ކުޅިވަރު

ސިޓީގެ ޑިފެންސަށް އެކަނިވެސް 269 މިލިއަން ޔޫރޯ

މެންޗެސްޓާ ސިޓީގެ ކޯޗް ކަމާ ޕެޕް ގާޑިއޯލާ ހަވާލު ވިފަހުން އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް އެކަނި 269.5 މިލިއަން ޔޫރޯ ހޭދަ ކޮށްފި އެވެ.

ސިޓީގެ ޑިފެންސްގައި އަދިވެސް އެކަށީގެންވާ ވަރަށް ވަރުގަދަ ނޫން ކަމަށް ބުނެ، ގާޑިއޯލާ ވަނީ، އެތުލެޓިކް ކުލަބަށް ކުޅެމުން ދިޔަ ފްރާންސްގެ އެމެރިކް ލަޕޯޓް ސިޓީއަށް ގެނައުމަށް ހުރިހާ ކަމެއް ނިންމާފަ އެވެ. ލަޕޯޓް ސިޓީއާ ގުޅެނީ 65 މިލިއަން ޔޫރޯ އަށެވެ. އޭގެ އިތުރުން ބޯނަސްގެ ގޮތުގައި އިތުރު ފަސް މިލިއަން ވެސް ހިމެނޭ ގޮތަށް ޖުމުލަ 70 މިލިއަން ޔޫރޯ އެވެ.

ގާޑިއޯލާގެ ޓީމުން ހޭދަ ކޮށްފައި ވަނީ، ތަފާތު ފަސް ޑިފެންޑަރުންނަށެވެ. ލަޕޯޓް އަކީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންއާ އާ ދާދި އެއްގޮތަކަށް ކުޅޭ ކުޅުންތެރިޔެކެވެ. ލަޕޯޓް ޓީމާ ގުޅުމުން ސެންޓްރަލް ތިން ޑިފެންޑަރުން ބޭނުން ކުރުމުގެ ފުރުސަތު ގާޑިއޯލާ އަށް ލިބިގެންދާނެ އެވެ. ނިކޮލަސް އޮޓަމެންޑީ ވެސް މި ސީޒަންގައި ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ގާޑިއޯލާއަށް މިހާރު އޭނާގެ ޑިފެންސާ މެދު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެ ވެއެވެ.

ހޫނު މޫސުމުގެ ޓްރާންސްފާގައި، ޓީމު އޯވަހޯލް ކުރުމުގެ ގޮތުން ގާޑިއޯލާ ވަނީ ޑިފެންސަށް ކުޅެމުން ދިޔަ ބައެއް ކުޅުންތެރިން ދޫކޮށް ލުމަށް ފަހު އާ ކުޅުންތެރިން ގެނެސްފަ އެވެ. ކޮންޓްރެކްޓް ހަމަވުމާއެކު ސިޓީން ދޫކޮށްލީ، ޕަބެލޯ ޒަބަލެޓާ، ގޭލް ކްލީޝީ އަދި އެލެކްސެންޑާ ކޮލަރޯވް އެވެ. އޭނާ ގެނައީ ޓޮޓެންހަމްއަށް ކުޅެމުން ދިޔަ ކައިލް ވޯލްކާ އާއި ރެއާލް މެޑްރިޑްގެ ޑަނިލޯ އަދި މޮނަކޯގެ ބެންޖަމިން މެންޑީ އެވެ.

ގާޑިއޯލާ ސީޓީއަށް ގެނައި ޑިފެންޑަރު

  • އެމެރިކް ލަޕޯޓް - 70 މިލިއަން ޔޫރޯ
  • ބެންޖަމިން މެންޑީ - 57.5 މިލިއަން ޔޫރޯ
  • ކައިލް ވޯލްކާ - 57 މިލިއަން ޔޯރޯ
  • ޑަނިލޯ - 30 މިލިއަން ޔޫރޯ
  • ޖޯން ސްޓޯން - 55 މިލިއަން ޔޫރޯ