އިނގިރޭސި އެފްއޭ ކަޕް ހަތަރު ވަނަ ބުރުގައި ކާޑިފް ސިޓީ 0-2 ބަލި ކުރި މެޗުގައި ރެފްރީ ލީ މޭސަން މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ހިމާޔަތް ކުރަން ނުކުޅެދުނު ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މެޗަށްފަހު ބުނެފި އެވެ.
ގާޑިއޯލާ މިފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ ކާޑިފްގެ ޑިފެންޑަރު ޖޯސެފް ބެނެޓް ސިޓީގެ ޖަރުމަން މިޑްފިލްޑަރު ލިއޮރޭ ސާނޭއަށް ކުރި ފައުލާ ގުޅިގެންނެވެ. ބެނެޓް ކުރި ފައުލުގެ ސަބަބުން ސާނޭ މަހެއް ހާދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
ބެނެޓް ސާނޭއަށް ކުރި ނުރައްކާތެރި ފައުލަށް ސީދާ ރަތް ކާޑެއް ރެފްރީ ދައްކާފައި ނުވި ނަމަވެސް އޭނާ ދެވަނަ ހާފްގައި ކުރި ކުށަކާ ގުޅިގެން ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައި ވެއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ރެފްރީން ދަނޑުމަތީގައި ކުރަންޖެހޭ ކަމަކީ ކުޅުންތެރިން ހިމާޔަތް ކުރުން ކަމަށެވެ.
"އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން ރެފްރީން ކުރަން ޖެހޭ ކަމަކީ ކުޅުންތެރިން ހިމާޔަތް ކުރުމޭ، ހަމައެކަނި ސިޓީގެ ކުޅުންތެރިންނެއް ނޫން ހުރިހާ ޓީމެއްގެ ހުރިހާ ކުޅުންތެރިން ވެސް. އަހަރެން ބޭނުމެއް ނޫން މިފަދަ މަންޒަރުތަށް ބަލާކަށް" ގާޑިއޯލާ ބުންޏެވެ.
ސިޓީއަށް މިހާރުވެސް އަނިޔާގެ މައްސަލަތަށް ގިނަ އެވެ. ޑިފެންޑަރު ބެންޖަމިން މެންޑީ އާއި ފޯވާޑް ގެބްރިއަލް ޖީސެސް އާއި މިޑްފިލްޑަރު ފަބިއަން ޑެލްފް އަދި ފިލް ފޮޑެން އަނިޔާގެ ސަބަބުން ތިބީ ކުޅުމާ ދުރުގަ އެވެ.
ގާޑިއޯލާގެ ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ދެވުނު ނަމަވެސް މެޗުގައި ސިޓީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ކެވިން ޑެބްރޭނާ އަދި ރަހީމް ސްޓާލިންގެ ލަނޑުތަކާއެކު ސިޓީ އެފްއޭ ކަޕް ފަސް ވަނަ ބުރަށް ދިޔައީ ފަސޭހަ ކަމާއެކު އެވެ.