ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ލޫކަސް މައުރާ ޓޮޓެންހަމްއަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ. ލޫކަސްގެ ޓްރާންސްފާގައި ދެކްލަބުންވެސް މިހާރު ވަނީ 22 މިލިއަން ޕައުންޑުގެ އަގަކަށްވެސް އެއްބަސްވެފަ އެވެ.
އިންގިރޭސި މީޑިޔާ ރިޕޯޓްތަށް ބުނާ ގޮތުގައި މިހާރު ޓޮޓެންހަމްއިން ވަނީ ލޫކަސް އާއެކު އެއްބަސްވާންޖެހޭ ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ. މީގެ ތެރޭގައި އޭނާގެ މުސާރަ އާއި ބޯނަސް ހިމެނެ އެވެ. މިހާރު ލޫކަސްގެ ޓްރާންސްފާ ފުރިހަމަ ކުރުމަށް ނިންމަން ޖެހެނީ މެޑިކަލް އެކަންޏެވެ.
ޖެނުއަރީ ޓްރާންސްފާ ފެށުމާއެކު ޕީއެސްޖީގެ ވެރިން ވަނީ ލޫކަސް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންނަމަ އޭނާއަށް އެފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. މިގޮތަށް ޕީއެސްޖީގެ ވެރިން ނިންމާފައިވަނީ ލޫކަސްއަށް މުޗުތަކުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބި ބެންޗުގައި އިންނަ ޖެހޭތީ އެވެ. މިސީޒަން ފެށުނު އިރު ޓީމަށް ނޭމާ އަދި ކީލިއަން އެމްބާޕޭ ގުޅުނު ފަހުން ލޫކަސްއަށް ފުރަތަމަ އެގާރައިން އެއްވެސް ވަރަކަށް ޖާގަ ނުލިބެ އެވެ.
25 އަހަރުގެ ފޯވާޑް ލޫކަސް ވަނީ ބްރެޒިލް ގައުމީ ޓީމަށް 36 މެޗު ކުޅެ ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ. 2010 ވަނަ އަހަރު ބްރެޒިލްގެ ގަދަ ބާރު ސައުޕާލޯއިން ކެރިއަރު ފެށި ލޫކަސް ވަނީ އެޓީމުގައި ހޭދަކުރި ދެސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ޔޫރަޕްގެ ގިނަ ކްލަބްތަކެއްގެ ސައުގުވެރިކަން ހޯދާފަ އެވެ. މިގޮތުން އޭނާގެ ސޮއި ހޯދުމަށް އޭރު އެންމެ ބޮޑަށް މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑު ހިމެނެ އެވެ.
ސައުޕާލޯގައި ވިދާލުމަށްފަހު ލޫކަސް 2012 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ 38 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޕީއެސްޖީގައި ލޫކަސް ހޭދަކުރި ފަސް އަހަރު އޭނާ ވަނީ އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.