ވިކްޓަރީ

ޝާފީ އާއެކު މުހިންމު ނަންތަކެއް ވިކްޓަރީއަށް

ގައުމީ ޓީމުގެ ޑިފެންޑަރު އަހްމަދު ޝާފިއު (ޝާފީ) އެނބުރި ވިކްޓަރީއަށް ބަދަލު ވެއްޖެ އެވެ. އަދި އޭނާއާއެކު ފުރަތަމަ ޑިވިޝަންގައި ކުޅުނު އެހެން 11 ކުޅުންތެރިޔަކު ވެސް ސޮއި ކޮށްފައި ވެއެވެ.

ވިކްޓަރީން، އާ ސީޒަނަށް ކުޅުންތެރިން ލައްވައި ސޮއި ކުރުވަން ފެށީ ސީޒަން ފެށެން ހަފުތާއަކަށް ވެފައި ވަނިކޮށެވެ. ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަނަށް ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް މިރޭ ވިދާޅުވީ، ވިކްޓަރީގެ ޚަބަރެއް ނުވެގެން ޓީމުގެ ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ފާޅު ކުރަމުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ވިކްޓަރީން ވެސް ވަރަށް ދުރާލައި ސީޒަނަށް ތައްޔާރުވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ކުލަބުތަކަށް ވެސް ދިމާވެފައިވާ މައްސަލަ ފައިސާގެ މައްސަލަ ވިކްޓަރީއަށް ވެސް ދިމާވުމުން، މިހާ ހިސާބަށް ވެސް ލަސްވެގެން މި ދިޔައީ،" ނަޒީމް ވިދާޅުވި އެވެ. "އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ކުރެވުނު މަސައްކަތުން ހިތްހަމަ ޖެހޭ ވަރުގެ ޓީމެއް އިރާދަ ކުރެއްވިއްޔާ މިހާރު މި ވަނީ އެކުލަވާލެވިފައި."

ވިކްޓަރީއަށް މިރޭ ސޮއި ކުރި ކުޅުންތެރިން

  • ޝާފިއު އަހްމަދު (ޝާފީ)
  • ހުސައިން ނިހާން (ނިހާޓް)
  • އިބްރާހިމް ހަމްދާން (ބީޖީ މެސީ)
  • އާދަމް އިޝާމް (ސަން)
  • ހުސައިން ރިލްވާން
  • އަލީ ނާފިއު (ކަޅޭ)
  • މުހައްމަދު އިމްރާން (ކުޑަ އިމްރާން)
  • މުހައްމަދު ޝިހްބާން
  • އަހްމަދު ރަޝީދު
  • އޭންހަލް މުނޯޒް

މި ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ހަތަރު ކުޅުންތެރިޔަކު ވެސް އަދި ސޮއި ކުރާނެ ކަމަށް ނަޒީމް ވިދާޅުވި އެވެ.

ވިކްޓަރީން ވަނީ، މި އަހަރުގެ ސީޒަންގައި އެ ކުލަބުގެ ކޯޗަކަށް، 2016 ވަނަ އަހަރު ކޯޗް ކޮށްދިން ހަންގޭރީގެ ލާސްލޯ ކިސް ހަމަޖައްސާފަ އެވެ. ކިސް ކޯޗަކަށް ހަމަޖެއްސުމުގެ ކުރިން، އެ ޓީމުން ވަނީ ނިއު ރޭޑިއަންޓަށް 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގް ހޯދައިން ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ގެނައުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

މިދިޔަ އަހަރު ވިކްޓަރީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ ކުރިމަތި ވުމެވެ. ނަމަވެސް މިއަހަރު އެފަދަ މައްސަލައެއް ދިމާ ނުވާނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށް ނަޒީމް ވިދާޅުވި އެވެ.

"މި އަހަރުގެ ސީޒަނަކީ ކުޅުންތެރިން ވެސް ހިތްހަމަޖެހޭ ކުޅުންތެރިންނަށް އަޅުގަނޑުމެން ދޭން އެއްބަސްވާ މުސާރައެއް އިރާދަ ކުރެއްވިއްޔާ ގަވާއިދުން ދެވޭނެ އެއްޗެއްގެ ގޮތުގައި ވެގެންދާނެ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތް ބައްޓަން ކޮށް ފާއިތުވެ ދިޔަ ތަނުގެ ތަޖުރިބާއިން އިބްރަތް ހާސިލުކޮށްގެން މިދިޔަ އަހަރު ދިމާވި މައްސަލަ މިއަހަރު ދިމާ ނުވާނެ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތައް ކުރާނަން."