ޑިއޭގޯ ސިމިއޯނޭގެ ކޯޗް ކަމުގައި އެތުލެޓިކޯ މެޑްރިޑްގެ 600 ވަނަ ލަނޑު ޖަހައި، އެ ޓީމުގެ ފޯވަޑް ފެނާންޑޯ ޓޯރޭޒް ބޮޑު ޝަރަފެއް ހޯދައިފި އެވެ.
ލަސްޕަލްމަސްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާ އަކުން އެތުލެޓިކޯ މޮޅުވި މެޗުގައި، އެތުލެޓިކޯގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޓޯރޭޒް އެވެ. ޓޯރޭޒްއަކީ ސިމިއޯނޭ އާއެކު އެތުލެޓިކޯއަށް ކުޅުނު ކުޅުންތެރިޔެކެވެ. އެތުލެޓިކޯގެ ކޯޗް ކަމާ ސިމިއޯނޭ ހަވާލުވީ، 2011 ވަނަ އަހަރު އެވެ.
ސިމިއޯނޭގެ ކޯޗު ކަމުގެ ދަށުން އެތުލެޓިކޯގައި 100 ވަނަ ލަނޑު ކާމިޔާބު ކުރީ ކުރިން އެތުލެޓިކޯ އަށް ކުޅުނު ކޮލަމްބިއާގެ ރަޑަމެލް ފަލަކޯ އެވެ. ރައުލް ގާސިއާ 200 ވަނަ ލަނޑު، މާރިއޯ މަންޒޫކިޗް 300 ވަނަ ލަނޑު، އެންޓްއާން ގްރީޒްމަން 400 ވަނަ ލަނޑު، އަދި އޭންހަލް ކޮރެއާ 500 ވަނަ ލަނޑު
މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ގްރީޒްމަން އެވެ. ހުއަންފްރާން ތަނަވަސް ކޮށްދިން ފުރުސަތެއްގައި، އޭނާ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނެޓް ގައެވެ. ކޮރެއާ ތަނަވަސް ކޮށްދިން ބޯޅަ އަކުން ލިވަޕޫލާއި ޗެލްސީގެ ކުރީގެ ފޯވަޑް ޓޯރޭޒް ލަނޑު ޖެހީ 72 ވަނަ މިނެޓްގަ އެވެ. އެތުލެޓިކޯގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ތޯމަސް ޕާޓޭ އެވެ، ޔެނިކް ކަރެސްކޯ ދިން ބޯޅަ އަކުން އޭނާ ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނެޓްގަ އެވެ.
ސްޕެނިޝް ލީގްގައި އެތުލެޓިކޯ މެޑްރިޑް އޮތީ، ތާވަލުގެ ދެ ވަނައިގަ އެވެ. ބާސެލޯނާ އަށް ވުރެ 11 ޕޮއިންޓް ފަހަތުގަ އެވެ.