ވާހަކަ

ބުނެދޭށޭރުހެމޭ

(28 ޖެނުއަރީ 2018 އާ ގުޅޭ)
"ސުދާ! އަހަރެން ނިމްރާއާ ވާހަކަދައްކަންދެން ބޭރުގައި މަޑުކޮށްލަދީ" މިޢުވާނު ބުނި އެއްޗެއް އަޑު އިވިފައި އިރުކޮޅަކު ނިމްރާއަށް ބަލަހައްޓައިގެން ސުދާ ހުއްޓެވެ. އަދި ނިމްރާއަށް ލޯ އަޅާލުމާއެކު ތުންއަނބުރާލާފައި ނުކުންނާން ސުދާ ހިނގައިގަތީ ހިތްހަމަނުޖެހުނު ކަމުގެ އަޑެއް ލައްވާލާފައެވެ.

"އަހާ! ބޮސް!... ގެއަށް ނުދުރުވަނީތޯ؟... އަޅުގަނޑު މަޑުކުރަންވީތޯ" އޮފީހުން ނުކުންނާން އައި އަބްދުލްއަށް އޮފީހުގައި މަޑުކޮށްގެން ހުރި މިޢުވާނު ފެނުމުން ބުނެލިއެވެ. އެ އަޑަށް މިޢުވާނު އެނބުރިލިއެވެ. އެހިނދު އަބްދުލްއަށް ސޯފާގައި އިން ނިމްރާ ފެނުނީ ދެނެވެ.

"ކޮއްކޮ..." ހައިރާންކަމާއެކު އަބްދުލްއަށް ބުނެވުނެވެ. އޭނާ އިތުރު އެއްޗެއް ބުނެފާނޭތީވެ މިޢުވާނު އަވަހަށް އަތުން އިޝާރާތްކޮށްލީ އެތަނުން އަބްދުލް ދާށޭ ބުނާ ފަދައިންނެވެ. ކިޔަމަންތެރިކަމާއެކު ބޯޖަހާލަމުން އަބްދުލް އޮފީހުގެ މައިދޮރުން ނުކުންނަން ދިޔައީ ވާނުވާ ނޭނގިފައި ހުރެއެވެ.

ނިމްރާއަކީ އެންއާރު ކުންފުނި ވުޖޫދަށް ގެނައި އިބްރާޙީމް ނަފީޒުގެ ކާފަ ދަރިފުޅުކަން އަބްދުލްއަށް އެނގެއެވެ. ދޭތެރެއަކުން އެ އޮފީހަށް ނިމްރާ އައިސް ގޮސް ހަދައެވެ. ކުންފުނީގައި ހުރި އެންމެ ގިނަ ދުވަސްވީ ބިދޭސީ މީހަކީ އަބްދުލްއެވެ. އޮފީހުގެ މުވައްޒަފުން ނިމްރާއަށް މެޑަމް ކީ ނަމަވެސް އަބްދުލްއަށް ވަނީ ކޮއްކޮ ކިޔަން އާދަވެފައެވެ. ނަފީޒުގެ އެންމެ ގާތުގައި މަސައްކަތް ކުރަން އުޅުމުގައި ނަފީޒުގެ ކާފަދަރިފުޅަށް ވިޔަސް އޭނާ ނިމްރާއާ މުޚާޠިބު ކުރަނީ ކޮއްކޮ ކިޔައިގެންނެވެ. އެހެންވެ އަބްދުލް ވެސް ނިމްރާއަށް ކޮއްކޮ ކިޔަނީއެވެ. ނިމްރާ ފެނުމުން އޭނާ އުފާވިއެއްކަމަކު އޭނާ ވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ. ދެފަހަރެއްގެ މަތީން ނިމްރާއާ ބައްދަލުކޮށް އޮފީހުގައި ކަންކަން ހިނގާ ގޮތް އަބްދުލްވަނީ ނިމްރާއަށް ކިޔައިދީފައެވެ. އައިސްފައިވާ ބޮޑު ބަދަލު އަބްދުލްއަށް ވެސް ޤަބޫލުކުރާން ދަތިވީއެވެ. އެހެންވިޔަސް އޭނާއަކީ ތަނުގެ މުވައްޒަފަކެވެ. އޭނާގެ ޕާމިޓް ހަމަވަންދެން އޭނާ މަސައްކަތް ކުރަން ޖެހޭނެއެވެ. އިސްވެ ބަސްބުނުމުގެ ހައްޤެއް އޭނާއަށް ލިބިގެން ނުވެއެވެ. އޮފީހުގެ މައިދޮރު ލެއްޕެންދެން މަޑުކޮށްލައިގެން ހުރި މިޢުވާނު އަނެއްކާ ވެސް ނިމްރާއާ ކުރިމަތިލިއެވެ.

