ބެލުމުގެ ދަށުން ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ފުލުހުންގެ މުއައްސަސާ ތެރޭގައި އެއްވެސް ނުތަނަވަސް ކަމެއް އުފެދިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ހިނގަމުން ދަނީ ސީޕީ އަރީފްގެ ކޮމާންޑާއި ކޮންޓްރޯލުގެ ދަށުން، މި މުއައްސަސާގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަން ހުރިހާ ފަރާތްތަކަށް ޔަގީންކޮށްދެން،" ޝިފާން ވިދާޅުވި އެވެ. "ކޮމިޝަނާ އޮފް ޕިލިސް އާއި އެ ބޭފުޅާގެ މައްސޫލިއްޔަތާ ގުޅޭ ގޮތުން ުވާލު އުފެދޭ ގޮތަށް މީޑިއާތަކުގައި މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަން،"

މީގެކުރިން ފާރިސްގެ ތަހުގީގަށް ހާއްސަ ޓީމެއް އެކުލަވާލިކަން ފުލުހުންނާ ސުވާލުކުރުމުން ވެސް ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އެކަން މީޑިއާތަކުގައި ރިޕޯޓްކުރުން މިހާރު ތަރުޖަމާނު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އަވަސްއަށް މީގެކުރިން މައުލޫމާތު ހިއްސާ ކުރެއްވި ފުލުހުންގެ އިސް ބޭފުޅަކު ވެސް އެ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވެފައިވަނީ، ފާރިސްގެ މައްސަލަ ސީދާ ޑީސީޕީގެ ބެލުމުގެ ދަށުން ކުރިއަށްދާއިރު އެކަމަށް ސީޕީ ކޮމާންޑް ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފުލުހުންގެ ކަނޑައެޅިފައިވާ އެއްވެސް މަގާމަކަށް އަދި އޮނިގަނޑަކަށް ބަދަލެއް ނާންނަ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު ހައްޔަރުކުރިި ފާރިސް ވިދާޅުވެފައިވަނީ، ސީޕީ އަރީފާ އޭނާ އިއްޔެ ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ހުދު ރައީސް ޔާމީން ވެސް ގުޅުއްވާފައި ވިދާޅުވި ކަމަށް އަރީފް ވިދާޅުވި ކަމަށެވެ. ފާރިސް އާއި އަރީފު އެއް ގޭގައި ދިރިއުޅުއްވާއިރު އެއީ އާއިލީ ގޮތުން ގުޅުން އޮންނަ ދެ ބޭފުޅުންނެވެ.