މޯލްޑިވްސް ޕޮލިސް ސާވިސް

ކޯޓު އަމުރާމެދު ފުލުހުން ސުވާލު ނުއުފައްދާ ތަންފީޒުކުރަން ޖެހޭނެ: ރައީސް

ފުލުހުންނަކީ އަމިއްލަ ރައުޔު ނެރޭ ސިޔާސީ ވިސްނުމަކަށް ދާންް ޖެހޭ ބައެއް ނޫން ކަމަށާއި އެއާ ހިލާފުވާ ނަމަ އެކަން ރަނގަޅު ކުރުމަކީ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންނަކީ މިނިވަން ބައެއް ކަމަށާއި އެހެން ނަމަވެސް އެ މިނިވަން ކަމަކީ ގާނޫނުގެ ތެރޭގައި މަސައްކަތް ކުރަން އޮންނަ މިނިވަންކަމެއް ކަަމަށެވެ. އަދި ވިދާޅުވީ ކޯޓުން އަމުރެއް ކުރީމާ އެ އަމުރާ ދޭތެރޭގައި ސުވާލު ނުއުފައްދާ ތަންފީޒުކުރާ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެންގެ ތެރޭގައި ހަނދާން ނެތޭ ކަމަށް ވަންޏާ އެކަން ރަނގަޅު ކުރަން ރައީސުލް ޖުމްހޫރިއްޔާއަށް މަޖުބޫރުވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިން ވެސް މަގުން ކައްސާލައިގެން ދާނަމަ، ގާނޫނާ އެއްގޮތަށް އެ މުއައްސަސާތައް ހިނގާކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަކީ ގާނޫނު އަސާސީން ރައީސާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންނަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާއެއް ނޫން ކަމަށެވެ.

"ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރަން އޮތް ތަަންފީޒީ އިދާރާއެއް. އެއީ ސިޔާސީ ފިކުރަށް ޖާގަ ދެވޭ ބައެއް ނޫން. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ހާލަތު މިހުރީ މިގޮތަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ފުލުހުންގެ މިނިވަންކަން ނެތް ކަަމަށް ތުހުމަތުކޮށް، އިދިިކޮޅު ސިޔާސީ ޕާޓީތަކުން އެ މުއައްސަަސާއަށް ފާޑުކިއުންތައް އަމާޒުކޮށްފައި ވަނިކޮށެވެ. ފުލުހުންގެ މިނިވަންކަމާ މެދު އިދިކޮޅުން ސުވާލު އުފެއްދީ ކުރީގެ ރައީސް މައުމޫމުނު އަބުދުލް ގައްޔޫމުގެ ދަރިކަލުން އަދި ރައްްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ދިރިއުޅުއްވާ އެޕާޓްމަންޓް ފާސް ކުރުމާއި އޭނާ ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރި ދުވަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފާރިސް ހައްޔަރު ކުރުމަށް ކޯޓުން ކުރި އަމުރު ތަންފީޒު ކުރަނީ ރައީސް އަންގަވައިގެން ކަމަށް ރައީސްގެ ތަރުޖަމާނު އިބުރާހީމް މުއާޒް އަލީ އެދުވަހު ވިދާޅުވިއެވެ. އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ އެކަމަށެވެ.

ރިޝްވަތު ދެއްވި ކަމުގެ ތުހުމަތާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތަށް ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ ހުކުރު ދުވަހުގެރޭ މެންދަމުން އަލިވެ 4.00 ގައެވެ. ނަމަވެސް އެ އަމުރު ތަންފީޒުކުރީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 4.00 އެހާކަށް ހާއިރުއެވެ. ރައީސް އެކަމަށް އަމުރު ކުރެއްވިކަން ތަރުޖަމާނު ހާމަކުރެއްވީ އެއަށް ވުރެ ކުރިންނެވެ.