"ކީއްވެ ތިހެން ތި ހެދީ؟... އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް މީ މާނުގެ ވިޔަފާރިއެއްނޫން. ކާފައާއި މާމަގެ ބުރަ މަސައްކަތް. އެމީހުންގެ މުޅި ދިރިއުޅުން. މިއަދު މި ކުންފުންޏާ ނުލާ އަނގަޔާއި އަތާ ވެސް ދިމާނުވާނެ އަހަރެމެންގެ. ހުރިހާ ކަމެއް ރަނގަޅަށް އެނގޭނެ މާނުއަށް" ދެ ކޯތާފަތް އެއްވަރަކަށް ފުހެމުން ނިމްރާ ވާހަކަދެއްކިއެވެ.

"އަހަރެން އެހެން ކަންތައް ކުރީމާ ވެސް ތި ސިކުނޑިއަކަށް އެއްވެސް އެއްޗެއް ނުވިސްނުނުތަ؟ ފިރިހެނަކު ހިތާވެގެން އުޅެފައި ބައްދަލުކުރާން ދިއުން ހުއްޓާލާފައި އޭނާގެ އެއްވެސް ކޯލަކަށް ޖަވާބު ދިނުން ހުއްޓާލީމާ ވެސް ހަމަ ނޭނގުނުދޯ... ތި ބޮލުގައި އެއްޗެއްނެތްކަން އަހަންނަށް އޭރު ވެސް އެނގޭ" މިޢުވާނުގެ ތުންފަތުގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"އަހަންނަށް ލޯބިވެވުނީ. އިތުބާރު ވެސް ކުރެވުނީ... ހަނދާންނެތުނީ އިންސާނުންގެ ސިފައިގައި ޝައިޠާނުން އުޅޭކަން" މިޢުވާނުގެ މޫނުމަތީގައިވީ އަސަރުން ނިމްރާގެ ހިތް ކުދިކުދިވެއްޖެއެވެ. ރުޅި ވެސް އާދެވިއްޖެއެވެ.

