ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް އިތުބާރު އެބައޮތް ކަމަށާއި އެބޭފުޅުންނާމެދު އުންމީދު ކަނޑާ ނުލައްވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާމެދު ދެބަސްވުން އުފެދިފައިވާތީ އެކަމުގައި ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް އެދުމަށްފަހު އެކަމުގެ ޖަވާބެއް ލިބެންދެން އެ ކޯޓަށް ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުން ހިންގަވާތާ މިއަދަށް 11 ދުވަސްވީ އެވެ. މިއަދުވެސް ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް ދެ ގަޑިއެއްހާއިރު ވަންދެން ސުޕްރީމް ކޯޓުގައި މެންބަރުން މަޑުކުރައްވާފައި ވެއެވެ. ނަމަވެސް މިހާތަނަށް އެ ބޭފުޅުން ބޭނުންވާ ޖަވާބެއް އެ ކޯޓުން ލިބޭ ގޮތް ނުވާ ކަމަށް އެބޭފުޅުން ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، ޝާހް ވިދާޅުވީ، އަދުލު އިންސާފު ހަރުދަނާވެ، ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް އަދުލު އިންސާފުގެ ނިޒާމް ބަދަލުވެ، ރައްޔިތުން އުންމީދުކުރާ ކުލަ ޖެހޭނެ ކަމުގެ އުންމީދު ކަނޑާ ނުލައްވާ ކަމަށެވެ.
ޝާހް ވިދާޅުވީ، އިދިކޮޅު މެންބަރުން ތިއްބެވީ އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިފައި ކަމަށެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުން އެބޭފުޅުން މަޖިލީހަށް ވަނުމަށް ހުރަސް އެޅޭފަަދަ ހުކުމެއް އަދި އަމުރެއް ނެރެފައިނުވާ ކަމަށެވެ.
"ކޯޓުގެ ފަނޑީޔާރުންނާމެދު އުންމީދު އެބައޮތް، އަދުލު އިންސާފު ހަރުދަނާވެ، ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް އަދުލު އިންސާފުގެ ނިޒާމް ބަދަލުވެ، ރައްޔިތުން އުންމީދުކުރާ ކުލަ ޖެހޭނެ ކަމުގެ އުންމީދު ކަނޑައެއް ނުލަން،" ޝާހް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އުސޫލެއްގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާ ސިޓީއަށް ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ޖަވާބެއް ދެއްވަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުން ތަކެއް، އެބޭފުޅުންގެ ހައްގުތަކެއް ގެއްލިގެން އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ނުވަތަ ބައްދަލު ކުރުމަށް އެދިފައިވާތީވެ އެކަމަށް ކޮންމެސް ސިފައެއްގައި އިޖާބަ ދޭން ޖެހޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
"ތިން ގަޑިއިރު ވަންދެން މަޑު ކުރިން، ނަމަވެސް ފެނިގެން ދިޔައީ ބައެއް ފަނޑިޔާރުން ކުރިމަތިންލާފަ ނިކުމެގެން ދިޔަތަން، 3 ޖެހީމަ އެންގީ މިއަދަށް އެޕޮއިންޓްމެންޓް ދެވެން ނެތް ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ، ފަނޑިޔާރުންގެ ވަގުތުތައް ހުންނާނީ ބަހާލެވިފައި ކަމަށާއި ދަތި ގަޑިތައްވެސް ހުންނާނެ ކަމަށެވެ. ނަމަވެސް މެންބަރުންނަށް ކޮންމެވެސް ވަގުތެއް ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޖަވާބެއް ލިބެންދެން ކޮންމެ ދުވަހަކުވެސް ސުޕްރީމް ކޯޓަށް އަންނާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ރައްޔިތުން މަޖިލީހުގެ މެންބަރުން ސުޕްރީމް ކޯޓަށް އަންނަން ޖެހުމަކީ ހަޑި މަންޒަރެއް، މިކަމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ހިތާމަ ކުރާނެ ކަމެއް،" އަލީ ޒާހިރު ވިދާޅުވި އެވެ.
މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އިލެކްޝަން ކޮމިޝަނުން އަމީތާއި ވަހީދާއި ސައުދު އަދި ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކާއި ސަރުކާރުން މާނަ ކުރަނީ ތަފާތު ކޮށެވެ. އެ އަމުރުން ސީދާ މެންބަރުންގެ ގޮނޑި ގެއްލޭކަން ނޭނގޭ ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަމަށެވެ. އެހެން މެންބަރުން ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން މިހާ ތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.