މިޝީ ބައްޝުއާއީގެ މޮޅު ކުޅުމާއެކު އޭނާ ކާމިޔާބު ކުރި، ދެ ލަނޑުން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި އެވެ.
ޗެލްސީގެ ދަނޑު، ލަންޑަންގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި، ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީވެސް ބައްޝުއާއީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓްގައި މާކޯސް އަލޮންސޯ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. އެ ލަނޑު ޖެހުމުގައި އެޑެން ހަޒާޑާއި ޕެޑްރޯގެ ބޮޑު ހިއްސާއެއް ވެސް އޮތެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، އަލޮންސޯއަށް ބޯޅަ ދިނީ ހަޒާޑް އެވެ. އަލޮންސޯ ބޯޅަ ދިން އިރު ބައްޝުއާއީ ހުރީ ހުސްކޮށެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ދެ ވަނަ ލަނޑު ބައްޝުއާއި ޖެހީ މެޗުގެ 44 ވަނަ މިނެޓްގަ އެވެ. ހަޒާޑް ތަނަވަސް ކޮށްދިން ބޯޅަ ބައްޝުއާއި ފޮނުވާލުމުން އެ ބޯޅަ ގޯލް ތެރެއަށް ވަނީ ނިއުކާސަލްގެ ޑިފެންޑަރު ޖަމާލް ލަސްކޭލް ބޯޅަ ދިފާއު ކުރަން ހޫރާލި ފައިގައި ޖެހިފަ އެވެ.
އެ ލަނޑަށް ފަހު ނިއު ކާލްސްލްގެ ޖޮންޖޯ ޝެލްވީ ވަނީ، ޗެލްސީގެ ޕެނަލްޓީ އޭރިއާ ބޭރުން، އެ ޓީމުގެ ގޯލަށް ބާރު ބޯޅައެއް ފޮނުވާލާފަ އެވެ. ނުރައްކާކޮށް ދިޔަ އެ ބޯޅަ ޗެލްސީގެ ދެ ވަނަ ކީޕަރު އާޖެންޓިނާގެ ވިލީ ކަބިއޭރޯ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ނިއުކާސަލް އިން އުފެއްދި ހަމަލާއެއްގައި ތަނަވަސްވި ބޯޅަ، ޗާންސެލް އެމްބެމްބާ ފޮނުވާލުމުން ކަބިއޭރޯ ދިފާއު ކުރީ ގޯލް ރޮނގު މަތިންނެވެ.
ޗެލްސީގެ ތިން ވަނަ ލަނޑު މާކަސް އަލޮންސޯ ކާމިޔާބު ކުރީ ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ނިއުކާސަލްގެ ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. އެ ބޯޅަ ދިފާއި ކުރުމަށް ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯ ހަރަކާތް ކުރި ނަމަވެސް އޭނާ އަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.
މިއީ 20 ސީޒަންގައި އެފްއޭކަޕް ހަތަރު ވަނަ ބުރަށް ވުރެ ދުރަށް ދިޔަ 18 ވަނަ ފަހަރެވެ.