ލައިފްސްޓައިލް

ހުދު އިސްޓާކީނަކީ "ބޭޑް" ފެޝަނެއް!

އަބަދު ހުދު އިސްޓާކީނަށް އަރަނީ ކީއްވެގެންތޯ މީހެއްގެ ގާތުގައި އެހުމުން ބުނީ އޭނާ ހުދު އިސްޓާކީނަށް އަރާނީ އަމިއްލަ ނަފުސަށް އިތުބާރު އޮންނާތީއޭ އެވެ. އަމިއްލަ ނަފްސަށް އޮތްޗ އިތުބާރޭ ބުނުމުން ފުރަތަމަ އޮޅޭ ގޮތްވި އެވެ. އެހާ ސާފެއް ނުވި އެވެ.

އޭނާ މާނަކޮށްފައި ވަނީ ހުދު އިސްޓާކީނަށް އެރޭނީ ސާފުތާހިރު މީހުނަށޭ އެވެ. ކުލައިގެ ގޮތުން ހުދު އެއްޗެއް ވެއްޖެއްޔާ ކިތައްމެ ކުޑަ ހަޑިއެއް ނުވަތަ ކިލާ ކޮޅެއް ޖެހުނަސް އެނގެން ހުރެ އެވެ. ހުދު އިސްޓާކީނު ހަޑި ނުކޮށް އެއަށް އަރައިގެން އުޅެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތީ އެވެ.

ހުދު އިސްޓާކީނަށް އެރުމާ ބެހޭގޮތުން ބޮޑެތި ބަހުސްތައް ދުނިޔޭގެ އެތަށް މިތާ ކުރެވެ އެވެ. ގިނަ ފަހަރަށް މި ބަހުސްތައް ކުރެވިފައި ހުރީ ހުދު އިސްޓާކީނަކީ އާންމުކޮށް ލައިއުޅޭ އެއްވެސް އަންނައުނަކާއި ނުގުޅޭ ކުލައެއްގެ އިސްޓާކީނެއް ކަމަށް ބުނެ އެވެ. މި ބުނުމާއި ދެކޮޅު ހަދާ އެތައް ބަޔަކުވެސް އެބަތިއްބެވެ.

ހުދު އިސްޓާކީނަށް އެރުމާއި ދެކޮޅަށް ޔޫރަޕްގެ ގައުމެއް ކަމަށްވާ ޑަޗްގެ ފިނޭންސް މިނިސްޓްރީން ނުކުންނަ އުޅޭކަމަށް ބުނެ 2004 ވަނަ އަހަރު ހަބަރެއް ވެސް ފެތުރުނެވެ. ބައިނަލްއަގުވާމީ މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނު އެ ހަބަރު އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ފަހުން ދޮގުކުރި އެވެ. އަދި އެއީ އެ މިނިސްޓްރީގައި މަސައްކަތް ކުރި އޮފިޝަލެއްގެ އަމިއްލަ ހިޔާލެއް ކަމަށާއި އެއީ މިނިސްޓްރީ އާއި ގުޅުންހުރި ކަމެއް ނޫންކަމަށް އޭރު ބުނެފައިވެ އެވެ. ހުދު އިސްޓާކީނާ ބެހޭ އެންމެ ބޮޑު ބަހުސަށް އެކަން އޭރުވިއެވެ.

ދުނިޔޭގެ މަޝްހޫރު ބައެއް ސްޓައިލް މެގަޒިންތަކުގައި ހުދު އިސްޓާކީނާއި ބެހޭގޮތުން ވާހަކަ ގެނެސް ދެއެވެ. އެ ވާހަކަތަކަށް ބެލިއިރު ގިނަ މެގަޒިންތަކުގައި ބުނަނީ ހުދު އިސްޓާކީނަށް އެރުން ސިފައިވެފައި އޮންނަނީ "ބޭޑް ފެޝަނެއް" ގޮތުގައި ކަމަށެވެ. ހާއްސަކޮށް ފިރިހެނުން އޮފީހަށް ދާން ލައި އުޅޭ ސޫޓު ފަދަ އެއްޗެެއްސައެކީ ހުދު އިސްޓާކީނު ލުމުން ނުގުޅެ އެވެ.

ހުދު އިސްޓާކީނަށް އާންމުކޮށް އަރާ އުޅެނީ ސުކޫލަށް ދާ ކުދިންނާއި ޖިމަށް ނުވަތަ ކޮންމެވެސް ކުޅިވަރުގެ ހަރަކާތަކަށް ދާ މީހުނެވެ.

