ހަބަރު

ފީލް އިންވެސްޓްމަންޓުން ޑަބްލިޔުޓީއެމް އެފްރިކާ އަށް

ފީލް އިންވެސްޓްމަންޓްގެ ފަރާތުން "ފީލް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) އެފްރިކާ 2018 އިގެ ފެއާގައި ބައިވެރިވާން ނިންމައިފި އެވެ.

ފީލް އިންވެސްޓްމެންޓްގެ ޗީފް އޮޕްރޭޓިން އޮފިސަރު ހަސަން ލަބީ މިއަދު ވިދާޅުވީ، މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑަބްލިޔުޓީއެމް ފެއާގައި އެމްއެމްޕީއާރްސީން ބައިވެރި ނުވާތީ އާއި މޯލްޑިވިއަންގެ ފަރާތުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށާކަމުގެ އިޝާރާތެއް ވެސް ދީފައިވާތީ ކަމަށެވެ.

އަދި ފެއާގައި ބައިވެރިވެ އެފްރިކާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުމަކީ އެންމެ ބޮޑު އެއް މަގުސަދު ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަބީ ވިދާޅުވީ، މި ފެއާގައި ރާއްޖޭގެ 14 ރިސޯޓަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ގެސްޓްހައުސް ތަކަށް ވެސް ފަސޭހައިން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ، ރާއްޖޭގެ 30 ގެސްޓްހައުސް އިސްތިހާރު ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

"14 ރިސޯޓުން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި، މިހާތަނަށް ތިން ރިސޯޓަކުން ވަނީ ބައިވެރިވެފަ، އަދި 11 ޖާގަ އެބައޮތް އަޅުގަނޑުމެންނާއި ގުޅައިގެން ކުރިއަށް ގެންދަންވީ، އަންނަ އަހަރު ބާއްވާ ފެއާގައި މިއަށްވުރެ ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކުރާނަން،" ލަބީ ވިދާޅުވި އެވެ.

ލަބީ ވިދާޅުވީ، ރިސޯޓްތަކުން ފެއާގައި ބައިވެރިވުމަށް އަންނަ މަހު 15 އަށް ހުޅުވާލާފައިވާ ކަމަށާއި ރިސޯޓް ތަކަށް ކައުންޓަރެއް ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އެމެރިކާ ޑޮލަރަށް ކަމަށެވެ. ގެސްޓް ހައުސް ތަކަށް 500 ޑޮލަރަށެެވެ.

ފެއާ އޮންނާނީ ވެރިރަށް ކޭޕްޓައުންގަ އެވެ. ފެއާ އަށްފަހު އިތުރަށް އިސްތިހާރު ކުރުމަށް ޖޮހަނަސް ބާގްގައި ރޯޑްޝޯއެއް ވެސް ބާއްވާނެ އެވެ.

"ގެސްޓްހައުސްގެ މާކެޓިން މެޓީރިއަލް ތައް އެކޮޅަށް ގެންގޮސްގެން ގެސްޓްހައުސް ސަފާރީތަކަށް ބައިވެރިވެވޭނެ، ގެސްޓްހައުސް ތަކަށް 30 ޖާގަ ދޫކުރެވޭނެ، ގެސްޓްހައުސް ތަކުން އެއްވެސް ބޭފުޅަކު އެކޮޅަށް ނުގޮސް އިސްތިހާރު ކޮށްދިނުމުގެ ފުރުސަތު ފަހިކޮށް މިދެވެނީ،" ހަސަން ލަބީ ވިދާޅުވީ އެވެ.

ޑަބްލިޔުޓީއެމް ފެއާ އޮންނާނީ އޭޕްރީލް މަހުގެ 18 އިން 20 އަށެވެ. ޑަބްލިޔުޓީއެމް އަކީ އެފްރިކާގެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ. މި ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ބާއްވާ ފެއާ އެކެވެ. މިފަދަ ފެއާ އެއްގައި ފީލް އިންވެސްޓްމެންޓުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މިއަހަރު އިތުރު ތިން ފެއާ އެއްގައި ބައިވެރިވުމަށް ނިންމާފައިވާ ކަަމަށްވެސް ފީލް އިން ބުންޏެވެ.