"ކަލޭ ކަހަލަ ގަމާރު އަންހެނުން ތިބޭނީ ފިރިހެނަކު ސަމާލުކަން ނުދީގެން. މީ ލިބުނު ފިލާވަޅެއްކަމެއް ބަލާ... އަދި ބުނަން... އަހަރެން މި ދައްކާ ވާހަކަ ނިމްރާ ރަނގަޅަށް އަޑު އަހާތި. ބޭރުގައި އެ ހުރީ ސުދާ... އެއީ އަހަރެންގެ އަބަދުވެސް ލޯބިވެރިއަކީ، ސުދާ ކުރިން ބުނީ ދޮގު ވާހަކައެއްނޫން. މިހާރު އެންއާރަކީ އަހަރެންގެ އަމިއްލަ ކުންފުންޏެއް. ނިމްރާ ދަޢުވާކުރަންޏާ ކޯޓަށް މައްސަލަ ހުށައަޅާ. އަހަރެންގެ އަތުގައި ހުރިހާ ލިޔެކިޔުމެއް އެބަހުރި. އަހަންނަށް ސާބިތުކޮށްދެވޭނެ އެންއާރަކީ އަހަރެންގެ ކުންފުންޏެއްކަން... ކަލޭގެ ކާފަގެ ސޮއި ވެސް އެބައޮތް. މި ކުންފުނި އަހަރެން އަތުލީކީނޫން. އަހަރެންގެ ނަންމައްޗަށް މުޅި ވިޔަފާރި ބަދަލުކޮށްދިނީ... ކަލޭގެ ކާފަ... ހެ ހެ ހެ... ކަލޭ ކަހަލަ ގަމާރު މީހެއް އެ ވެސް. ހެ ހެ ހެ.. އެހެންވީމަ ބުނަން... އަހަރެންގެ ބޯކޮޅު ބަލަމުން ފަހަތުން ދުވިޔަސް ނިމްރާއަށް ވާނޭ ފައިދާއެއް ނޯންނާނެ. އަހަރެން އެއްވެސް އިރަކު ލޯތްބެއް ނުވޭ ނިމްރާދެކެ. އެންމެފަހުން ދެއްކި ވާހަކައަށާއި ފޮނުވި މެސެޖުތަކަށް ޖަވާބު ނުދިނީ އެހެންވެ. ނިމްރާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާތީ... މީގެ ފަހުން އަހަރެން ހޯދަން ނޫޅޭތި. މި ކުންފުންޏޭ ކިޔާފައި އަނގަ ވެސް ހުޅުވާނުލާތި. ނިމްރާ ބޭނުންނަމަ އަހަރެން ފައިސާގެ އެހީއެއް ވެދީފާނަން. އޭރުން ތިކަމުން އަރައިގަނެވިދާނެ... އަހަންނާ ދެކޮޅަށް ތެދުވާކަށް ނިމްރާއަށް ލާހިކެއްނޫން. އެހެންވިސްނާކަށް ފުރުޞަތެއް ވެސް ނުދޭނަން" ދެއަތް އުރާލައިގެން ފާޑަކަށް ހިނިއައިސްފައި ހުރެ މިޢުވާނު ބުނެލިއެވެ. އެ އަޑުގައި ކުޑަ ވެސް ރަޙުމެއްނެތެވެ. ހިތްހަމަނުޖެހުމާއި ހަރުކަށިކަން ފިޔަވައި މިޢުވާނުގެ ފަރާތުން އިތުރު ސިފައެއް ނުފެނުނެވެ. އޭނާ އެވަގުތު ފޯނު ނަގާ އެއަށް ސަމާލުކަން ހުއްޓާލިއެވެ. އެ މޫނަށް ބަލަން އިރުކޮޅަކު ނިމްރާ އިނެވެ. ފޯނުގެ އިސްކުރީނަށް ބަލަން ހުރެ މިޢުވާނު ހިނިތުންވެލިއެވެ.

"މިޢުވާނު!... ހެޔޮނުވާނެ... އާދޭސް ކުރަން... މާމަ މަރުވެދާނެ... މިހާރު އެ މުސްކުޅި މާމަ ފިޔަވައި އަހަރެންގެ އެކަކު ވެސް ނެތް. ޕްލީޒް" ސޯފާގައި އިނދެފައި މިޢުވާނުގެ ފައިބުޑަށް ނިމްރާ ވެއްޓިގަތެވެ.

"އަހަރެން ބުނި އެއްޗެއްގެ އަޑު ނީވުނީތަ؟" ހަރުކަށިކަމާއެކު މިޢުވާނު ބުނެލިއެވެ. އޭނާގެ ދެފައިގައި ހިފަހައްޓާލި ނިމްރާއަށް ބާރަށް ރޮވެންފެށުނެވެ.

"ނިމްރާއާ ހެދި ސުދާއަށް މުޅިރޭ ހަރާބުވާކަށް ބޭނުމެއްނޫން. އަހަރެމެން މިރޭ ޑޭޓަކަށް ދާން މި އުޅެނީ... ދެން މިތަނުން ދާން އުޅޭ. އެހެންނޫނަސް ކަލޭ ތި ހުރީ ހުންނަ ގޮތް. އަންހެނެކޭ މީހަކު ބުނާނެތަ ބަލާލާފައި... އަޅައިގަންނަ އެއްވެސް ގޮތެއްނެތް" މިޢުވާނު އިތުރަށް ނިމްރާ ނިކަމެތިކޮށްލަން އުޅުނު ކަހަލައެވެ. އޭނާގެ ވިހަ ބަސްތަކުން އިސްޖެހިފައި އިން ނިމްރާގެ ގިސްލުމުގެ އަޑު ބޭރުވިއެވެ.

