ފާރިސް މައުމޫން

ފާރިސް ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ހުށަހަޅައިފި

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ބަންދު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާ ދޫކޮށްލުމުގެ އަމުރަކަށް އެދި ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ހަމަސް ދުވަހަށްފަހު ފާރިސް ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން އާ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.

ފާރިސްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާއިރު، ފާރިސްގެ ވަކީލުން ކޯޓަށް ވަނީ ހަތް ސަބަބެއް ބަޔާންކޮށް ހެބިއަސް ކޯޕަސްގެ މައްސަލައެއް މިއަދު ހުށަހަޅާފަ އެވެ. ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަ އެކެވެ.

ފާރިސްގެ ވަކީލުން ވަނީ އެ މައްސަލަ ބަލައި އޭގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ވެސް ކޯޓުގައި އެދިފަ އެވެ.

ފާރިސްގެ ވަކީލުން ރޭ ވިދާޅުވީ، ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނީ އިޖުރާތާ ހިލާފަށް ކަމަށެވެ. ނަމަވެސް އެކަން ނިންމަވަން އިންނެވި ފަރާތަކީ އަމުރު ނެރުއްވި ފަނޑިޔާރު ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އަމުރު ނެރޭ ފަރާތުން އޭގެ ސައްހަ ކަމާމެދު ގޮތެއް ނިންމަން އިންނެވުމަކީ ގާނޫނީ ގޮތުން ބަލާނަމަ މަސްލަހަތު ފުށު އަރާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެހެން އޮތް ނަމަވެސް އެކަމުގައި ފަނޑިޔާރު ނިންމެވީ މަސްލަހަތަށް ފުށުއަރާ ކަމެއް އަމުރުގައި ނެތް ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށެވެ.

މައުމޫން ވިދާޅުވީ، ދައުލަތުން އަސާސީ ބައެއް ކަންތައްތައް ގާނޫނީ ހަމަތައް، އެނޫން ގޮތަކަށް ކޯޓަށް ދައްކަން މަސައްކަތް ކުރި ކަމަށާއި އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ބުނެފައިވަނީ އެހެން މައްސަލައެއް ހިނގާތީވެ ފާރިސަކީ ކުށުގެ ރިކޯޑެއް އޮތް މީހެއް ކަމަށެވެ. އެއީ ގާނޫނީ ހަމައެއް ނޫން ކަމަށާއި އެކަން ޕީޖީ އަށްވެސް އިނގޭނެ ކަމަށެވެ. ނަމަވެސް ޕީޖީން ބޭނުންވީ ފާރިސްގެ ބަންދު އިތުރުކުރަން ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ވަކީލުން ވަނީ އޭނާ ބަންދު ކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.