ފަލަސްތީނަށް މިނިވަން ދައުލަތެއް ނެތި ސައުދީ އަރަބިއްޔާއިން އިޒްރޭލު ބަލައިނުގަންނާނެ ކަމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޝޫރާ ކައުންސިލްގައި ވިދާޅުވެއްޖެ އެވެ.
ބިން ސަލްމާން ދެއްކެވި ވާހަތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިންގަމުންގެންދާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް ސައޫދީން ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާނެ ކަމަށްވެސް ވަލީއަހުދު ވިދާޅުވި އެވެ.
ބިން ސަލްމާން ވިދާޅުވީ ސައޫދީ އަރަބިއްޔާއިން ފަލަސްތީނަށްޓަކައި ކޮށްދެމުން ގެންދާ މަސައްކަތްތައް ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓައި ނުލައްވާނެ ކަމަށެވެ.
އިރުމަތީ ގުދުސް މިނިވަންކުރުމާއި އެއީ ފަލަސްތީންގެ ވެރިރަށް ކަމަށް ހެއްދެވުމަކީ ސައޫދީގެ އަޒުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް ތާއީދުކުރާ ހުރިހާ ގައުމަކަށް ވަލީއަހުދު ޝުކުރު ދެންނެވި އެވެ. އަދި ފަލަސްތީންގެ ރައްޔިތުންނަށް ދައުލަތެއްގެ އުފާވެރިކަން ހޯދައިދިނުމުގައި ގައުމުތަކުން ބައިވެރިވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ދުނިޔޭގައި ހައްގު ނިގުޅައިގަނެވިފައި ތިބިހާ ބައެއްގެ ހައްގުގައި ސައޫދީން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ވަލީއަހުދު ދެއްވި އެވެ. ޔަމަނާއި، ސޫދާން، ލީބިއާ އަދި ޔުކްރޭނަށް ސިޔާސީ ހައްލެއް ހޯދުމަށް ސައުދީން އެހީތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބިން ސަލްމާން ވިދާޅުވީ ސަރަހައްދީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސައުދީން އިސްވެ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އަންނަން އޮތް ޖީޅުތަކަށް ސައޫދީ ޒުވާނުން ފައްކާކުރުމަށް ދައުލަތުން ކުރާ އެއްވެސް މަސައްކަތެއް ސައޫދީގެ އަމިއްލަ ސިފަތަކުން ބޭރުނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. ސައޫދީގައި އޮންނާނީ އަމިއްލަ ސަގާފަތެއް ކަމަށާއި ކާބަފައިގެން އަގުވަޒަންކުރުމާއި އިސްލާމްދީނުގެ ރީތި ސިފަތަކާއި އާދަތައް ސައޫދީ އިން ދޫކޮށް ނުލާނެ ކަމުގައިވެސް ވިދާޅުވި އެވެ.