"އަހަރެން މީ އަންހެނެއްކަން މިޢުވާނަށް އަދިވެސް ޔަގީން ނުވޭތަ؟" މާނަފުން ގޮތަކަށް ކަރުނުން ފުރި ބަރާވެފައިވާ ދެ ލޮލުން މިޢުވާނަށް ބަލާލާފައި ނިމްރާ އަހާލިއެވެ. އެ ދެލޮލުގައިވާ ރިހުން ކޮންމެ މީހަކަށް ވެސް އެވަގުތު ފެންނާނެއެވެ.

"ސްޓޮޕިޓް ނިމްރާ... މި ތަނުން ނުކުންނާނީތަ؟ ނޫނީ އަހަރެންގެ ބާރުގައި ނެރެންވީތަ؟" އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި މިޢުވާނު ބުންޏެވެ. އެ އަތުކުރީގައި އޮތީ މިޢުވާނު ގަޑިއެއް ނެތިގެން އުޅޭތީ ނިމްރާ ގަނެފައި ހަދިޔާ ކުރި ރޯލެކްސްއެކެވެ. ބުނާނޭ އެއްޗެއް އިތުރަށް ނިމްރާގެ ދުލަކަށް ނައެވެ.

ނިމްރާގެ ކޮނޑާ ހިސާބުން ދެ ފަރާތުގައި މިޢުވާނު ހިފަހައްޓާލާފައި ކުއްލިއެއް ޖެހިހެން އޭނާ ކޮޅަށް ނަގައިފިއެވެ. އަދި ކަނާތު ކުޑަހުޅާ ހިސާބުގައި ހިފާލުމާއެކު މިޢުވާނުގެ ބާރުގައި ނިމްރާ ގަދަކަމުން ގޮވައިގެން އޮފީހުގެ މައިދޮރުން ނުކުތެވެ. ދުރަށް ފޮޅާލާ އުސޫލުން ނިމްރާގެ އަތަށް ދަމައިގަނެ އޮފީހުގެ ދޮރާ ދުރަށް މިޢުވާނު އޭނާ ކޮއްޕާލިއެވެ.

"ތިކަމުން ސަލާމަތްވާކަށް ނުވޭތަ؟" ނުރުހުމާއެކު ސުދާ ބުނެލީ މޫނު ކުނިކޮށްގެން ހުރެއެވެ.

"ހިނގާދާން... އަހަރެން ދަންނަ މީހެއްނޫން އެއީ. ލޯބި ހާސްވާނެކަމެއްނެތް... އޭނާއާ ހެދި އަހަރެމެންގެ މޫޑު ހަރާބުކުރާނެކަމެއްނެތް. ޝީ އިޒް ނަތިންގ... ޖަސްޓް ނަތިންގ" އެއްމިޔަކަނުން މިޢުވާނު ހީނލިއެވެ. އަދި ޖީންސުގެ ޖީބުން ނެގި ތަޅުދަނޑި ފަތިން އޮފީހުގެ މައިދޮރު ތަޅުލާފައި އައިސް އޮފީސް ކައިރީ ހުރި ވޭވް ސައިކަލަށް އަރާ އިސްޓާޓު ކުރިއެވެ. އެއާއެކު ސުދާ ވެސް މަލާމާތުގެ ހުނުމަކުން ހެމުންހެމުން އައިސް މިޢުވާނުގެ ފަހަތަށް އެރިއެވެ.

މިޢުވާނު ސައިކަލު ދުއްވާލުމާއެކު އެ ތަން ބަލަން ހުރި ނިމްރާއަށް ހުރި ދިމާއަށް ތިރިވެވުނެވެ. އުޑުފައިން އިށީނދެ މޫނުގައި ދެއަތް އަޅާލިއެވެ. ދެފަރާތަށް ބޯހޫރުވަން ފެށިއެވެ.

