ހަބަރު

ރިޔާޒަށް ފަހުން ކުރި ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ތިންވަނަ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ. މިފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރިޔާޒުގެ މައްޗަށް ދައުވާ އުފުލީ ރިޔާޒުގެ ފޯނުން އޭނާ އާއި ދައުލަތުގެ މުވައްޒަފަކާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާތީ އެވެ. ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި މަނާ ކޮށްފައިވާ ގޮތެއްގެ މަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާއެކު މުވާސަލާތެއް ކުރުމަކީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރިޔާޒުގެ މައްޗަށް މީގެ ކުރިން ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ އުފުލީ، ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އެވެ. ފޯނު ޕިން ކޯޑް ނުދިނުމުން އުފުލި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެ އެވެ.

އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ. އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.