އިޒްރޭލާ އެންމެ ކައިރީގައިވާ ބައެއް އަރަބި ގައުމުތަކުން އެ ގައުމާ ސިޔާސީ ގުޅުން ގާއިމްކޮށްގެން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. މިސްރާއި އުރުދުންް އަކީ އެފަދަ ދެ ގައުމެވެ. ނަމަވެސް އިސްލާމީ ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި އޮންނަން މަސައްކަތް ކުރާ ސައުދީ އަރަބިއްޔާއިން ކުރިންސުރެ އައީ އެކަމަށް ފަސް ޖެހެމުންނެވެ. ސައުދީގެ ކުރީގެ ވެރިން އެކަމުގައި ގެންގުޅުއްވީ ވަރަށް ފަރުވާތެރި ސިޔާސަތެކެވެ.
ނަމަވެސް މިހާރު މަންޒަރު ވަނީ މުޅިން ބަަދަލުވެފަ އެވެ. ސައުދީއާއި އިޒްރޭލާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމް ނުކުރިޔަސް އަޑި އަޑިން އޮތީ ވަރަށް ގާތް ގުޅުމެކެވެ. އެ ގުޅުމުގެ ތެރެއިންް ކުރި ބައެއް މަޝްވަރާތައް ފަހަކަށް އައިސް މީޑިއާއަށް ވެސް ތިލަވިއެވެ.
އިޒްރޭލު އާމީ ޗީފްގެ އިންޓަވިއު
ސައުދީއާ އިޒްރޭލާ ދެމެދު ގުޅުން އޮތް މިންވަރު ވަރަށް ރަނގަަޅަށް ހާމަވާ ކަމެއް 2016 ވަނަ އަހަރު ހިނގިއެވެ. އެއީ އިޒްރޭލު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ގާޑީ އެއިޒެންކޮޓް ސައުދީ ނޫހަކަަށް ދެއްްވި އިންްޓަވިއުއެވެ. ސައުދީގެ އަލް އީލާފް ނޫހަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ ސަރަހައްދުގައިވާ އެންމެ ބޮޑު ނުރައްކާ ކަމަށްވާ އީރާނާ ކުރިމަތިލުމަށް ސައުދީ އަރަބިއްޔާއަށް އެއްބާރުލުންދޭން އިޒްރޭލު އޮތީ ތައްޔާރަށް ކަމަށެވެ.
"މެދު މިނުގެ އަރަބި ގައުމުތަކާ ތަޖުރިބާ ހިއްސާ ކުރަން އަދި އީރާނާ ކުރިމަތިލުމަށް ޓަކައި ޖާސޫސީ މައުލޫމާތު ހިއްސާ ކުރަން އަހަރެމެން މިތިބީ ތައްޔާރަށް. މިކަމުގައި ސައުދީ އަރަބިއްޔާއާ އަހަރެމެން މިތިބީ ހަމަ މުޅިން އެއްބަސްވެގެން،" އިންޓަވިއުގައި އޭނާ ވިދާޅުވިއެވެ.
އޭގެ ހަަމަ ކުޑަ ދުވަސްކޮޅެއް ފަހުން އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ނަފްޓާލީ ބެނެޓް ވިދާޅުވީ އީރާން މައިތިރި ކުރަން އަރަބި ގައުމުތަކާ އެކު އިއްތިހާދެއް ހަދަން އިޒްރޭލުން ބޭނުންވާ ކަމަށެވެ.
ސައުދީ ވަފުދެއް ގުދުސުގައި އިޒްރޭލުގެ އިސްމީހުނާއެކު
އީރާނު ބަލި ކުރުމަށް އަރަބި ގަައުމުތަކާ، އަދި ވަކިން ހާއްސަކޮށް ސައުދީ އަރަބިއްޔާއާ ގުޅުން ބަދަހިކުރަން އިޒްރޭލުން ޝައުގުވެރިކަން ފާޅުކުރަމުން ދަނިކޮށް ސައުދީ ވަފުދެއް ވެސް އެ ގައުމަަށް ދިޔަ އެވެ. އެއީ 2016 ވަަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. ސައުދީ ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމަށްވާ އަންވަރު އިޝްކީ އިސްކޮށް ހުންނެވި އެ ވަފުދުން ގުދުސްގައި އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންްނާއި އެ ގައުމުގެ ޕާލަމެންޓް މެމްބަރުންނާ ބައްދަލުު ކުރި އެވެ.
އެ ބައްދަލުވުމުގައި އަންވަރު މަސައްކަތްް ކުރެއްވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަ ގޮތަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމްްކުރަން އިޒްރޭލު އެއްބަސް ކުރުވާށެވެ. ބޭނުމަކީ ފަލަސްތީނު މީހުންނާ އީރާނާ އޮންނަ ގުޅުން ކަނޑުވައިލުމެވެ.
ސަބަބަކީ ކޮބާ؟
އަރަބި ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި އޮތް ސައުދީން ފަލަސްތީނު މީހުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގާ އިޒްރޭލާ މިހާ ގާތްވުމުގައި މާ ގިނަ ސަަބަބުތަކެއް ނެތެވެ. އޮތީ އެންްމެ ދެ ސަބަބެވެ.