"ކާފާ!.... ކާފާ!... މަންމާ!... ބައްޕާ!...." އެ މީހުންނަށް ނިމްރާ ގޮވިއެއްކަމަކު އެއިން އެއްވެސް މީހަކު މިއަދު ނިމްރާގެ ހަޔާތުގައި ނެތެވެ. ބޮޑުވީ މުސްކުޅި ކާފައާއި މާމަގެ ހިޔަލުގައި އެ މީހުންގެ ތަރުބިއްޔަތުގެ ދަށުންނެވެ. އެހެންނަމަވެސް ދުނިޔެއާ ކުރިމަތިލާންވީ ގޮތެއް އޭނާއަށް ދަހެއްނުވިއެވެ. އެހެން ކުދީންހެން ކިރިޔާ ކަމެއް ދިމާވާއިރަށް ދުވެފައި ގޮސް މަންމަގެ އުނގަށް ވަނުމުގެ ފުރުޞަތެއް އޭނާއަށް ނުލިބެއެވެ. ފަޚުރުވެރިކަމާއެކު ބައްޕަގެ ރައްކާތެރިކަމުގައި އެ އިނގިލީގައި ހިފާލައިގެން ހިނގާލުމުގެ ފުރުޞަތެއް ނުލިބުނެވެ. ދުނިޔެއަށް އުފަންވީ ބޭކާރު މީހެއްގެ ގޮތުގައިހެން ނިމްރާއަށް އިހުސާސް ކުރެވެނީ އެހެންވެއެވެ. މިއަދު ކާފަ ދުނިޔޭގައި ނެތްއިރު މުސްކުޅި މާމަގެ ހުރިހާ ކަމެއް ބެލެހެއްޓުމަކީ ނިމްރާގެ ޒިންމާއެކެވެ. އެކަމަކު އޭނާ އެ ވަނީ އެކަމުން ވެސް ފެއިލްވެފައެވެ. ދިރިއުޅުމުގައި އޭނާއަކީ ނާކާމިޔާބު މީހަކަށް ވެއްޖެއެވެ. ކުރިމަތިލި ކޮންމެ ކަމަކުން އޭނާވީ ފެއިލްއެވެ. ކޮންމެ ކަމެއްގެ އާޚިރު ނަތީޖާ ހަމަ ސުމެކެވެ. ސިކުނޑީގެ ހިނގުން މަޑުޖެހިފައި އިން ނިމްރާ ހޭލައްވާލީ ޖީބުގައި އޮތް ފޯނެވެ. ވައިބްރޭޝަންއާއެކު "ޕިކްމީ"އޭ ގޮވާލި ރިންގުޓޯންއެވެ. މަޑުމަޑުން ކޮޅަށް ތެދުވެ ޖީބުގައި އޮތް ފޯނު ނެގިއެވެ.

"މާމަ...." އިސްކުރީނަށް އަރަމުން ދިޔަ ރަޒިއްޔާގެ ފޮޓޯއާއި "މާމަ"ގެ ނަމުގައި ސޭވްކޮށްފައިވާ ނަން ފެންނަން ހުއްޓެވެ. ދެތުންފަތް ފިއްތާލާފައި ކަނާތުގެ މަތީ ވައަތް ޖައްސާލާ ދެއަތްތިލައިގެ ތެރޭ ފޯނު ހިފަހައްޓާލެވުނެވެ. އެ ކޯލަށް ޖަވާބުދޭނޭ ހިތްވަރެއް ނިމްރާގެ ނެތެވެ. އެނބުރި އެ މާމަގެ ގާތަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭނެ ގޮތެއް އެ ސިކުނޑިއަކަށް ނޭނގުނެވެ. ރިންގުވެފައި ފޯނު ކެނޑުނީއެވެ. އެއާއެކު ރިންގުޓޯނު އޯފްކޮއްލާފައި ފޯނު ޖީބަށް ލިއެވެ. އަދި އޮފީސްކައިރީ ހުރި އަލްޓްރާ ވައިލެޓް ކުލައާއި ކުރީމުކުލައިގެ ފިނޯ ސައިލަށް އައިސް އެރުމާއެކު ދެ ކޯތާފަތް ނިމްރާ ފުހެލިއެވެ.

