ބޭރު ކުޅިވަރު

ކުޅުން ހުއްޓާލީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން: އަބިޑާލް

އެތަންސް، ގްރީސް (ޑިސެމްބަރު 20) – ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި 14 އަހަރު ހޭދަކުރުމަށް ފަހު، ކުޅުން ހުއްޓާލަން ނިންމީ އަމިއްލަ ސަބަބުތަކާހެދި ކަމަށް ފްރާންސްގެ ގައުމީ ޓީމާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު އެރިކް އަބިޑާލް ބުނެފި އެވެ.

ގްރީސް އޮލިމްޕިއާކޮސް އަށް މިހާރު ކުޅެމުންދާ އަބިޑާލް ،35، ކުޅުން ހުއްޓާލަން ނިންމިކަން އިއުލާންކުރީ އިއްޔެ އެވެ. ޕްރޮފެޝަނަލް ކުޅުންތެރިއެއް ގޮތުގައި އަބިޑާލް ކުޅޭ ފަހު މެޗަކީ ގްރީސް ލީގުގައި މިއަދު ކަލޯނީއާ ދެކޮޅަށް އޮލިމްޕިއާކޮސް ކުޅޭ މެޗެވެ.

"އަހަރެން ކުޅުން ހުއްޓާލަން ނިންމީ އަމިއްލަ ސަބަބުތަކަކާހެދި.  ކުޅުން ހުއްޓާލާނެ ވަގުތާއި ހާލަތު ޕްރޮފެޝަނަލް ކުޅުންތެރިއަކަށް އަމިއްލަ އަށް ދެނެގަނެވޭނެ،" އަބިޑާލް ބުންޏެވެ.

އަބިޑާލް ބުނީ ކޯޗިންގެ ދާއިރާ އަށް ނުކުތުމަށް ބާސެލޯނާ އާއި އޮލިމްޕިއާކޮސް އިން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އެކަމަކު އަދި އެ ހުށަހެޅުންތަކާމެދު ގޮތެއް ނުނިންމާ ކަމަށެވެ.

"އަހަރެން ދެން ދުވަސްކޮޅެއް ހޭދަކުރާނީ އާއިލާ އާއި ރައްޓެހިންނާއެކު. އަހަރެން މި ހުށަހެޅުންތަކާމެދު ވިސްނުމަށް ފަހު ގޮތެއް ނިންމާނަން،" އަބިޑާލް ބުންޏެވެ.

ދެހާސް ހަތް ވަނަ އަހަރު ބާސާއާ ގުޅުމަށް ފަހު، އަބިޑާލް އެ ކްލަބާއެކު ހަ ސީޒަން ހޭދަކުރި އެވެ. ބާސެލޯނާ އަށް 193 މެޗު ކުޅުނު އަބިޑާލް ވަނީ އެ ކްލަބާއެކު 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ  އެވެ. އަދި ހަތަރު ފަހަރު ސްޕެއިން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ބާސާ ދޫކޮށްލުމަށް ފަހު، ކުރީގެ ކްލަބް މޮނާކޯ އަށް އަބިޑާލް ބަދަލުވީ މިދިޔަ އަހަރެވެ. އަދި އޮލިމްޕިއާކޮސްއާ ގުޅުނީ މި އަހަރުގެ ޖުލައި މަހު އެވެ. -- ބީބީސީ