މުހައްމަދު އަނިލް

"ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ނުގެނެވެނީ ސިޔާސީ ސަބަބުތަކާހުރެ"

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް އެބަހުރި ކަމަށާއި އެ ބަދަލުތަކާއެކު މިދިޔަ އަހަރުގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ސިޔާސީ ސަބަބުތަކާހެދި އެކަންކަން ހާސިލް ވެފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ގޮތުން "ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން" ގެ ނަމުގައި ހިންގާ ކެމްޕެން ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޖީ ވިދާޅުވީ، ޖިނާއީ އިޖުރާ މިދިޔަ އަހަރުގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް ސިޔާސީ ސަބަބުތަކަށްޓަކައި އެކަންކަން ހާސިލް ވެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ބަދަލުތައް މިއަހަރު ތެރޭގައި ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އޭޖީ އަނިލް ވިދާޅުވީ، ގެންނަން ޖެހޭ ބަދަލުތަކާއެކު އެ ބިލް ވަނީ މަޖިލީހުގައި ކަމަށެވެ. އަދި އެ ބަދަލުތަކާއެކު މުއައްސަސާތަކުން ޖިނާއީ އަދުލުގެ ނިޒާމް ހިންގުމުގައި އިތުރަށް ހަރުދަނާ ކަމެއް އަންނާނެ ކަމަށެވެ.

"ހަމަ ތިބެފަ ގާނޫނެއް އެކުލަވާލީއެއް ނޫން، ގާނޫނަށް އަމަލު ކުރަން ފެށުން ލަސްވުމުން އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ނުވަތަ ފާޑުކީ ވަރަށް ގިނަ ބަޔަކު ވެސް ތިބި، ގާނޫނާމެދު ސީރިއަސް ނޫން ކަމަށް ގާނޫނު ގެންނަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ފާޑުކީ، އެހެން ނަމަވެސް މިފަދަ ގާނޫނެއް ގެންނައިރު ގެންނަން ޖެހޭ ނިޒާމީ ބަދަލުތައް އެއީ އިންތިހާއަށް ގިނަ ކަންކަން، އެކަން ކުރުމުގައި ވަގުތު ނެގި،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އަސާސަކީ ގާނޫނު އަސާސީން ފޯރުކޮށްދީފައިވާ ހައްގުތައް މިނިވަން ކަމާއެކު ރައްޔިތުންނަށް ރައްކާތެރިކޮށްދިނުން ކަމަށެވެ. ނަމަވެސް ގާނޫނު އައުމާއެކު އެ ގާނޫނަކީ އުނދަގޫ އެއްޗެއް ކަމަށާއި ގާނޫނުގެ ސަބަބުން ރާއްޖޭގައި ކުށްކުރާ މީހުންނަށް އަދަބު ނުދެވޭނެ ކަމަށް ނުވަތަ ކުށްކުރާ މީހުންނަށް ފިލުމަށް ހެދިފައިވާ ގާނޫނެއް ކަމަށް ބައެއް ފަރާތްތަކުން އެކި ފޯރަމްތަކުގައި ވިދާޅުވެފައިވާ ކަމަށެވެ.

"މިއިން ކޮންމެ ގާނޫނެއްވެސް ގެނެސްފައިމިވަނީ އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، މުއައްސަސާތައް ހިންގަން ތިބި ބޭފުޅުންގެ ހައްގުތައް ވެސް ރައްކާތެރިކޮށް، އެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކޮށް އެންމެ އެކަށޭނެ ގޮތުގައި ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް އެކަން ކުރުމަށްޓަކައި،" އަނިލް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވީ، ގާނޫނު އެކުލަވާލި ފުރަތަމަ ދުވަސް ކޮޅު ދަތިތަކެއް ދިމާވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް މިއީ ނުހިންގޭ ވަރުގެ ގާނޫނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މި ގާނޫނު ހިންގުމުން ކުށުން ބަރީއަތްވެގެން ނުދާނެ ކަމަށެވެ.

އޭނ ދައުލަތުގެ މުއައްޒަފެއް ކޯޓް އަމުރަކާއެކު ތަނެއް ބަލާ ފާސްކުރުމަށް ދަނީ ކަމާބެހޭ އިޖުރާއަތްތައް ފުރުހަމަ ކޮށްގެން ކަމަށާއި އެ މުއައްޒަފަކަށް ދައުލަތުން ފުރިހަމަ ހިމާޔަތް ދޭނެ ކަމަށެވެ. އަދި އެ މުއައްޒަފުން ގާނޫނާ ހިލާފު ކަމެއް ނުކުރާހާ ހިނދަކު އެފަރާތްތަކަށް ހމާޔަތްދޭނެ ކަމަށާއި މީޑިއާ މެދުވެރިކޮށް އެފަރާތްތައް ބަދުނާމުކޮށް ވާޖިބަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަަމަށެވެ.

"މަހުފޫމުތައް އޮޅުވާލައިގެން މީޑިއާ އަށް މައުލޫމާތުދީ، އެކަން އެނގިވަޑައިގެން ތިއްބައިވެސް އޮޅުވާލައިގެން މައުލޫމާތު ދެމުންދަނީ، އޮޅުވާލައިގެން، ދޮގު ހަދައިގެން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ފުރުސަތެއް ނުދޭނަން، އެކަމަށް ފިޔަވަޅު އަޅާނަން،" އޭޖީ އަނިލް ވިދާޅުވި އެވެ.