ސައިކަލުގައި ހުޅުމާލޭގެ ބޭރު މަގު ވަށާ ދެ ބުރު ޖެހުނު އިރު ވެސް ނިމްރާއަށް ހަޤީޤަތާ ކުރިމަތިލާނޭ ގޮތެއް ނުވިސްނުނެވެ. އެ ހިތް ބިރުގަންނަނީ އެއްފަހަރު ސްޓްރޯކެއް ޖެހި ލޭމަތީގައި ހުންނަ މާމައަށް ދިމާވެދާނޭ ނުރައްކާތެރިކަމެއް ނޭނގޭތީއެވެ. އޭނާ އެކަނި މި ކެހިވެރި އަނިޔާވެރި ދުނިޔެއާ ކުރިމައްޗެއް ނުލެވޭނެއެވެ.

"ގޯޑް ޕްލީޒް ފޮގިވް މީ... ޕްލީޒް... ޕްލީޒް ސޭވް މީ" ގޮތް ހުސްވެފައިވާ ކޮންމެ އިންސާނަކު ވެސް އެ ހާލަތައް ދިއުމުން ހެއްދެވި ފަރާތް މަތިން ހަނދާންވާ އުސޫލުން ނިމްރާއަށް ވެސް ވީ އެވަރެވެ. ސައިކަލުގައި ދުއްވަމުން އައި ނިމްރާ ހިތާ ހިތުން ކިޔާލެވުނެވެ. އޭނާއަކީ ދީންވެރި އިމާންތެރިކަން ހިތުގައި ވަރުގަދަ އަންހެންކުއްޖެއް ނޫނެވެ. މާމަ ކިތަންމެ ވަރަކަށް ކީ ނަމަވެސް ދީނީ ކަންކަމަށް އެއްވެސް ވަރަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެއީ ދުވަހީ ދިރިއުޅުމުގެ ތެރޭގައި މުހިންމުކަމަކަށް ނުވެއެވެ. ނަމަވެސް އުފަންވެފައިވަނީ އިސްލާމްދީން ޤަބޫލުކުރާ އުއްމަތެއްގެ ތެރެއަށް ކަމަށްވީތީ އެއްކައުވަންތަ ކަލާނގެއަކީ ﷲކަން ޤަބޫލުކުރެއެވެ. އެހެންނަމަވެސް އެ ފަރާތަށް ބިރުވެތިވުމަކީ ކޮބައިކަމެއް ނޭނގެއެވެ. އަޤީދާ ބަލިކައްޓެވެ.

މީހަކަށް އިވިދާނޭތީ ކަންބޮޑުވުމެއް ނުވާ ނިމްރާއަށް ސައިކަލުގައި އިނދެ ވެސް ބާރަށް ރޮވެމުން ދިޔައެވެ. އެހިނދު ވާރޭގެ ތިއްކެއް އައިސް ނިމްރާގެ މޫނުގައި ބީހުމާއެކު އޭނާއަށް އުޑުމައްޗަށް ބަލާލެވުނެވެ. އެހިނދު ތިއްކަކަށްފަހު ތިއްކެއް އައިސް އޭނާގެ ގައިގާ ޖެހެންފެށިއެވެ. އޭރު ފެރީ ގިމަތަ ހުރި ހިސާބު ދުރުން ނަމަވެސް ފެނެއެވެ. ހުޅުމާލޭގައި ހުރުމަށްވުރެ އެނބުރި ގެއަށް ދިއުންކަން ހަމައެކަނި ހައްލަކީ އަމިއްލަ ޟަމީރު ނިމްރާއަށް ވިސްނައިދިނެވެ. އެ ޚިޔާލުގައި އިންދާ ކުއްލިއަކަށް ނިކަން ބޯކަށް ވާރޭ އޮއްސާލައިފިއެވެ. ސިހިފައި ނިމްރާ ވެސް އަވަހަށް ފެރީގިމަތައާ ހަމައަށް ފޯރުމަށް ޓަކައި ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ.