ހުދު އެއްޗެހި ފަސޭހައިން ހަޑިވާނެ ކަމާމެދު ޝައްކެތްނެތެވެ. ހަޑިއެއް ޖެހިއްޖެނަމަ އެ ފިލުވަންވެސް އުނދަގޫވާނެ އެވެ. ހުދު އިސްޓާކީނާ ބެހޭގޮތުން މިކަހަަލަ ވާހަކަތަކެއް ހުރި ނަމަވެސް އެއިން ލިބޭ ފައިދާއެއްވެސް އެބަ އޮތެވެ. އިސްޓާކީނާއެކު ބޫޓަށް އެރުމަށްފަހު ދެން ބޭލުމުން ނުބައިވަސް ދުވުމަކީ ގިނަ ބަޔަކަށް މެދުވެރިވާ ކަމެކެވެ. ހުދު އިސްޓާކީނު ބޭނުން ކޮށްގެން މިކަމަށް ހައްލު ހޯދިދާނެ އެވެ.

ނުބައި ވަސްދުވަން މެދުވެރިވަނީ އާންމުކޮށް އަރާ ތަފާތު ކުލަތަކުގެ އިސްޓާކީނުގައި ހިމެނޭ ކުލައިގެ ކެމިކަލްތައް ފައި ނިކުންނަ ދަލާ އެކުވުމުންނެވެ. ކޮޓަން އަދި ވޫލުން ހަދާފައި ހުންނަ އެއްވެސް ކުލައެއްގެ ކެމިކަލް ބޭނުން ނުކުރާ ހުދު އިސްޓާކީނުން ފައިން ނިކުންނަ ދާތައް އިސްޓާކީނުގެ އެތެރެއަށް ދަމައިގަނެ ވަސް ބޭރުވުމުން ދުރުކޮށްދެ އެވެ.

އަބަދުހެން އިސްޓާކީނަށް އެރުމުން މި ގޮތަށް ވަސްދުވާ މީހެއް ނަމަ އިސްޓާކީނަށް އެރުމުގެ ކުރިން ފައި ރީއްޗަށް ދޮވެ، ރަނގަށް ހިއްކުމަށްފަހު އަރަން އާދަ ކުރާށެވެ. މިގޮތުން ވެސް ހައްލު ނުލިބޭނަމަ ކޮންމެ ދުވަހަކަށް އިސްޓާކީނެއް ގެންގުޅުން ބުއްދިވެރި އެވެ.

ހުދު އިސްޓާކީނަށް އެރުމަކީ ފަންސާހާއި ފަސްދޮޅަހުގެ އަހަރުތަކުގައި އާންމުވި ޓްރެންޑެކެވެ. ފަހުން އައިސް އަށްޑިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅުގައި ވެސް ހުދު އިސްޓާކީނަށް މީހުން އާންމުކޮށް އަރާ އުޅުނެވެ. އޭގެ ފަހުން އާންމުކޮށް ހުދު އިސްޓާކީނަށް އެރުން މަޑުޖެހިފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް ހުދު އިސްޓާކީނަށް އެރުން މަޑު މަޑުން އާންމުވަމުން އެބަދެ އެވެ.

ކުރީގެ ބައެއް މަޝްހޫރު މީހުންގެ މެދުގައިވެސް ހުދު އިސްޓާކީނު ވަނީ ޑްރެންޑަކަށްވެފަ އެވެ. އެގޮތުން ކުރީގެ ހޮލީވުޑްގެ ތަރިއެއް ކަމަށްވާ ޕޯލް ނިއުމަން އަކީ ހުދު އިސްޓާކީނާށް އަރާއުޅު މީހެކެވެ. އޭނާ ހުދު އިސްޓާކީނަށް އަރައިގެން ނަގާފައިވާ ފޮޓޯއެއް ދުނިޔޭގެ އެކި މެގަޒިންތަކުގައި 300 އަށްވުރެ ގިނަ ފަހަރު ޝާއިއު ކޮށްފައިވެ އެވެ.

ކުރީގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން އަކީ ވެސް ހުދު އިސްޓާކީނަށް އެރުމުގެ ފެޝަނެއް ގެންގުޅު މީހެކެވެ. އޭނާ ގިނަ ޕާފޯމަންސްތަކުގައި ކްރޮޕް ކޮށްފައި ހުންނަ ކަޅު ފަޓުލޫނާއެކު ހުދު އިސްޓާކީނަށް އަރައިގެން ހުންނަ ތަން ފެނެ އެވެ.

ހުދު އިސްޓާކީނުގެ ބަހުސް އަދި ކުރިއަށް އޮތީ އެވެ. އެކަމަކު މިއީ "ބޭޑް ފެޝަން" އެއްކަމަށް ގަބޫލުކުރަންތޯ އެވެ.