ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
އަޒްލީން މިހެން ވިދާޅުވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ސީޕީ އަރީފް ބައްދަލު ކުރެއްވި ކަމަށް އަޑު ފެތުރުމާ ގުޅިގެން އެމަނިކުފާނަށް ރައީސް ޔާމީން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި ފުލުހުންގެ ތެރޭގައި ވެސް އެ މައްސަލާގައި ނުތަނަވަސްކަން ފެތުރިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން ފާރިސްގެ މައްސަލަ ވެސް ޑީސީޕީގެ ދަށުން ކުރިޔަށް ގެންދަނީ ރައީސް އަރީފަށް އިތުބާރު ނުކުރައްވާތީ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފަ އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ އަރީފް އާއި ރައީސް ޔާމީނާ ދެމެދު ހިޔާލު ތަފާތުވެ މައްސަލަ ޖެހިގެން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަނީ ސީޕީގެ އަގު ވައްޓާލަން ކަމަށެވެ. ނަމަވެސް މުއައްސަސާތަކުގެ ވެރިން އަބަދުވެސް ތިބޭނީ ގައުމަށާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރަން ކަމަށާއި އަރީފަށް ރައީސް ޔާމީން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ.
"ރައީސް ޔާމީންއާ ސީޕީއާ ދޭތެރޭ މައްސަލަ އޮންނަ ވާހަކަ އެ ދައްކަނީ ފިތުނަ އުފައްދަން، ސީޕީގެ މަގާމުގައި ހުންނަ ބޭފުޅަކާއި ރައީސުލްޖުމްހޫރިއްޔާއާ މައްސަލަ ޖެހޭނަމަ އެ ބޭފުޅާ އެ މަގާމުގައި ނުވެސް ހުންނަވާނެ ނޫންތޯ، އެ ވިދާޅުވަނީ ތާކުން ތާކުން ނުޖެހޭ ވާހަކައެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ތެރެ ބައިބައި ކުރަން މަސައްކަތް ކުރާ ބަޔަކު އިދިކޮޅު ފަރާތްތަކާއެކު ތިބި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށް ވެސް އަޒްލީން މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނަކީ ވެރިކަން ނަގަހައްޓާ ގާނޫނު ތަންފީޒު ކުރާ ބައެއް ކަމަށާއި ކޮންމެ ފުލުހަކު ވަކި އެޖެންޑާއެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި ފުލުހުން ތިބީ ގައުމީ ޒިންމާ އަދާ ކުރުމުގެ މަގްސަދުގެ ތެރޭގައި ކަމަށެވެ.