ރިޕޯޓް

ސިލްކް ރޫޓުން ރާއްޖެ އަށް ކޮން ފައިދާއެއް؟

މި ފަހުގެ ތާރީހެއްގައި ބޭރު ގައުމަކާ އެކު ރާއްޖޭން ސޮއި ކުރާނެ އެންމެ ވަރުގަދަ އެއްބަސްވުމަކީ ޗައިނާއިގެ ސިލްކް ރޫޓްގެ މަޝްރޫއެވެ. މިއީ ދޭދޭ ގައުމުތަކާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް ޗައިނާއިން ގެންގުޅޭ އެންމެ ބިޔަ އަދި އެންމެ ހިޔާލު ތަފާތުވުން ބޮޑު މަޝްރޫ އެވެ. ސިލްކް ރޫޓްގައި ރާއްޖެ ބައިވެރިވުމަކީ އަވަށްޓެރި އިންޑިއާ ފަދަ ގައުމުތަކުން ހިތް ރުހޭ ކަމަކަށް ނުވިޔަސް ރައީސް އަބްދުﷲ ޔާމީން ނިންމެވީ އެ މަޝްރޫއައިގެން ކުރިއަށް ވަޑައިގަތުމަށެވެ. އެހާ ބޮޑު ނިންމެވުމަށް އެ މަޝްރޫއާ މެދު ނިންމެވީ އިރު އެއީ ރާއްޖެއަށް ކިހާ ފައިދާއެއް ކުރާނެ މަޝްރޫއެއް ހެއްޔެވެ؟

އެވޭލާ ޒަމާނުގެ ސިލްކް ރޯޑަކީ އިރުމަތީ ބިތުގެ ގައުމުތަކާއި ހުޅަނގު ބިތުގެ ގައުމުތަކާ ދެމެދު ކަނޑުމަގުން މުދާ އުފުލުމަށް ބޭނުން ކުރި ވިޔަފާރީގެ މަގެވެ. އެ މަގަށް ސިލްކް ރޯޑްގެ ނަމުން ނަން ދެވުނީ އެ މަގު ބޭނުން ކޮށްގެން އެންމެ ގިނައިން ގެންގޮސްއުޅުނީ ޗައިނާގެ ފަށުވި، ނޫނީ ސިލްކް ކަމަށްވާތީ އެވެ. މި ޒަމާނުގެ ސިލްކް ރޫޓް ނޫނީ 21 ވަނަ ގަރުނުގެ ސިލްކް ރޫޓަކީ، އެއަށް ވުރެ ވެސް ފުޅާ މަޝްރޫއެކެވެ. އުމްރާނީ އެކި މަޝްރޫއުތަކުގެ ތެރެއިން ޗައިނާ އިން ދުނިޔެއާ އެކު ބާއްވާ ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަކީ އެ މަޝްރޫއުގެ މައިގަނޑު އަމާޒެވެ. އެ މަޝްރޫއުގެ ދަށުން ޕޯޓްތަކާއި ވައިގެ ބަނދަރުތައް ޗައިނާއިން ތަރައްގީ ކުރެ އެވެ.

އެ މަޝްރޫއުގެ ތެރެއިން ލަންކާގެ ހަމްބަންޓޯޓާ ޕޯޓާއި ކޮލަމްބޯ ބޭރުން މެގަ ސިޓީ ފަދަ ތަންތަން ވެސް އެ އަންނަނީ ހަދަމުންނެވެ. އަދި ރަޝިޔާ ތުރުކީ ފަދަ ގައުމުތައް ވެސް އެ މަޝްރޫއުގައި އެ ވަނީ ބައިވެރިވެފަ އެވެ. އެ މަޝްރޫއުގެ ތެރެއިން ޗައިނާގެ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ގައުމުތަކުގައި އިތުރުކުރެ އެވެ. މިއީ ގައުމުތައް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ރަނގަޅު މޮޑެލް އެއް ކަމަށް ޗައިނާއިން ވަކާލާތު ކުރެ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު އުޅެނީ އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. ޗައިނާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ވޮން ފުކުން ވިދާޅުވާ ގޮތުގައި ސިލްކް ރޫޓްގެ މަޝްރޫއާ އެކު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރާއްޖެއަށް އަންނާނެ އެވެ. އެއީ މަގުތަކާއި ޕޯޓްތައް އަދި އެހެން ވެސް ރާއްޖެ އަށް ބޭނުންވާ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ގުޅިލާމެހޭނެ ޕްރޮޖެކްޓެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިއީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށްދޭނެ ޕްރޮޖެކްޓެއް،" ވޮން ވިދާޅުވި އެވެ.

ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތަކަށް ފަސޭހަ ވާނެ އިންފްރާސްޓްރަކްޗާތައް ރާއްޖޭގައި ގާއިމްވެފައި ނެތުމެވެ. މަގުތަކާއި ޕޯޓްތަކާއި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަށް އޮތް ބޮޑު ހުރަހެކެވެ. ސިލްކް ރޫޓްގެ އެއްބަސްވުމުގައި ސޮއި ކުރެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެ އެެއްބަސްވުމާ އެކު ވިޔަފާރިތަކަށް ފަސޭހަ ވާނެ ކިތަންމެ އުމްރާނީ މަސައްކަތްތަކެއް ޗައިނާގެ އިންވެސްޓްޓަރުންނަށް ފެށުމުގެ މަގު ފަހުވާނެ އެވެ. ރާއްޖޭގެ ބަޖެޓުން ހަރަދުކޮށްގެން މެގަ މަޝްރޫއުތަކެއް ފެށުމުގެ ގާބިލްކަން ނެތް އިރު އެ ފަދަ މަޝްރޫއުތައް ފެށުމަށް ކޮންމެހެން ބޭރުގެ އެހީ ބޭނުންވާ ކަމަށް ސައީދު ވިދާޅުވި އެވެ. ޗައިނާގެ ސިލްކް ރޫޓަކީ އެކަމަށް އޮތް ފަސޭހަ މަގެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"އެ އެއްބަސްވުމާ އެކު އަންނާނީ އުމްރާނީ ތަރައްގީތައް. އެ މަގުގެ ތެރެއިން ބޮޑެތި އިގްތިސާދީ މަސައްކަތްތަކެއް ފެށޭނީ. އެއީ އަޅުގަނޑުމެންނަށް އެކަނި ކުރެވޭނެ ކަންކަމެއް ނޫން. މިސާލަކަށް ބްރިޖް ފަދަ މަޝްރޫއުތައް. އެކަމަށް އެބަ އެހީ ބޭނުންވޭ. މި އެއްބަސްވުންތަކުގެ ތެރެއިން ޗައިނާއިން މިދެނީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ކަންތައްތައް،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ އިގްތިސާދީ ހާއްސަ ސަރަހައްދުތައް ނޫނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމެވެ. އެތަންތަނަށް އަންނަ އިންވެސްޓަރުންނަށް ބޮޑެތި އިނާޔަތްތަކެއް ދީގެން އެ ތަންތަނުގައި އުމްރާނީ އަދި އިގްތިސާދީ މަސައްކަތްތައް ފެއްޓުމަކީ ސަރުކާރުގެ އަމާޒެވެ. ޓޫރިޒަމާއި ތައުލީމާއި މަސްވެރިކަމާއި މާލީ އެކި ވިޔަފާރިތަކާއި މެނުފަކްޗަރިން މަސައްކަތްތަކަށް އެސްއީޒެޑްގެ ތެރެއިން ފުރުސަތު ހުޅުވާލަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަދި އެސްއީޒެޑް ބޯޑުގެ ޗެއާމަން އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ސިލްކް ރޫޓްގެ ތެރެއިން އެސްއީޒެޑްގެ ޕްރޮޖެކްޓްތަކެއް ތަރައްގީ ކުރުމަށް ފުރުސަތު ލިބޭނެ އެވެ. އެސްއީޒެޑްގެ ތެރެއިން އުމްރާނީ ތަރައްގީ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓަރުން ބޭނުންވާ އިރު ޗައިނާގެ އިންވެސްޓަރުންނަކީ އެފަދަ މަޝްރޫއުތައް ހިންގުމަށް ގާބިލް ފަރާތްތަކެއް ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާ އަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަދި އެންމެ ބާރަށް ކުރިއަރާ އިގްތިސާދަށް ވާއިރު ޗައިނާގެ އެހީތެރިކަން ރާއްޖޭގެ އިގްތިސާދަށް ލިބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވެސް ދެކިވަޑައިގަންނަވަ އެވެ.

"މި މަޝްރޫއަކީ އިގްތިސާދީ ކަންތައްތަކަށް މަގުފަހި ކުރާ މަޝްރޫއެއް. ރާއްޖެއަށް ކޮންމެހެން ބޭނުންވާނެ މަޝްރޫއުތަކަށް މީގެ މަގު ފަހި ކުރަނީ. މިއީ އެސްއީޒެޑްތައް ތަރައްގީ ކުރުމަށް ކޮންމެހެން ވެސް މުހިންމުވާނެ މަޝްރޫއެއް. މީގެ ސަބަބުން ޗައިނާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އެތައް ގުނައެއް އިތުރުވާނެ. އަދި ޗައިނާގެ އެހީތެރިކަން އިގްތިސާދީ ކަންކަމުގައި ލިބުން އިތުރުވާނެ،" އަދީބު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ޖެހިފައިވުމަކީ ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމެކެވެ. އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދީ އިތުރު މަސައްކަތްތަކަށް ރާއްޖޭގެ ދިރުަތއް މި ވަނީ ހުޅުވާލަން ޖެހިފަ އެވެ. ގައުމުގެ ބޮލުގައި އެޅިފައިވާ ދަރަނީގެ ލަދުވެތިކަމުން ވެސް މި ވަނީ ސަލާމަތްވާން ޖެހިފަ އެވެ. އެކަން ކުރެވޭނީ އިގްތިސާދީ ބިންގާ ފުޅާ ކުރެވިގެންނެވެ. އެކަމަށް އިންވެސްޓްމަންޓްތަކެއް ބޭނުންވެ އެވެ. އެއީ ޗައިނާގެ ސިލްކް ރޯޑްގެ ތެރެއިން ހާސިލް ކުރެވިދާނެ މުހިންމު އަމާޒެކެވެ.