ފޯވާޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން ގަބޯންގެ ފޯވާޑް ޕިއޭ އެމްރިކް އޮބަމަޔަން ހޯދަން ބޮރޫޝިޔާ ޑޯމަންޑަށް 60 މިލިއަން ޕައުންޑު ހުށައަޅަން އާސެނަލް ތައްޔާރު ވެއްޖެ އެވެ. މީގެ އިތުރުން އާސެނަލްއިން ވަނީ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް ވިއްކާލަން ނިންމާފަ އެވެ.
ޖިރޫޑް ވިއްކާލަން އާސެނަލް މަސައްކަތް ކުރާއިރު އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޗެލްސީ އެވެ. ޖިރޫޑްއަށް 35 މިލިއަން ޕައުންޑް ހުށަ އަޅާ ކޮންމެ ކްލަބަކަށް ވެސް އޭނާ ވިއްކާލަން އާސެނަލް ތައްޔާރެވެ.
ޑޯޓްމަންޑުންގެ ކޯޗު ޕީޓާ ސްޓޮގާ ޖިރޫޑް ބޭނުންވެ އެވެ. ނަމަވެސް އާސެނަލްއިން އޭނާ ވިއްކާލަން ކިޔާ އަގު ބޮޑުވުމުން ޑޯޓްމަންޑުން މިހާރު އަންނަނީ ޗެލްސީގެ ބެލްޖިއަމް ފޯވާޑް މިޝީ ބަޓްޝުއާއީ ހޯދަން މަސައްކަތް ކުރަމުން ނެވެ.
ފަހު ވަގުތު ވާދަވެރި ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ސަންޗޭޒް ގުޅުމުން ސިޓީ މިހާރު ވަނީ ސްޕެއިންގެ އެޓްލެޓިކް ބިލްބާއޯއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ 23 އަހަރުގެ ފްރާންސް ޑިފެންޑަރު އައިމެރިކް ލަޕޯޓް ގެންދަން ނިންމާފަ އެވެ. ސްޕެއިން އަދި އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީ ވަނީ ލަޕޯޓްގެ 57 މިލިއަން ރިލީޒް ކްލޯސް ދައްކަން ތައްޔާރުވެފަ އެވެ. އެންމެ ފަހުން ބިލްބާއޯ ލީގުގައި އެއިބާ އާއި ވާދަކުރި މެޗު ސްކޮޑުގައި ވެސް ލަޕޯޓް ހިމަނާފައި ނުވެ އެވެ.
އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާ ސިޓީއިން އަންނަނީ ލަޕޯޓްގެ އިތުރުން ޔޫކްރެއިންގެ ސަކްތާ ޑޮނެޓްސްކަށް ކުޅޭ ބްރެޒިލް މިޑްފިލްޑަރު ފްރެޑް ހޯދަން މަސައްކަތް ކުރަމުންނެވެ. ސިޓީގެ އިތުރުން ޔުނައިޓެޑުން ވެސް ފްރެޑްގެ ސޮއި ހޯދަން މަސައްކަތް ކުރެ އެވެ.