ފުރަތަމަ ސަބަބަކީ މެދު އިރުމަތީގައި ހަންފެތުރުމަށް އީރާނުން ކުރާ މަސައްކަތް މާބޮޑަށް ފުޅާވުމެވެ. ހަރުކަށި ޝިޔައީންނަށް މަދަދު ކުރުމުގައި އީރާނުން ކުރިން ކުރަމުން އައި ކަމަކީ ލުބުނާނުގެ ހިޒްބުﷲ ނަމަކަށް ކިޔާ ޖަމާއަތަށް މަދަދު ކުރުމެވެ. ނަމަވެސް ސަރަހައްދު ޝިޔައީ ކުރުމުގެ މަސައްކަތް އީރާނުން ވަނީ އެއަށް ވުރެ މާ ފުޅާކޮށްފަ އެވެ. އެގޮތުން ސީރިޔާ ހަނގުރާމައިގެ ތެރެއަށް ވަދެ، އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް މަދަދު ކުރުމުގެ ބޮޑު ކެމްޕޭނެއް ދަނީ ހިންގަމުންްނެވެ.
ސީރިޔާ ހަނގުރާމަ ފެށިގެން ހަތަރު އަހަރު ވީއިރު އަސަދުގެ އަތް ދަށުން ސީރިޔާގެ ބޮޑުބައެއް އޮތީ ބީވެފަ އެވެ. ނަމަވެސް ހަނގުރާމައިގެ އޮއިވަރު ބަދަލު ކޮށްލީ އީރާނާއި ރަޝިޔާ ގުޅިގެން އަސަދަށް މަދަދު ކޮށްގެންނެވެ. އީރާނުން ބުނަމުން އައީ އެގައުމުން އަސަދަށް މަދަދު ކުރަނީ ޓެރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަަަމަށެވެ. އެ މަދަދު ދެނީ އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖަމާއަތްތައް ބަލި ކުރަން ކަމަށް ވެސް ބުންޏެވެ. ބައިނަލް އަގުވާމީ މުޖުތަމައުން އެކަމާ އަަޅައި ނުލައި ދޫކޮށްލީ އެހެންވެ އެވެ.
ނަމަވެސް އެގައުމުގެ ހަގީގީ މަގުސަދަކީ ސީރިޔާ ތެރެއިން ލާފައި މެޑިޓަރޭނިއަން ކަނޑަށް ވާސިލުވާނެ މަގެއް ކޮށުމެވެ. އީރާނުގެ ބޮޑު ކޮންޓްރޯލް އޮންނަ ގޮތަށެވެ. އެއީ ވިޔަފާރި ކުރުމުގައި އީރާނަށް ބޮޑު ފަސޭހައެއް ވާނެެ ކަމެކެވެ.
ސީރިޔާ ހަނގުރާމައަށް އީރާނުން ވަނުމަށް ވުރެެ ވެސް ސައުދީން ރުޅި އަންނަ ކަމަކީ ސައުދީއާ އިންވެގެން އޮތް ޔަމަނު ހަނގުރާމާގައި ހޫސީންނަށް މަދަދު ދެމުން ދިއުމެވެ. އީރާނުން ހޫސީންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ގިނަ ހެކިތަކެއް ވަނީ ފެނިފައެވެ.
ދެވަނަ ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ސަރުކާރާ ސައުދީއާ ދެމެދު އޮތް ގުޅުން ވަރުގަދަވުމާއި ޓްރަމްޕް ސަރުކާރުން އިޒްރޭލާ ސައުދީ ގުޅުވަން ކުރާ މަސައްކަތް ވަރުގަދަވުމެވެ.
އީރާނު ކަންބޮޑުވޭ
ސައުދީ އަރަބިއްޔާއާއި އިޒްރޭލާ ގުުޅުން ބަދަހިވާ ނަމަ އެންމެ ކަންބޮޑުވާނީ އަރަބީންގެ އާއްމުންނެވެ. އެކަމަކު އީރާނުގެ ނުފޫޒު ސަރަހައްދުގައި ގަދަވުމަކީ އެމީހުން އަދި މާ ބޮޑަށް ކަންބޮޑުވާނެ ކަމެކެވެ. ހަމަ އެހެންމެ އީރާނުން އެންމެ ކަންބޮޑުވާނެ ކަމަކީ އެ ގައުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަރަބީން އެކައްޗަކަށް ވުމެވެ.
މިހާރު ފެންނަން އޮތް މަންޒަރަށް ބަލާ އިރު ސައުދީ އާއި އިޒްރޭލާ ދެމެދު އުފެދޭ ގުޅުމެއްގައި ބައިވެރިވާނީ ހަމަ އެކަނި އެ ދެގައުމެއް ނޫނެވެ. އެކަމުގައި ސައުދީގެ ބައިވެެރިން ކަމަށްވާ ބަހުރައިނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ވެސް ބައިވެރިވާނެ އެވެ. އެކަމުގައި ކެހި ލިބޭނީ އީރާނަށެވެ.