ރިޕޯޓް

އެލައިޑްގެ 33 އަހަރު: އިންޝުއަރެންސް ދަސްކޮށްދިން

  • ހުރިހާ ދާއިރާއަކަށް އިންޝުއަރެންސް ދޭ
  • ސަރަހައްދުގެ އެއްވަނަ ކުންފުނި
  • ޓެކްނޮލޮޖީއާ ރަހުމަތްތެރި ކުންފުންޏެއް

އިންޝުއަރެންސަކީ ކުރިން ދިވެހިން އެންމެ ފޫހިވި އެކައްޗޭ ބުނެވިދާނެ އެވެ. އަދި މިއީ ވިޔަފާރިވެރިން އެންމެ ޖެހިލުންވާ، ބިރު ގަންނަ އެއް ނިޒާމެވެ. އެހެންވެ، އިންޝުއަރެންސުގެ ވާހަކަ ދައްކާއިރަށް ގިނަ މީހުން ދާނީ ދުރަށެވެ. ނަމަވެސް އެލައިޑު އިންޝުއަރެންސް އުފެދި މިވީ 33 އަހަރު ތެރޭގައި އެ ކުންފުނިން ވަނީ އެކަމަށް ބޮޑު ބަދަލެއް ގެނެސްދީފަ އެވެ. ގެނެސްދިން އެންމެ ބޮޑު އެއް ކުރިއެރުމަކީ އިންޝުއަރެންސަށް ގިނަ ބަޔަކު ލޯ ހުޅުވާލަ ދިނުމޭ ބުނެވިދާނެ އެވެ.

އެލައިޑު އުފެއްދީ 1985 ވަނަ އަހަރު އެވެ. އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ ގުޅިގެން އުފެއްދި އެލައިޑް އިންޝުއަރެންސުގައި އޭރު ގިނަ އަދަދެއްގެ ބޭރު މީހުން ތިބި ނަމަވެސް، މިހާރު އެ ކުންފުނި ވެގެންގޮސްފައި ވަނީ އެންމެ ގިނައިން ދިވެހިން މަސައްކަތް ކުރާ މާލީ ހިދުމަތްދޭ އެއް ފަރާތަށެވެ. އެލައިޑުން އުފެއްދި، ގިނަ އަދަދެއްގެ މުވައްޒަފުން މިހާރު ތިބީ އެ ކުންފުންޏާ ވާދަވެރި އެހެން ކުންފުނިތަކުގަ އެވެ. ހާއްސަކޮށް އެ ފަދަ ކުންފުނިތަކުގެ އެންމެ އިސްވެރިންގެ ގޮތުގަ އެވެ. އެ ބޭފުޅުން އެ ގޮތުގައި ތިއްބެވުން ވެގެން ދަނީ އެލައިޑް މި ދާއިރާ އަށް ކޮށްދިން "އެންމެ ހެޔޮކަންތައް" ކަމުގައި ވެސް ވެދާނެ އެވެ. ނަތީޖާ އަކަށް ވެގެން ދަނީ އިންޝުއަރެންސް ވިޔަފާރީގެ މުސްތަގުބަލް އުޖާލާކޮށް މިހާރު އޮތުމެވެ.

ސަރަހައްދުގެ އެއްވަނަ!

އޮތް ސުވާލަކީ 33 އަހަރު ވީއިރު މިހާރު އެލައިޑް އިންޝުއަރެންސް އޮތީ ކިހާ ހިސާބެއްގައި ބާއެވެ؟

މި ސުވާލުގެ ޖަވާބު މިދިޔަ އަހަރުގެ އަހަރީ ދުވަހު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލު ވަނީ ދެއްވާފަ އެވެ

އަމީލް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ މީގެ ތިން އަހަރު ކުރިން 70 މިލިއަން ޑޮލަރުގައި ހުރި، ނަމަވެސް މިހާރު ކުންފުނީގެ ގާބިލްކަން 120 މިލިއަން ޑޮލަރަށް އަރާފަ އެވެ.

"އެލައިޑް ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީން ވަރަށް އިރުޝާދު ދެއްވި. އިންޝުއަރެންސް ކުންފުންޏެއްގެ އެންމެ ބޮޑު ކާމިޔާބީއަކީ ރީ-އިންޝުއަރެންސް ކުންފުނިތައް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު،" އަމީލް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހާރު އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ އިންޑިޔާ ކަނޑުގެ ގައުމެއްގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏެވެ. އެއީ ވަރަށް ބައިވަރު މަސައްކަތެވެ.

"މިހާރު އެއީ މޮރިޝަސް، ނޫނީ ސީޝެލްސް ނުވަތަ ސްރީލަންކާ އަށް ބެލި ކަމުގައިވިޔަސް. އެންމެ ކައިރިއަށް ބަލާއިރު ސްރީލަންކާގެ ކެޕޭސިޓީއަކީ 40 މިލިއަން ޑޮލަރު. މިއީ މި ކާމިޔާބީއަކީ،" އަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ އިންޝުއަރެންސް ނަމްބަރު

އެލައިޑުގެ މި ކާމިޔާބީއާއެކު، އެ ކުންފުނިން ވަނީ ރާއްޖެ އަށް އާ އެތައް ކަމެއް ކޮށްދީފަ އެވެ. ދުނިޔޭގެ ބޮޑެތި އިންޝުއަރެންސް ކުންފުނިތައް ރާއްޖޭގައި ތިބިނަމަވެސް، އެ މީހުންނަށްވުރެ ކުރިއަށް ނުކުމެފަ އެވެ. މިގޮތުން ހުރިހާ ވިޔަފާރިއަކަށް އެލައިޑުގެ އިންޝުއަ ޕެކޭޖުތައް މިހާރު ލިބެ އެވެ. އަދި އާއިލާތަކާއި ވަކިވަކި މަސައްކަތްތެރިނާ ހަމައަށް ވެސް އެލައިޑު ފޯރައިފި އެވެ. އިސްލާމިކް ވިންޑޯއެއް ހުޅުވައިފި އެވެ. މީގެ އިތުރުން ދުނިޔެއާ އެއް ހަމައަށް ފައި ނެގުމަށްޓަކައި އިންޓަނެޓު މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މިހާރު އެލައިޑުގެ ހިދުމަތް ހޯދެ އެވެ. އިންޝުއަރެންސްގެ މައުލޫމާތު ސާފު ކުރަން ބޭނުންނަމަ "1600" އާ ގުޅާލުމުން ނިމުނީ އެވެ.

މިއީ އެލައިޑުގެ 33 އަހަރުގެ ކުޑަ މިންވަރެކެވެ. ކުރުކޮށް ބުނާނަމަ އެލައިޑުގެ ސަބަބުން ދިވެހިން އިންޝުއަރެންސް މިވަނީ ދަސްކޮށްފަ އެވެ. އިންޝުއަރެންސް ދަސްކޮށް ދިނީ އެ ކުންފުންޏެވެ.