ދިވެހި ސިނަމާ

"ކަނޑު އިބިލީސް"ގެ ޝޫޓިން މިއަދު ފަށަނީ

ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި އަހުމަދު ޒިޔާ ގުޅިގެން ތައްޔާރުކުރާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް" ގެ ޝޫޓިން މިއަދު ފަށާނެ އެވެ.

އުތުރުގެ ހދ. ކުޅުދުއްދުށީގައި ޝޫޓްކުރާ މި ފިލްމަކީ އިއްސެ އާއި ޒިޔާ އަދި ލަވަކިޔުންތެރިޔާ ރިފްއަތު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިއީ ރިޕްއަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ އިއްސެ އެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. ޒިޔާ ބުނީ ފިލްމުގެ ހާއްސަ ކާސްޓުންގެ ތެރޭގައި ކުޅުއްދުއްފުށީގެ ކުދިންނާއި މީހުން ފެނިގެންދާނެ ކަމަށެވެ. މިއީ އާ ފަރާތްތަކަށް މި ދާއިރާއަށް ފުުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށް ޒިޔާ ބުންޏެވެ. ފިލްމުގެ މޭކަޕް ކޮށްދެނީ ވެސް ކުޅުދުއްފުށީގެ މީހެކެވެ.

"މި ފިލްމުގައި އަމިއްލަ ރާގުގެ ލަވައެއް ވެސް ހިމެނޭނެ. ފިލްމު ހުރިހާ މަންޒަރެއް ކެމެރާ ކޮށްދޭނީ ރާއްޖޭގެ ނަންބަރު ވަން ކެމެރާމަން ދަބާ." ޒިއާ ބުންޏެވެ.

"މީގެ ކުރިންވެސް ގެނެސްދީފައިވާ ކުޑަކުދިންގެ ފިލްމުތައް ކަހަލަ ފިލްމެއް މީ. އެ ކުދިން ހިތްހަމަޖެހޭނެ ގޮތަށް އަދި އިބްރަތްތެރި މެސެޖުތަކަކާއެކު މި ފިލްމު މި ތައްޔާރު ކުރަނީ."

ފިލްމުގެ ޝޫޓިންއަށް ނަގާނީ 10 ވަރަކަށް ދުވަސް ކަމަށާއި، އެއަށްފަހު ދެ ވަރަކަށް މަސްދުވަހުގެ ތެރޭގައި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ޒިޔާ ބުންޏެވެ.

ޒިޔާ އަދި ކޮޕީ އިއްސެ ގުޅިގެން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދާ ލަވަ އާއި ފިލްމު އަދި ޑްރާމާ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.