ފަޅި ސިކުންތަކަށް ނިމްރާ އިސްއުފުލާ އުޑުމައްޗަށް ބަލާލާފައި މަގަށް ނަޒަރު ހުއްޓާލިއިރު ދުވެފައި އައި އަންހެން ކުއްޖަކު މަގު ހުރަސްކޮށްލަނީއެވެ. ދެ ލޯ ބޮޑުކޮށްލެވުނު ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ. އަވަހަށް ބުރެކި ޖައްސަން އުޅެއުޅެ އެކަމެއްނުވިއެވެ. ކުރިމައްޗަށް އެރުނު އަންހެންކުއްޖާ ވެސް ނިކަން ބާރަށް ހަޅޭލަވައިގަތް އަޑު އިވުނެވެ. ކުރިމައްޗަށް ހުރާލި އަތުން އެ އަންހެންކުއްޖާ އެއްފަރާތައް ކޮއްޕާލަން ނިމްރާ އުޅުނެވެ. ނަމަވެސް ބާރު ދުވެލީގައި އައި ސައިކަލު މަތަ ނުކުރެވި އެ އަންހެންކުއްޖާގެ ގައިގާ ޖެހި އޭނާއާއި ނިމްރާއާ ދެމީހުން މަގުގެ ދެފަރާތަށް ވިއްސައިގެން ދިޔައީއެވެ. ހުރިހާ ކަމެއް ހިނގީ ހީވެސް ނުކުރާހާ އަވަހަށެވެ. މަގުގެ މެދެއްހާ ހިސާބުގައި އެ އަންހެންކުއްޖާ ވެއްޓިފައި އޮތް އިރު ނިމްރާ އޮތީ އޭނާއަށް ވުރެ ދުރުގައެވެ. މީހާ ބުރާންތިވެ އައްސިވެފައި ހުރިހެން ހީވި ނަމަވެސް ނިމްރާ ތެދުވަން އުޅުނެވެ. ކޮޅަށް ނުތެދުވެވޭނޭކަން އެނގުމުން ދެއަތުގެ އެހީގައި ދެމެދުން ވިޔަސް އެ އަންހެންކުއްޖާގެ ގާތަށް ދާން ނިމްރާ ބޭނުންވިއެވެ. ނަމަވެސް ދެއަތުން ދެމިގަންނަން އުޅުއުޅެ އެކަމެއް ނުވިއެވެ. ސައިކަލުގެ ދަށުވެފައި ނިމްރާގެ ވައަތު ފައި އޮތްކަން އިހުސާސް ވީ ދެނެވެ. ބޮލަށް ބަރުވަމުންދިޔައިރު ދުރުގައި އޮތް އަންހެންކުއްޖާގެ ބަނޑު ބޮޑުހެން ނިމްރާއަށް ހީވިއެވެ. ވާނުވާ ނޭނގިގެން އުޅެނިކޮށް އަންހެނަކު އައިސް ނިމްރާގެ ގާތުގައި މަޑުކޮށްލިއެވެ.

"އެމްބިއުލާންސަށް ގުޅައިފި... ޑޯންޓް މޫވް...." ޝޯލްއަކުން މޫނު ނިވާކޮށްލައިގެން އިން އެ އަންހެންކުއްޖާ ބުނެލިއެވެ. އޭނާގެ މަސައްކަތުން ސައިކަލު ހިއްލާލާ އަނެއްފަރާތަށް ވައްޓާލިއެވެ. އަދި ނިމްރާގެ ދެކޮނޑުގައި ހިފާ ސައިކަލާ ދުރަށް ޖައްސާލިއެވެ. ނިމްރާ އިޝާރާތްކުރީ އެކްސިޑެންޓުވި އަންހެންކުއްޖާއަށެވެ.

"އަހަރެންގެ ހަޒްބަންޑް އޭނާގެ ގާތަށް ހިނގައްޖެ؟ ޑޯންޓް ވޮރީ... އެއީ ޑަކްޓަރެއް... އަހަންނަށް ކިޔަނީ އައިރާ... ޕްލީޒް ޑޯންޓް މޫވް" ނިމްރާގެ ބޮލުގައި އެ އަންހެންކުއްޖާ ހިފަހައްޓައިގެން އިނދެ ބުނެލިއެވެ. އޭނާގެ ދެއަތުން ނިމްރާގެ ބޮލުގައި ހިފަހައްޓާ ބާރުކުރާކަން ވެސް ނިމްރާއަށް އެނގެއެވެ.

"އައި އޭމް ސޮރީ... ސޮރީ..." ދެ ލޯ ހުޅުވައިގެން އޮތުން ނިމްރާއަށް ކުޅަދާނައެއްނުވިއެވެ. މަޑުމަޑުން އެ ދެ ލޯ މެރިއްޖެއެވެ. (ނުނިމޭ)