ކޮރޭޝިއާގެ މާރިން ޗިލިޗް ބަލިކޮށް އޮސްޓޭރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށް، އޭނާގެ 20 ވަނަ ގްރޭންޑްސްލޭމް ރޮޖާ ފެޑްރާ ހޯދައިފި އެވެ. މިއީ އޮސްޓްރޭލިއަން އޯޕަން ފެޑްރާ ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. މި ކާމިޔާބު ހޯދުމުގެ ކުރިން މި ދެ ކުޅުންތެރިން ވަނީ ރާއްޖެއިން ބައްދަލުވެ ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެފަ އެވެ.
އުމުރުން 36 އަހަރުގައި ވެސް ފެޑްރާ ވަނީ އޭނާ ހުނަރުވެރިކަން އޭނާއަށް ވުރެ ޒުވާން ކުޅުންތެރިޔާ ޗިލިޗް 29، އާ ދެކޮޅަށް ސާބިތު ކޮށްފަ އެވެ. އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ކުރިން ފެޑްރާ ޗިލިޗްގެ ޕްރީ ފައިނަލު އޮތީ ރާއްޖޭގަ އެވެ. ދެ ކުޅުންތެރިން ވެސް ޗުއްޓީ ހޭދަ ކުރަން ތިބީ ރާއްޖޭގެ އެއް ރިސޯޓެއްގަ އެވެ. އެއީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
"އަހަރެން ކުރިން ފުރަތަމަ އެ ރަށަށް ދިޔައީ، އޭނާ އައީ އަހަންނަށް ވުރެ ފަހުން،" މިދިޔަ އަހަރު ފަހު ކޮޅު ރާއްޖޭގައި ޗުއްޓި ހޭދަ ކުރަން ފެށުނު ގޮތް ފެޑްރާ ހިއްސާ ކުރި އެވެ.
"އޭނާ އައީމަ އަހަންނަށް އަންގައިފި އޭނާވެސް އެ ރަށަށް [ރިސޯޓަށް] އަތުވެއްޖެ އޭ، އަހަރެން ހިތައްއެރި އެއީ ވަރަށް ފައްކާ ކަމެކޭ."
ޗިލިޗް، އެ ރިސޯޓަށް އައިނަމަވެސް ފެޑްރާ ވެސް އަދި ޗިލިޗް ވެސް މާބޮޑަށް އެކަމާ ސަމާލު ކަމެއް ނުދެ އެވެ. ނަމަވެސް ދެ ދުވަސް ފަހުން ޗިލިޗް ފެޑްރާއަށް ޚަބަރެއް ވިއެވެ.
"އޭނާ އަހަންނަށް މެސެޖް ކުރި، އަހަރެން [ޗިލިޗް] ވެސް މިހުރީ ހަމަ މިތާނގައޭ، ބޭނުންނަމަ ބައްދަލު ކުރެވޭނެއޭ،" ފެޑްރާ ކިޔައި ދިނެވެ. "އަހަރެންވެސް މެސެޖް ކުރިން އޭނާވެސް ބައްދަލު ކުރަން ބޭނުމިއްޔާ އަންގާ ލާށޭ."
"އޭނާ ހުރީ ވަރަށް ބޮޑަށް ދިމާވާން ބޭނުން ވެފައި، ސަބަބަކީ އެ މާހައުލަކީ އަހަރެމެން ދެ މީހުން ވެސް ވަރަށް ހިތްހަމަޖެހިގެން ތިބި މާހައުލެއް، އަހަރެމެން ފަހުން ލުއި ބުއިމެއް ބޯލަން ދިމާވެލިން، އޭނާގެ ލޯބިވެރިޔާއާ އަހަންނާ ބައްދަލުވި، އަހަރެންގެ އާއިލާއާއި އޭނާއެކު ކޭކެވެސް ފެޅިން."
ޗުއްޓިގައި ހުރި ނަމަވެސް، ފެޑްރާ އާއި ޗިލިޗް، ޓެނިސް ރެކެޓް އަތުން ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. ރާއްޖޭގެ އެ މާހައުލުގައި ވެސް ދެކުޅުންތެރިން ޓެނިސް ކޯޓަށް ނިކުތެވެ. ނަމަވެސް ވާދަވެރި މެޗަކަށް ނޫނެވެ. ފޫހި ފިލުވާލުމުގެ ގޮތުންނެވެ.
"އެއީ ވަރަށް ބޮޑަށް އެންޖޯއި ކުރި ވަގުތެއް، އެ ވަގުތު ކޯޗެއް ވެސް ނުހުންނާނެ، އެކަހަލަ އެއްވެސް ކަމެއް ނެތް އަހަރެމެން ދެ މީހުން އެކަކު އަނެކަކަށް ކޯޓްގައި ބޯޅަ ޖަހަން ތިބީ،" ފެޑްރާ ކިޔައިދިނެވެ.
"އެއީ ވަރަށް ވަރަށް ރަނގަޅަށް ގެންދެވުނު ކަމެއް."